މުއިއްޒުގެ ހުއްޓުވުންގަނޑު : ފްލެޓް އޭސީސީން - ގޯތި ކޯޓުން

ގޯތިތައް ނުދީ ދަންމާލާނެ ބަހަނާއެއް އުފަން ކުރުވީ

މުއިއްޒުގެ ހުއްޓުވުންގަނޑު : ފްލެޓް އޭސީސީން - ގޯތި ކޯޓުން

ވެރިކަން ނިމި ނިމި އޮއްވާވެސް ރައީސް ސޯލިހު ވަނީ 4000 މީހުނަށް މާލޭ ސަރަހައްދުން ފްލެޓް ކަށަވަރުކޮށް ދެއްވާފައެވެ. 9000 މީހުނަށް މާލެ ސަރަހައްދުން ގޯތި ކަށަވަރުކޮށް ދެއްވާފައެވެ. ގޯއްޗާއި ފްލެޓަށް ހޮވުނު މީހުންނަކީ ކޮން ބައެއްކަން ސާފުކޮށް އެނގޭވަރަށް އިއުލާނުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލާ އެކަށީގެންވާ މުއްދަތު ދިނެވެ. މުއްދަތުގައި ހުށަހެޅި ޝަކުވާތަކަށް ބަލާ ދާއިމީ ލިސްޓް ގެޒެޓްކޮށް އިއުލާން ކުރިއެވެ. 

މާލޭ ސަރަހައްދުން ގޯތިލިބޭ މީހުނަށް ދޫކުރާނެ ބިން ހިއްކަމުން ފަތުއަޑުކިޔާފައި ދިޔައެވެ. ގޯތިތައް ދޭތަންތަން ކަނޑައަޅާ ގުރުއަތުލައިގެން ކާކަށް ގޯތިދޭނީ ކޮންތާކުންކަން ނިންމާ އެގްރިމަންޓް ހަދާ ގޯތީގެ ރަޖިސްޓްރީ ހަދާ އިންވަކިކޮށް ދެމުން ގެންދިޔައެވެ. ބިން ހިއްކެމުން ދާވަރަކަށް ގޯތިތައް ހަވާލު ކުރަމުން ދަނިކޮށް ވެރިކަން ބަދަލުވީއެވެ. 

އޭރު މާލެ ސަރަހައްދުން ގޯތިދޭތީ އެކަން ހުއްޓުވަން ކޯޓަށް ބަޔަކު ދިޔައެވެ. ސިޔާސީ ގޮތުން ރައީސް ސޯލިހަށް ލޮޓިއެއް ދިނުމުގެ ވިސްނުމުގައެވެ. އެމީހުން ބޭނުންވި ކޯޓު އަމުރު އެދުނު ގޮތަށް ދަށުކޯޓުން ނެރެ ނުދިނުމުގެ ސަބަބުން އޭރު ގޯތި ހަވާލުކުރުމުގެ މަސައްކަތް ހުއްޓުވައެއް ނުލެވުނެވެ. އެހެން ނަމަވެސް ދޭން ޖެހޭ ގޯތިތައް މުޅިން ހިއްކާ ނުނިމޭތީއާއި އިދާރީ ބައެއް ސަބަބުތަކާހުރެ ވެރިކަން ބަދަލު ވުމުގެކުރިން ރައީސް ސޯލިހުގެ ސަރުކާރަކަށް ގޯތިތަކުގެ ހުރިހާ ކަމެއް ނިންމައެއް ނުލެވުނެވެ. 

މާލެ ސަރަހައްދުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ފްލެޓް ހައްގުވާ 15ހާހެއްހާ މީހުން ތިއްބެވެ. ވަގުތީ ލިސްޓް އިއުލާނުކޮށް ޝަކުވާއަށް ހުޅުވާލާ ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތްކޮށް ދައިމީ ލިސްޓް ތައްޔާރުކޮށް ގެޒެޓްކޮށް އިއުލާންކުރިއެވެ. ފުރަތަމަ އިމާރާތްކޮށް ނިމޭ 4000 ފްލެޓް ދޭނެ މީހުން ޝަރުތު ހަމަވާ މީހުންގެ ތެރެއިން ހޮވާ ގެޒެޓްކޮށް އިއުލާނު ކުރިއެވެ. ފުރަތަމަ 4000 ފްލެޓް ދޭން ނިންމީ އެންމެ މަތީން މާރކްސް ލިބުނު 4000 މީހުންނަށެވެ. އެމީހުންނާ ސަރުކާރާ ދެމެދު ހިޔާވަކަމުގެ އެއްބަސްވުތައް ހަދާނިންމިއެވެ.

