އިންވެސްޓް ފޯރަމްގައި މަދީ އަތްބަޅޭ-ކަޑަ
ހައްޕުނޑު ހުންނާނީ ފީކުދާނުގަ
ވަރަށް ބޮޑު ތެދެކެވެ. ޔޫއޭއީގައި މުއިއްޒު ބޭއްވި އިންވެސްޓް ފޯރަމުގައި މަދީ އަތްބަޅޭ ކަޑައެވެ. އަތްބަޅޭ ކަޑައިން އަބަދުވެސް މަސްބުރި ރިހަޔާ ރޮއްޓާ ލިބެން ހުރެއެވެ. އަތްބަޅޭ ކަޑަ މެދުނުކެޑި ހިދުމަތުގައި މާލޭގައި އެބަހުރެވެ. އަތްބަޅޭ ކަނޑައިން ކައި ބަނޑު ސިކާރަކޮށްލާ މީހުން މާލޭގައި ލައްކަ ގިނައެވެ. އަތްބަޅޭކަނޑަ ފޯރަމަށް ނުގެންދިޔައީ ކަސްޓަމަރުން ނުލިބިގެން އަތްބަޅޭ ކަޑައިން އުޅޭން ނުޖެހޭތީ ކަންނޭގެއެވެ. މުއިއްޒު އިންވެސްޓް ހޯދަން ބޮޑު ފައުޖެއްގެ މީހުން ގޮވައިގެން ދިޔައިރު އަތްބަޅޭކަޑަ ނުގެންދިޔައިތީ ވަރަށް ދެރައެވެ. މާކަރީ ލައިޓް ހުރިނަމަ އެތަންވެސް ގެންދިޔައީސް ތޯއްޗެކެވެ.
އިންވެސްޓަރުން ހޯދަދޭން ތިބިއްޔާ ތިބިބަޔަކު ނުގެން ގޮހެއް ނުވާނެތާއެވެ. ދިޔަ މީހުންގެ ތެރެއިން އަދުރޭ ކީއްކުރަން ހެއްޔެވެ. އެކަކަށް އެއްބަހަކުން ވާހަކަ ދައްކަން ނޭގުނަސް އަތްފައި ބަޅާ ބޫޅިކޮށްގެން ވެސް އިންވެސްޓެއް ރާއްޖޭގައި ކުރެވޭތޯ އެމޭޒަނާއި މައިކްރޯސޮފްޓް ވެސް އެތިބީ ދެލޯ މުދަނަށް އަރާފައެވެ. ރާއްޖޭގައި އިންވެސްޓް ކުރާހިތުން ލޮލުފިޔަ ނުޖެހިގެން މަށަށް މަށަށް ގޮވާލަ ގޮވާލާ ސާދާގަރުންތައް އެތިބީ ފޯރަމް ބޭއްވުން ލަސްވެފައެވެ. ހާމަސް ލޯގަނޑަކަށް ކާޅުބައެއް ޖެހިގަންނަހެން އިންވެސްޓަރުންތައް އެއޮހިގަތީ ހަތަރު އުދަރެސް ބައްދާލާފައި ނޫން ހެއްޔެވެ.
އަންތަރީހެއް ނުވާނެ ހެއްޔެވެ. މިލިޔަން މިލިޔަން ޑޮލަރު ހަރަދުކޮށްގެން ޔޫއޭއީގައި މުއިއްޒު ތިޔަ ބޭއްވި ފޯރަމަކުން ވީކަމެއް ވީބަޔަކަށް ވިއެވެ. ބަޔަކު ބަނޑު ނުބައިވެގެން އުޅޭނެ ކަމެއް ނެތްތާއެވެ. ފޯރަމަށް ގެންދިޔަހާ މީހުނަށް އަރަބި އިމާރާތުގެ އަގުބޮޑު ހޮޓާތަކާއި ފިހާރަތަކަށް ރައްޔިތުންގެ ފައިސާ ތަޅާ ބުރުއްސުނެވެ. ދިވެހި ރައްޔިތުން ބަޑަށް ތިއްބާ މުއިއްޒާ އޭނާގެ އައުވާނުންނަށް ހިނދުކޮޅަކަށް ނަމަވެސް ރަންއިލޮށިން ކަދުރު ކެވުނެވެ. ފަސްޓް ކުލާހުގައި ދަތުރުކޮށް ނެތްފައިސާ ތަޅާބުރުވުނެވެ. ބޮޑެތި ފައުޖުތައް ހަދައިގެން ހަތަރުމަހުން ހަތަރު ދަތުރު ދުނިޔެ ބަލާއިލަން މުއިއްޒަށް ކުރެވުނެވެ. އޭޓީއެމް ކާޑަކުން 25 ޑޮލަރު ނުނެގުނަސް ހެޔޮތާއެވެ. އެއްޔަކީ ކުޑަ އިންވެސްޓްމަންޓެއް ނޫނެވެ.
