ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް އޮތިއްޔާ އިންޑިއާ ސިފައިން ތިބޭނެ
ސިވިލިއނުންގެ ނަމުގައި ތިބޭނީ އިންޑިއާ ސިފައިން
މުއިއްޒު ކަމަކީ އަދިވެސް އޮޅުވާލުމެވެ. ދޮގު ހެދުމެވެ. ހަދާހާ ދޮގަކަށް ހެއްލޭކަށް ދިވެހިންނަކީ ބުއްދިނެތް ބައެއް ނޫނެވެ. އޭދަފުށީގައި މީހުން އެއްކޮށްގެން 10 އެޕްރީލުގެ ފަހުން ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ބުނީމާ އެމީހުންވެސް އެ ވާހަކަ ގަބޫލެއް ނުކުރެއެވެ. އޭދަފުށީ މީހުންނަކީ މޮޔައިންނޭ މުއިއްޒަށް ހީވަނީ ހެއްޔެވެ. ހުސްގޮނޑިއަކާއި ޔާމީނުގެ ފޮޓޯ ވިއްކައިގެން ވެރިކަން ހޯދުނަސް ހަދާހާ ދޮގަކަށް އެންމެނެއް އަބަދަކު ނުހެއްލޭނެއެވެ. މުއިއްޒު ވިއްކި ދޮގުގަތް ގިނަ މީހުން މިއަދު އެތިބީ ހެދުނު މޮޔަ ހީވެ ފޫހިވެފައެވެ.
ބުނަން ހެއްޔެވެ. 10 އެޕްރީލްގެ ފަހުން ވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭނެއެވެ. އެ މީހުން ބޭރެއް ނުކުރެވޭނެއެވެ. ސިވިލިއަނުންގެ ނަމުގައި ހެދުން ބަދަލުކޮށްގެންވެސް އައިސް ތިބޭނީ އިންޑިއާ ސިފައިންނެވެ. ރާއްޖޭން އިންޑިއާ ސިފައިން ބާލަންޏާ އެންމެ ފުރަތަމަ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ފޮނުވާލާށެވެ.
އިމަރޖެންސީ ހާލަތުގައި ބަލިމީހުން އުފުލުމަށާއި ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގައި ބޭނުންކުރާ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓަކީ އިންޑިއާގެ އަސްކަރިއްޔާގެ އުޅަދު ތަކެކެވެ. ރާއްޖޭއަށް އެތަކެތި ގެނެސްގެން ބޭނުންކުރަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ވީ އެއްބަސް ވުމެއްގެ ދަށުންނެވެ. އެ އުޅަދު ފަހަރު މަރާމާތުކޮށް ބެލެހެއްޓުމާއި އޮޕަރޭޓް ކުރުމަކީ އިންޑިއާ އިންޑިއާއިން ކޮށްދޭން އެއްބަސް ވެގެން އެގޮތަށް ހިނގަމުން އައިކަމެކެވެ.
އިންޑިއާގެ އަސްކަރީ އުޅަދު ތަކެއް ބަލަހައްޓަނީ އިންޑިއާ އަސްކަރިއްޔާއިންނެވެ. އަސްކަރީ ކަންކަމަކީ ސިވިލިއަނުން (އާއްމުން) ނަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. އެއިން ކޮންމެ ކަމަކާ އަސްކަރީ އެތައް ކަމެއް ލާމެހިފައި އޮވެއެވެ. އާންމުންގެ އަތް މައްޗަށް އަސްކަރީ އުޅަނދު ފަހަރު ދޫކޮށްލުމަކީ އެއްވެސް އަސްކަރިއްޔާ އަކުން ކުރާނެ ކަމެއް ނޫނެވެ.
ރާއްޖޭގައި އޮޕަރޭޓްކުރާ އިންޑިއާގެ އަސްކަރީ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް ދުއްވާ ބަލަހައްޓާކަށް އިންޑިއާއިން އާއްމުންނެއް ނުފޮނުވާނެއެވެ. ދެ ގައުމުގެ ދިފާއީ ސިއްރުތަކެއް އާއްމުންގެ އަތްމައްޗަކަށް ދޫކޮށެއް ނުލާނެއެވެ. ދޫކޮށް ލެވޭކަށް ނުވެސް އޮންނާނެއެވެ. ދިވެހި ސިފައިން ވެސް އެ ގޮތަކަށް ބޭނުމެއް ނުވާނެއެވެ.
ކިތަންމެ އޮފުދާރު ކޮށްގެން ވާހަކަ ދެއްކިޔަސް ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ދުއްވާ ބެލެހެއްޓުމަކަށް އިންޑިއާއިން އާއްމުންނެއް ނުފޮނުވާނެއެވެ. ހެލްކޮޕްޓަރުތަކާއި ޑޯނިއާ ބޯޓު ބޭނުން ކޮށްގެން އިންޑިއާ އަސްކަރިއްޔާއާއި ދިވެހި އަސްކަރިއްޔާއިން ހޯދާ އެއްކުރާން ބޭނުންވާ އެއްވެސް މައުލޫމާތެއް ސިވިލިއަނުން މެދުވެރިކޮށްގެން ހޯދާކަށް ދޫކޮށެއް ނުލާނެއެވެ. އަނެއްކާ ހަމަ އެކަނި ބަލި މީހުން އުފުލައިލާ ރެސްކިއު އޮޕަރޭޝަން ތަކަށް އަގު ބޮޑު އުޅަނދު ތަކެއް ދޫކޮށްލައިގެން ދުވަހުން ދުވަހަށް އިންޑިއާ އަސްކަރިއްޔާއިން ހަރަދު ކޮށްކޮށެއް ނުތިބޭނެއެވެ.
ސިވިލިއނުންގެ ނަމުގައި ވިޔަސް ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް އޮޕަރޭޓް ކުރަން ތިބޭނީ އިންޑިއާ ސިފައިންނެވެ. ކޮންމެ ހެދުމެއްގައި ތިއްބަސް ސިފައިން ވާނީ ސިފައިންނަށެވެ. ރާއްޖޭގައި އެ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް އޮތްހާ ހިނދަކު މި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭނެއެވެ. ނުބޭލޭނެއެވެ. ހިތްވަރެއް ހުރިއްޔާ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް ރާއްޖޭން ފޮނުވާލާށެވެ. އޭރަކުން އިންޑިއާ ސިފައިންނެއް ނުތިބޭނެއެވެ.