ޕީއެންސީ ޕްރައިމަރީ - މުއިއްޒު ނިމުމުގެ ފެށުން
މަޖިލިސް އެމްޑީޕީއާއި ޔާމީނަށް
ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރި ގިނަ މީހުންނަކީ ރައީސް ޔާމީނުގެ ވަފާތެރިންނެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީވެސް މުއިއްޒަށެވެ. ރައީސް ޔާމީނަށް ވެރިކަން ހޯދައިދޭން ފޫގަޅައިގެން ތިބި އެތައްބަޔަކު މަޖިލިސް ޕްރައިމަރީއަށް ނިކުމެ ޓިކެޓް ހޯދީ ފިސާރި ރޭވުންތެރިކަމާއި އެކު ހޭލާ ތިބެއެވެ.
ޕްރޮގްރަސިވް ކޯލިޝަނުން ހަމައެކަނި މަޖިލީހަށް ވާދަ ކުރެވޭނީ ޕީއެންސީން ނިކުންނަ ކެންޑިޑޭޓުންނަށް އެކަނި ކަމަށް ދުރަލާ ނިންމީ ކަމެއް ވެގެންނެވެ. ޕީޕީއެމް ޓިކެޓްގައި މަޖިލީހަށް މީހުން ނުނެރޭން ނިންމީ ޕީޕީއެމަށް މުއިއްޒު އިތުބާރު ނުކުރާތީއެވެ. ގައްސާނާއި ސިޔާމަށް ވަޒީރުކަމަށް ރުހުން ނުދޭން އެމްޑީޕީއާ ލޮބީކުރި ވާހަކައަކީ ވެސް ފުލޯކެއް ނޫނެވެ. ޕީއެންސީ ބޮޑުކޮށް ޕީއެންސީ ބާރުވެރިކުރުވީ ރިޔާސަތުން ޕީޕީއެމްގެ ނަން ފުހެލާށެވެ. މަޖިލިސް އިންތިހާބު ވަންދެން ޕީޕީއެމް ވެގެން ތިއްބަސް ޕީޕީއެމްގެ ނަންވެސް އޭގެ ފަހުން ނުގަނެވޭނެއެވެ. ޕީޕީއެމްގެ ގްރާސްރޫޓްގެ ބޮޑުބައެއް ޕީއެންސީ ކަހާލެވެން އޮތީ މަޖިލީހުގެ އިންތިހާބުގެ ތެރޭގައެވެ.
ޕީޕީއެމްގެ ކޮންޓްރޯލު އަދިވެސް އޮތީ ރައީސް ޔާމީނުގެ އަތުގައިކަން މުއިއްޒަށް އެނގެއެވެ. ޕްރައިމަރީ ވޯޓުގެ ކުރިންވެސް ޕްރައިމަރީގައި ބަޔަކަށް ވާދަނުކުރެވޭ ގޮތް ހެދިނޫން ހެއްޔެވެ. ނަމަވެސް އެނބުރުންގަނޑު ބޮޑުވެ ކެނބު ކަނޑައިގެން ހިނގައިދާނެ ކަމުގެ ބިރަށް އެދޭހާ ބަޔަކަށް ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ދިނީ ގޮތް ހުސްވެގެންނެވެ.
ވީގޮތެއްވެ ލީގޮތަކަށް ވޯޓުލާ ބަޔަކު ޕްރައިމަރީ ކާމިޔާބު ކުރިއެވެ. ކަމަކު ދާކަށްނެތެވެ. ގެރިހަން ލައިގެން ތިބި ސިންގާ ތަކެއް ޓިކެޓަށް ހޮވުނުކަން މުއިއްޒަށް އެނގުނެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އެގަހު ކޭލެއް މިގަހު ކޭލެއް އެޔަކުން ވަތްކެއް ނުވެއެވެ. ދިން ޓިކެޓް އަތުލާނެ މީހެއް ނުލާނެ މީހެއް ނޭނގުނެވެ. އެންމެ ފަހުން ޖެހުނީ ޓީކެޓް އޮތްތާކު ބާއްވަފައި ވަފާތެރިހެން ހީވާހާ މީހަކީ މަގޭ މީހާއޭ ބުނެ އެމީހާ ހޮވައިދޭން އުޅޭށެވެ.
ޕީއެންސީ ޓީކެޓަށް ދާއިރާތަކުން ބަޔަކު ހޮވިފައި ތިއްބަސް ވެރިކަން ދަމަހައްޓަން ޖެހޭތީ ބޮޑު ހޯގުޅާ ތަކަކަށް ވަކިވަކި ދާއިރާ ދޫކޮށްލަން މުއިއްޒަށް އޮތީ ޖެހިފައެވެ. ބައެއް ދައިރާތަކަށް ޕީއެންސީން މީހުން ނުނެރޭން ނިންމާ ދާއިރާ ހަދިޔާ ކުރަންވެސް ޖެހުނީއެވެ. ބުރުމާ ގާސިމާއި ސަން ސިޔާމާއި ކާނަލް ނާޒިމަށް އެއޮތީ އެމީހުން ބޭނުންވީ ދާއިރާ ދޫކޮށްލާފައެވެ. އެދައިރާތަކުގައި ތިބި މަޖިލީހަށް ޝައުގުވެރި ޕީއެންސީ މެންބަރުން އެކަމާ އެތިބީ ދަތްވިކައިގެންނެވެ.
އަނެއްކޮޅުން ގާސިމަށް ހުޅުމާލޭ ދެކުނު ގޮނޑި ވިއްކާލައިގެން ޝާންކޮ ހުއްޓުވަން އުޅުނީމާ ވީގޮތް ފެނިއްޖެ ނޫން ހެއްޔެވެ. ޝާންކޮ ދާއިރާގެ ހުރިހާ ގޭބިސީއެއްގެ ފެނާ ކަރަންޓާއި ކުލި ފަސް އަހަރު ދުވަހަށް މާފުކޮށް ދެވޭހާ ހިތްވަރެއް މުއިއްޒު ގަޔަކު ނެތެވެ. ޝާންކޮ ހުއްޓުވޭނީ އެވަރު ހުރިއްޔާ ނޫން ހެއްޔެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ. ބުރުމާ ގާސިމަށް އިތުބާރުކޮށްގެން ސިޔާސީ ކަމެއް ކުރުމެކޭ ގެއަށް މިނިކާވަގެއް ވައްދައިގެން އުޅުމެކޭ އޮންނާނީ ކޮން ތަފާތެއް ހެއްޔެވެ.
މުއިއްޒު މަޖިލީހަށް ޓަކާ މިޖަހާ މަރުސަކަރާތުން ފައިދާ ލިބެނީ ޔާމީނަށާއި އެމްޑީޕީއަށެވެ. ރޫޅިވެރި ބާރު ކެނޑެމުން ދަނީ މުއިއްޒުގެއެވެ. ގަސްވެރިޔާ ލައްވާ ގަސްކަނޑާ ވައްޓާލާތަން ބަލަން ތިބެމާ ހިނގާށެވެ.