ސަމާސާ ކަނޑާލާފައި ބުނެ ބަލާށެވެ. މިލިޔަން މިލިޔަން ޑޮލަރު ހަރަދުކޮށްގެން ޔޫއޭއީގައި ތިޔަ ބޭއްވި ފޯރަމަކުން ލިބުނު އިންވެސްޓްމަންޓެއް ނެތެއް ނޫންހެއްޔެވެ. ތިޔަ ތަނެއް ދެކިލަން ދިޔަ މީހަކު ވެސް ނެތެވެ. އެކަމަކު ރަސްމާލެ ތަރައްގީގެ އިންގިލާބީ ބަދަލަކަށް ވަނީއެވެ. ގުއިނުދެކޭ ކާޅުތަކަށް ގުއިފެނިގެން އުޅޭހެން ބައިސާ ކަޑާއިރު އާޓިފިސަލް އިންޓެލިޖެންސްގެ ވާހަކަ މުއިއްޒު ދެއްކީމާ ކުރަނީ މަލާމާތެވެ. ދުބާއީ ތަރައްގީކުރި ފިކުރުން ވައްކަން ކުރާވާހަކަ މުއިއްޒު ދެއްކީމާ ބޮލުރޮދި ކެނޑިފައި ހުރިވަރު އެމީހުންނަކަށް ނޯޅޭނެއެވެ.
ދުނިޔޭގެ އިގްތިސާދު އޮތްގޮތާއި ހުރި ގޮންޖެހުންތައް މުޅި ދުނިޔޭގެ މަހުޖަނުންނަށް އެނގެއެވެ. ރާއްޖޭގައި ޓޫރިޒަމަށް ދޫކޮށް ނުނިންމިފައި ހުރީ ކިތައް ރައްކަން އެމީހުންނަކަށް ނޯޅެއެވެ. ރާއްޖޭގައި ސިޔާސީ ހަމަޖެހުން ނެތްކަމާއި އިންވެސްޓަރުންނަށް ފަހި މާހައުލެއް ރާއްޖޭގައި ނެތްކަން މާރަނގަޅަށް އެމީހުނަށް އެނގެއެވެ. މުއިއްޒު ސަރުކާރަކީ ކުކުޅަށްވުރެ ބިސް ދޮށިވެގެން އުޅޭ ކުޅޭކުޅޭ ސަރުކާރެއްކަން އެންމެންނަށް އެނގެއެވެ. ވަގުތީ ޖަޒްބާތުގައި ކުރެވޭ ނުކުރެވޭ ކަމެއް ނޭގޭ ދަމާކަނޑާ ހޮޅި ސަރުކާރަކުންދޭ ޔަގީންކަމަކަށް އިންވެސްޓް ފުނޑާލާކަށް ދުނިޔޭގެ މަހުޖަނުން ބޭނުމެއް ނުވެއެވެ. ރުންކުރު ހަރުކަށި ހައްދުފަހަނައެޅުމަށް ބާރުދޭ ސަރުކާރެއްގެ ގޮތުގައި ސިފަވާ ސަރުކާރަކަށް އިންވެސްޓަރުން އިތުބާރެއް ނުކުރެއެވެ.
ވިސްނާ ބަޔަކަށް ރަނގަޅު ފިލާވަޅެކެވެ. އެއްގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި އިހުތިރާމް މުއިއްޒަށް ޔޫއޭއީ ދަތުރުން ފެންނާނެއެވެ. މީގެ ކުރިން ރާއްޖޭގެ ވެރިންނަށް ޔޫއޭއީ ފަދަ ގައުމުތަކުން ކުރި އިހުތިރާމާއި ގަދަރު މިހާރަކު ނުކުރެއެވެ. ހަމައެކަނި މުއިއްޒަށް މަރުހަބާކިޔަން ދިޔަ ފެންވަރުން ވެސް އެކަން އިހުސާސްވެއެވެ. ކޮންމެ ބޭނުމެއްގައި ރާއްޖޭގެ ވެރިއަކު ޔޫއޭއީއަށް ދިޔަސް މުއިއްޒަށް މިފަހަރު ކީވަރުގެ ފެން މަރުހަބާއެއް ކިޔާފައެއް ނެތެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސް ވަހީދާއި ރައީސް ޔާމީނާއި ރައީސް ސޯލިހު ކުރެން އަހާށެވެ. އެ ބޭފުޅުންވެސް މިއަދު ލަދު ގަންނާނެއެވެ.
ހަމަ އެއްވަގުތެވެ. ޔޫއޭއީގައެވެ. ރައީސް މުއިއްޒެކޭ ބޮޑުވަޒީރު މޯދީއެކޭ ގައުމެއްގެ ވެރިއެއްގެ ނިސްބަތުން އޮތީ ކޮންތަފާތެއް ހެއްޔެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް އަރަބި އިމާރާތުންކީ މަރުހަބާ އެންމެނަށް ފެންނާނެއެވެ. މަރުހަބާ ވިދާޅުވީ އެ ދައުލަތުގެ އެންމެ މަތީ ވެރިޔާއެވެ. ގާރޑް އޮފް އޮނަރ އާއި ރަތް ދޫލައިންނެވެ. އެކަމަކު ހައްޕުނޑު ހުންނާނީ ފީކުދާނުގައެވެ.