އެއްބަސްވުން ހެދި މީހުނަށް ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ނުފެށި އުޅެނިކޮން އޭސީސީން އަމުރުކޮށްގެން އިންތިގާލީ މަރުހަލާގައި އޭސީސީ ނިދިން ހޭލާ ފްލެޓްތައް ހަވާލު ކުރުން ހުއްޓުވިއެވެ. އެހެން ކަމުން ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓްތައް ނުދެވެނީސް ރައީސް ސޯލިހުގެ ވެރިކަން ނިމިއްޖެއެވެ.

މިއަދާ ހަމައަށްވެސް ފްލެޓްތައް އޮތީ އޭސީސީ މުށުތެރޭގައި ތާށިކޮށްފައެވެ. ދޭނެކޮޅެއް މެދެއް ދެވޭނެ ގޮތެއް އޮތްކަމަކަށް ނުވެއެވެ. މުއިއްޒު ހައްގު ކިރާ މީޒާން ގެންނަނީ މަހުޝަރުގެ މައިދާނުން ނޫންބާއޭ ހިތަށް އަރައެވެ. އެހެން ނުބުނެވޭ ވަރެއް ނޫނެވެ. ފްލެޓް ލިބޭކަމަށް ކަނޑައެޅިފައި ތިބި މީހުންގެ ތެރެއިން %60 އަށް ހައްގުވާ ކަމަކަށް މިހާރަކު ނުވެއެވެ.  

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަން ހޯދައިދިނުމަށް ބަންޑާރަ ގޯތި ދިނުމަށް ސޯލިހު ސަރުކާރުން ނިންމުމާ ގުޅިގެން ވާދަވެރި ސިޔާސީ ވެރިން އެ ގޯތިތައް ދިނުން ހުއްޓުވާނެ ކަމަށް އަޑުހަރުކޮށް ބުނަމުން ދިޔައެވެ. ފްލެޓްތައްވެސް ދެވެނީ ހައްގުން ނޫން ކަމަށް ބުނަމުން ދިޔައެވެ. އެހެނަސް ކެންޕޭނުގެ ފޯރިގަދަވެ ރައީސް ސޯލިހު ސަރުކާރުން ދޭން ކަނޑައަޅާ ގެޒެޓް ކޮށްފައިވާ ގޯއްޗެއް ފްލެޓެއް ދޭން ނިމިފައި އޮތްތަނަކުން ދޭނެކަމަށް ބުނެ މުއިއްޒު ވައުދުވިއެވެ. އޭރުވެސް އެކަން ނުކޮށް ވާން އޮތް ހުރިހާކަމެއް ފަރުދާގެ ފުރަގަހުގައި ދިޔައީ ކުރަމުންނެވެ.

ރައީސް މުއިއްޒުގެ ވިދާޅުވި ވިދާޅުވުމަކީ ވެވަޑައިގެން އެހެން ވައުދުތަކެކޭ އެއްގޮތަށް ހެއްދެވި އިތުރުފުޅެއްކަން އަންނަނީ ދުވަހެއް ދުވަހަކަށް ސާބިތުވަމުންނެވެ. ވެރިކަން ލިބިވަޑައިގަތުމާއެކު ނިންމެވީ ފުށިދިއްގަރުފަޅަށް ގޯތިތައް ބަދަލު ކުރާށެވެ. ހުވަފެނީ ރަސްމާލެއެއް ކުރައްސަވަމުންނެވެ. އެހެންނަމަވެސް ޕްރެޝަރ ބޮޑުވެގެން މާލެ ސަރަހައްދު ދޭންކަނޑައެޅި ގޯތިތައް އެތަންތަނުން ދޭނެކަމަށް ވިދާޅުވިއެވެ. އެކަމަކު އެކި ބަހަނާ ދައްކަވަމުން ލަސްކޮށް ފަސްކުރަނީއެވެ. 

އެންމެ ފަހުން ގޯތި ދިނުމަށް ގުޅީފަޅުން ހިއްކަމުންދާ ބިންހިއްކުން ކޯޓުން މިއަދު އެހުއްޓުވީއެވެ. ގޯތިތައް ނުދީ ދަންމާލާނެ ބަހަނާއެއް އުފަން ކުރުވީއެވެ. ފްލެޓްތައް ހުއްޓުވީ އޭސީސީންނެވެ. ގޯތިތައް ހުއްޓުވީ ކޯޓުންނެވެ. ކިހާ ރީތިހެއްޔެވެ. މުއިއްޒު ކުރިކަމެއް ދެކަމުން ކުރެ ކަމެއްގައިވެސް ނެތެއް ނޫންހެއްޔެވެ. މުއިއްޒުގެ ހުއްޓުވުން ގަނޑު ކިހާ ސަޅިހެއްޔެވެ.