ރައީސް ނަޝީދަށް އެމްޑީޕީ ކޮންމެ މެންބަރަކު މުހިންމު

ރައީސް ނަޝީދު ހޮވީ ވަކި ބަޔަކު ފައްސާ ބޭރުކޮށް ވަކި ބައެއްގެ މުށުތެރެއަށް ޕާޓީ ގެންދިއުމަކަށް ނޫން

ރައީސް ނަޝީދަށް އެމްޑީޕީ ކޮންމެ މެންބަރަކު މުހިންމު

އެމްޑީޕީގެ މެންބަރުންނޭވެ. ޗެއަރޕާސަން އިންތިހާބު ނިމި ޗެއަރޕާސަނަކަށް ރައީސް ނަޝީދު ހޮވިއްޖެއެވެ. ގިނަ މެންބަރުން މިވަގުތަށް ބޭނުންވީ ރައީސް ނަޝީދު ލީޑަރޝިޕްގައި ހުންނަވައިގެން އެމްޑީޕީއާއިގެން ކުރިއަށް ދިޔުމަށެވެ. ގުޅިގެން އެންމެން އެކުގައެވެ.

ރައީސް ނަޝީދު ޗެއަރޕާސަންކަމަށް މެންބަރުން ހޮވީ ވަކި ބަޔަކު ޕާޓީން ފައްސާ ބޭރުކޮށް ވަކި ބައެއްގެ މުށުތެރެއަށް ޕާޓީ ގެންދިއުމަކަށް ނޫނެވެ. ތަފާތު ވިސްނުންތަކާއެކު އެކަތިގަޑެއްގެ ގޮތުގައި އެމްޑީޕީ ވަރުގަދަކޮށް ބޮޑު ބަދަލު ރާއްޖެއަށް ގެނައުމަށެވެ. ވަކި ބަޔަކު ބާކީކޮށް އެކަހެރިކޮށް އެއްފަރާތް ކުރެއްވުމުގެ ނިޔަތްވެސް ރައީސް ނަޝީދުގެ ކިބައިގައި ހުރެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. 

އެމްޑީޕީއަކީ ފިކުރު ގަބޫލުކޮށްގެން ޕާޓީއާއިގުޅޭ ކޮންމެ މީހަކަށްމެ ތަންމިނަށް ފުރުސަތު ދޭ ޕާޓީއެވެ. ހިއްވަރާ ކެރުމާއެކު ހަރަކާތްތެރިވާ މީހަކަށް އެމްޑީޕީގައި ޖާގަ އޮންނާނެއެވެ. އުފެދުނީއްސުރެ ދެގޮތެއްނުވެ ހުންނަ މީހާއާއި ނިކުމެނިކުމެފައި ވަންނަ މީހާއާއި އަލަށްގުޅޭ މީހާއަށްވެސް ހަމަހަމަ ފުރުސަތު އެމްޑީޕީގައި އޮވެއެވެ. 

އަސްލު އެމްޑީޕީއަކާއި ފޭކް އެމްޑީޕީއެއް ނޯވެއެވެ. އެމްޑީޕީއަކީ އިސްލާހާއި ތަރައްގީއާއި މިނިވަންކަމާއި ހައްގުގެ ފިކުރެވެ. ދެބަސްވެ އެއްބަސްވުމުގެ ފިކުރެވެ. ތަފާތު ހިޔާލަށް ހުޅުވުނު ފިކުރެވެ. އަބުއިކަމާއި ބޭފުޅިޒަމާއި މަވެތިކަމާއި ތަފާތުކުރުމަކީ އެމްޑީ އެމްޑީޕީގެ ފިކުރެއް ނޫނެވެ. އެކެއް އަނެކަކަށް އަޅަލާ ރައްކާތެރިކަންދީ އައިބުތައް ފޮރުވާދީ ފަލީހަތްނުކޮށް މެންބަރުން އިސްލާހުކުރުމަކީ އެމްޑީޕީއާއި މެދު ކުރެވޭ އުންމީދެވެ.

ކިތަންމެ ބައިބޯވިޔަސް އެމްޑީޕީގެ ކުޑައިގެ ދަށުގައި ތިބޭނީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން އެކަތިގަނޑެއްގެ ގޮތުގައި ތިބޭ އެއްބަޔެކެވެ. ކިތަންމެ ކުރިން އަޔަސް ކިތަންމެ ފަހުން އަޔަސް ކޮންމެ ތަކުން އަޔަސް އެމްޑީޕީ ކުޑައިގެ ދަށަށް މީހަކު ވަދެއްޖެނަމަ އެމީހަކު ބާކީކޮށް އެކަހެރި ކުރުމަކީ އެމްޑީޕީގެ ފަލްސަފާއެއް ނޫނެވެ. 

އިންތިހާބީ ޖަޒްބާތުގައި އުފެދުނު ނުތަނަވަސްކަމުން އަރައިގަނެ އެކަތިގަޑެއް ގޮތުގައި ތިބެ ރައީސް މުއިއްޒު ސަރުކާރު ކޮށިއަރުވާލާ ބަލިކޮށްލުމަށްވުރެ މުހިންމު އެއްވެސް ކަމެއް އެމްޑީޕީއަކަށް މިހާރަކުނެތެވެ. ރައީސް ނަޝީދުގެ ސިޔާސީ ތަޖުރިބާއާއި ބައިނަލްއަގުވާމީ ގުޅުމާއި އެކްޓިވިޒަމް ބޭނުންކޮށްގެން ރައީސް މުއިއްޒު ޖަވާބުދާރީ ކުރުވުމަށް އެކަކުވެސް ބާކީނުކޮށް މުޅި އެމްޑީޕީ އަތުގުޅާލަންވީ ވަގުތަކީމިއެވެ.