ޔާމީނު ބާރުވެރިވުމުގެ ވަގުތު ޖެހެނީ!

ދިވެހިންނަށް އެންމެ މޮޅީ މުއިއްޒު އެއްފަރާތްކުރުން.

ޔާމީނު ބާރުވެރިވުމުގެ ވަގުތު ޖެހެނީ!

މުއިއްޒު ސަރުކާރަށް ރައްޔިތުން ކުރި އިތުބާރު ގެއްލިއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީއަކީ ސަމާސާ އަކަށް ނޫނެވެ. ރައީސް މުއިއްޒުގެ ފުށުން ރެޔާއި ދުވާލު ފެންނަނީ އިތުބާރު ގެއްލޭ ކަންކަމެވެ. ވެރިކަމަށް އައުމަށް އޮޅުވާލި އޮޅުވާލުން ތަކާއި ދޮގު ވައުދު ތަކުން ފެށިގެން ވެރިކަމުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިތުބާރު ހިފޭ އެއްކަމެއް ނުފެނެއެވެ. ފައްޔާޒު އެ ވިދާޅުވިއްޔަކީ ދޮގު ވާހަކައެއް ނޫނެވެ. 

ވިސްނާލަ ބަލާށެވެ. ބާލަން ވެރިކަމަށް އެރި އިންޑިއާ ސިފައިންގެ ބާލަނީ ޔުނީފޯމެވެ. ގެއްލުނު ކަނޑު ހޯދުން ހަދަނީ ދައުލަތުން ފައިސާފެލާ އޮތްބަކަށެވެ. މިނިވަންކުރަން ވައުދުވީ ރައީސް ޔާމީންގެ ކިބައިން މިނިވަންކުރީ ޕީޕީއެމް-ޕީއެންސީއެވެ. ވެރިކަމަށް އާދެވެންދެން ހަރާންވި ޔާމީނުގެ ހުކުން ވެރިކަން ލިބުމާއެކުވީ ހަލާލެވެ. ހުސް ގޮނޑިއެއް ދައްކައިގެން ވެރިކަން ހޯދާ ހުސްގޮނޑި ތަކަކަށް ރިޔާސީ ބަޔާން އިއްވާ ހުސްގޮނޑިއަށް ބާރު ހޯދަން ދިޔައީ ސްޕްރީމް ކޯޓަށެވެ.

މުސާރަ ދޭނޭ ފައިސާ ނެތިގެން ކުންފުނިތަކުން އެތައް ސަތޭކަ މުއައްޒަފުން ކަނޑާ މަގުމަތި ކުރަމުން އައްޔަނު ކުރަނީ އަތްގުޅި ނުކާވަރު ބޮޑު މުސާރައިގައި އެތައް ސަތޭކަ ސިޔާސީ މުއައްޒަފުންނެވެ. ރަށްރަށުގައި ގާއިމު ކުރަމުންދާ ފެނާ ނަރުދަމާގެ ނިޒާމު ހުއްޓުވާ އަޅަން އުޅެނީ ބަޖެޓްގައި ނެތް ކެންޕޭން އެއަރޕޯޓް ތަކެވެ. މާލެ ސަރަހައްދުން މާލޭ މީހުނަށް ދޭން ކަނޑައަޅާފައިވާ ގޯތިތައް ނުދީ މާލޭ މީހުނަށް ގޯތިދޭން ހިއްކަން ފެށީ ބަޖެޓްގައި ނެތް ފުށިދިއްގަރުފަޅެވެ. ބަނދަރާ މަގާ ނުހެދުނަސް އަޅަން އުޅެނީ ބިލިޔަން ޑޮލަރުގެ ކަނޑުއަޑީ ޓަނަލެވެ.

ރާއްޖޭގެ ކުދި ކުދި ބޭސް ފިހާރަތަކާއި ކުލިނިކް ތަކާއި ހޮސްޕިޓަލް ތަކުން ހޯދި ހިދުމަތަށް ދޭނެ ފައިސާއެއް އާސަންދައަކު ނެތެވެ. އަވައްޓެރި ގައުމުތަކުން ހޯދި ހިދުމަތަށް ދަރަނި އަދާކުރާނެ ފައިސާ ނެތިގެން އަސަންދަ އޮތީ ދޮޅި ފެނުގައެވެ. އެކަމަކު ނެތް ފައިސާއިން އާސަންދައިގެ ހިދުމަތްދޭން ބެންކޮކާ ދުބާއީ ހުޅުވާލަނީއެވެ. އޭރުންވެސް އިތުބާރުކޮށް ޖަހަންވީ އަތެވެ.

