އެހާކުރިން އެމީހުން އެތާ ކުރީކީއް!
އަލިފާނުގެ ބައެއް ހާދިސާތައް ހިންގާފައިހުރީ ކަމެއް ފޮރުވަން
ހައުސިންގ މިނިސްޓްރީ ހިންގަމުން ދިޔަ އިމާރާތް ކައިރީގައި ހެދުނު 6.30 ހާއިރު އަމީނީ މަގުގައި އަލިފާން ނިވާ ދެވެހިކަލް މަޑުކޮށްގެން އޮތްތަން ދުށްމީހުން ވަރަށް ގިނައެވެ. އެތާ އެގަޑީގައި އަލިފާން ނިވާ ވެހިކަލްތައް އެ އޮތީ ކީއްކުރަން ހެއްޔެވެ. އިރުކޮޅަކު އޮތުމަށްފަހު އޭގެ ތެރެއި އެއް ވެހިކަލް ބޮޑުތަކުރުފާނު މަގުން އިރުމައްޗަށް ދުއްވާފައި ދިޔަތަން ދުށް މީހުންވެސް އުޅެއެވެ.
ހައުސިން މިނިސްޓްރީގެ އިމާރާތުގައި ރޯވި އަނދަންފެށީ ކަނޑައެޅިގެން ކޮން އިރެއްގައިކަން ނޭނގުނަސް އިމާރާތުގެ ބޭރުން ދުންފެނި ހުޅުފަޅައިގެން ދިޔައީ 7.30 ގެ ފަހުން ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ. އެހާ ކުރިން އެތާގައި އަލިފާން ނިވާ މީހުންތިބެ މުޅިތައް އަނދާ ހުލިވާ ވަރަށް ހުޅުގަނޑު ބޮޑުވުމުގެ ކުރީން ނިވާނުލެވުނު ނުވަތަ ކޮންޓްރޯލް ނުކުރެވުނު ގޮތާމެދު ސުވާލު އުފެދެއެވެ. ކަންބޮޑުވެއެވެ. ޝައްކުތަކާއި ނުސިޔާނު ހީކުރުންތައް ހީކުރެވެއެވެ.
ރާއްޖޭގައި އޮފީސް އޮފީހުގައި ހިނގާފައިހުރި އަލިފާނުގެ ބައެއް ހާދިސާތައް ހިންގާފައިހުރީ ކަމެއް ފޮރުވަން ނުވަތަ އޮއްބާލާ ލިޔެކިޔުންތަކެއް ނައްތާލުމަށްކަން ތަހުގީގާއި ޝަރީއަތަށް ސާބިތުވެފާ އެބަހުއްޓެވެ. ސަރުކާރު މުއައްޒަފުންގެ ނަދީ އަނދާހުލިވި ހުލިވުމަކީ އޭގެ އެއް މިސާލެވެ.
ހައުސިން މިނިސްޓްރީއަކީ މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓްތަކާގުޅޭ ހުރިހާ ކަމެއް ބަލަހައްޓާ އިދާރާއެވެ. ގޯތިތަކާއި ފްލެޓްތައް ހައްގުވެރިންނަށް ހަވާލު ނުކޮށް ދިގު ދަންމަމުންދާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި ނިހާޔަތަށް ބޮޑެވެ. އެކިފަހަރު އެކި ހަމަ އަޅުވައިގެން ގޯތިތަކާއި ފުލެޓްތައް ނުދީ ސަރުކާރުން ދިގު ދަންމަމުން ދާކަމަށް ތުހުމަތުކުރާ މީހުންވެސް މަދެއް ނޫނެވެ. ހައުސިންގ މިނިސްޓްރީ އަންދާ ހުލިކޮށްލުމަކީ އޭގެ އެޕިސޯޑެއް ކަމަށް ދެކޭ މީހުންވެސް އުޅެއެވެ.
ހައުސިންގ މިނިސްޓްރީ އަނދާ ހުލިވުމުގައި އެހެން ސަބަބެއް ނުވަތަ ސަބަބުތަކެއް ވެސް ހުރެދާނެއެވެ. ރާއްޖޭގެ ބިލްޑިން ކޯޑް ކަނޑައަޅާ ތަންފީޒުކުރާ ވުޒާރާއަކީ ފެންވަރެއް ނެތްތަނެއްގެ ގޮތުގައި ހުރި ހުރުމަކީވެސް ކުޑަކަމެއް ނޫނެވެ. އެއަށް ވުރެވެސް ބޮޑުކަމަކީ އަލިފާން ނިއްވާ މީހުން މާއިރާ އެތާތިބެ އެވަރަށް އެ އިމާރާތް އަނދާ ހުލިވެގެން ދިޔަ ދިޔުމެވެ.
ރާއްޖޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުގެ ފުޅާ ތަހުގީގެއް ހިންގާ އެއްވެސް ހާދިސާއެއްގެ ފެކްޓް ފައިންޑިންގ ތަފްސީލީ ރިޕޯޓެއް ހާމަކޮށް އިސްލާހީ ފިޔަވަޅު އެޅުމަކީ ރާއްޖޭގައި އޮންނަ ކަމެއް ނޫނެވެ. ވަކި ބަޔަކަށް ޓާގެޓް ނުކޮށް ސިޔާސީ ޓޫލަކަށް ނުވާގޮތަށް ސުވާލެއް ނެތް މިންވަރަށް ހަގީގަތް ހާމަކުރުމަކީ ތަހުގީގީ އިދާރާތައް ދަންނަ ކަމެއްނޫނެވެ. އެހެންކަމުން ހައުސިންގ މިނިސްޓްރީ އަނދާ ހުލިވުމުގައިވެސް އަޑި ނޭނގޭ ކަންތައް ގަޑެއް ނެތްކަމަށް ގަބޫލެއް ނުކުރެވޭނެއެވެ. އަލިފާން ނިވާވެހިކަލްތައް އެހާކުރިން އެތާއޮތް އިރު ގޮތްނޭނގޭ ކަންތައް ތަކެއް ނުހިނގާނަމަ ޔަގީނުންވެސް އެވަރުގެ ފަނާކުރުމަކަށް އެކަން ނުވީހެވެ. އެ ތަނަކީ ކެމިކަލް ގުދަނެއް ނޫނެވެ.