ހުވާކުރި ޖަލްސާގައި އަނގަފުރާފައި ބުނީ އިގުތިސާދީ ފުންވަޅުގަޑެއް އޮތް ވާހަކައެވެ. އެހެން ބުނަމުން ދިދަ ހެކިކޮށް ބުނީ ގިރާވަރުފަޅުން ފެށިގެން ފުށިދިއްގަރުފަޅާ ހަމަޔަށް ބުރުޖު ހަލީފާތައް ކޯދުލާ ބިންފަޅާ އަރާނެ ވާހަކައެވެ. ޑްރޯނުން ސަރަހައްދު ބެލެހެއްޓުމާއި މަސްވެރިންނަށް ކިރާ މަހުގެ އަގު 48ގަޑިއިރު ތެރޭގައި ދިނުމާއި ބޯންމެރޯ ހެދުމާއި ތަރައްގީގައި ގުދަށްތިބެ ދުބާއީ އެތިބަ ދައްކަނީއެވެ. 

އިގުތިސާދު ރޫފަޖެހި ބޯކޮށް ޑޮލަރު ވަދެ އެތެރެއެއް ބޭރެއްނެތި މިނެއްނެތި ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނި ޑޮލަރަށް ވީވަރަކީ 25 ޑޮލަރަށްވުރެ މަތީގެ މުއާމަލާތެއް ނުހިންގޭ ގޮތްވުމެވެ. ޑޮލަރު ނުލިބިގެން ފިހާރަތަކުގެ ދޮރުމަކުޑި އަޅުވަން އޮތީ ޖެހިފައެވެ. ބާޒާރުން މުދާ ހުސްވެ އަނގަޔާ އަތާ ދިމާ ނުވާން ފެށީމާ 16 މިލިޔަނުގެ ޖަގޫޒީއަށް އެރިތިބޭތަން ފެންނާނީ މަޖޫރީންނެވެ.  

ގާނޫނު އަސާސީއާއި ހިލާފުވުމުގައި ވެސް މިވަރުކަމެއް ނެތެވެ. ރިޔާސަތާއި ކެބިނެޓާ ދޭތެރެއަށް ގާނޫނު އަސާސީ ނުދަންނަ ބޮޑުވަޒީރަކު ހުރެއެވެ. ލާމަރުކަޒީ ގާނޫނުގެ ބާރުތައް ދަތްދޮޅި ވަޒީރުގެ އަންބޮޑިއަށް ޖަހަލައިފިއެވެ. ރެއަކަށް އިރުއޮއްސި އަލިވިލުނުއިރު ގަނޑުކޮށް ހުރިގޮތަށް ވިކުނު 13ހަށި ގަނެލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހުއްދަނެތި ފުށިދިއްގަރުފަޅާއި ހުޅުމާލެއިން ބޭރު ކުންފުންޏަކަށް ބާޓާ އުސޫލުން ބިންދީފިއެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ބަޔަކަށް ވަޒީރުކަން ދީގެން ވަޒީރުންގެ މަޖިލީހުގައި އެބަ ގެންގުޅެއެވެ. ގާނޫނާ ހިލާފަށް އަނބިމީހާއަށް ނޯޕޭލީވެއް ހޯދައިގެން ނޯޕޭލީވްގައި ބަހައްޓައިގެން ދައުލަތުން ފައިސާ އެބަ ނަގުވައެވެ. 

މަޖިލީހުގައި ތަމްސީލު ނުކުރެވޭ ގޮތަށް ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ އޮތީ ހިސޯރުކޮށްފައެވެ. ޕްރައިމަރީގައި ޕާޓީމެންބަރުން ވޯޓުދީގެން ޕާޓީގެ ޓިކެޓަށް ހޮވާ ކެންޑިޑޭޓް ހުއްޓާ އެހެން މީހަކަށް ވާގިދީގެން ޕާޓީ ނިޒާމާއި "ޑިމޮކްރެޓީކް ވެލިއުސް" ވެއްޔާ މޮޑެލަނީއެވެ. 

ގޮތްފޮތް ވެރިއެއްގެ ކިބައި އެވަރަށް ނެތުނީމާ އިތުބާރަކީ މީހުން ކުރާނެ އެއްޗެއް ނޫނެވެ. މުއިއްޒަށް ކިރިޔާވެސް ބާރެއް މަޖިލީހުން ލިބިއްޖެނަމަ ރާއްޖޭގައި މިހުނަށް ދިރިއުޅުމާ ނުކުޅަދާނަ ވާނެއެވެ. ދިވެހިންނަށް އެންމެ ހެޔޮގޮތަކީ ވީހާ އަވަހަކަށް ވެރިކަމުން މުއިއްޒު ފައްސާ ނަގާލުމެވެ. ހޮޅި ވައުދުވެ ހޮޅިހޮއްލަން މުއިއްޒު ބެހެއްޓޭކަށް ނެތެވެ.  ޕީޕީއެމް-ޕީއެންސީގެ ބާރު ޔާމީނުގެ އަތްމައްޗަށް އަލުން ގެނައުން ނޫން ރަނގަޅު އެއްވެސް ގޮތެއް ޕީޕީއެމް-ޕީއެންސީއަކަށް މިހާރަކު ނެތެވެ. ޔާމީނު ބާރުވެރިކުރުމުގެ ވަގުތު މިހާރު ޖެހިއްޖެއެވެ.