”ކިންގް ދަ ލޭންޑް" އަށް ފާޑުކިޔުންތަކެއް ކުރިމަތިވެއްޖެ
ޖުންހޯ އާއި ޔޫންއޭ ލީޑް ރޯލުން ފެނިގެންދާ ނެޓްފްލިކްސް އިން ސްޓްރީމް ކުރާ ކޭޓީބީސީގެ ”ކިންގް ދަ ލޭންޑް" އިން ދާދި ފަހުން ނެރުނު އެޕިސޯޑު ތަކުގައި އަރަބި ސަގާފަތަށް އިހުތިރާމް ނުކުރާތީ ފާޑުކިޔުންތަކެއް ކުރިމަތިވެއްޖެއެވެ.
ޕްރިންސް ސަމީރު ކިޔާ ސަޕޯޓިން ކެރެކްޓަރުން އަނޫޕަމް ޓްރިޕާތީ ފެނިގެންދަނީ ނައިޓް ކްލަބެއްގައި އަންހެނުންނާ އެކު ބަނގުރާ ތަށިތަކެއް ހިފައިގެން މަޖާ ނަގަން ހުނަން ތަނެވެ. އަނެއްބައި މަންޒަރުތަކުގައި އޭނާ ބަނގުރާ ބޮއެގެން ޗެއޮން ސާ ރަންގް އާއި ފާޅުގައި ފްލާރޓް ކުރަމުންދާ މަންޒަރު ފެނެއެވެ. ޝޯގެ ތެރޭގައި އަންހެން ލީޑުން ވެސް ސާމިރަށް "ޕްލޭބޯއީ" ގެ ނަމުން ނަންދެއެވެ.
ބެލުންތެރިން ވަނީ މުސްލިމް ކެރެކްޓަރެއް ޕްލޭބޯއީ އެއްގޮތަށާއި ބަނގުރާ ބޯމީހެއްގެ ގޮތައް ސިފަކުރުން އެއީ އެމީހުންގެ ދީނީ ޢަޤީދާތަކަށް އިޙްތިރާމް ކުޑަ ކުރާ ކަމެއް ކަމަށް ބުނެ ޝޯ އުފެއްދި ފަރާތްތަކުން މައާފަށް އެދެން ޑިމާންޑްކޮށްފައެވެ.
ޕްރިންސްގެ ކެރެކްޓާ ކުޅެފައިވާތީ އެކްޓަރު ވަނީ އޮންލައިންކޮށް ވެސް ޓްރޯލްކޮށްފައެވެ. އެކަން އެއްފަރާތްކޮށްލާއިރު، އިންޑިއާ މީހަކު އަރަބި ކެރެކްޓަރެއްގެ ރޯލުން ފެނިގެންދާތީ ވެސް އެ ސީރީސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
ކިންގް ދަ ލޭންޑް އިން ޝަކުވާތަކަށް ރައްދުދީފައިވާ ގޮތުން ޑްރާމާގައި ފެންނަ ކެރެކްޓަރުންނާއި ސަރަހައްދުތަކާއި ތަންތަނުގެ ނަން ފަދަ ކަންކަމަކީ ޚިޔާލީ ސެޓިންގްތަކެއް ކަމަށާއި، ވަކި ސަގާފަތަކަށް ސަމާސާ ނުވަތަ އޮޅުވާލުމުގެ ވިސްނުމެއްނެތް ކަމަށެވެ. އަދި ޕްރޮޑަކްޝަން ޓީމުން އިން އެކި ސަގާފަތްތަކަށް އިހުތިރާމްކުރާ ކަމަށެވެ. އަދި ބެލުމުގައި އެއްވެސް އުނދަގުލެއް ނުވާނެ ގޮތަށް ޕްރޮޑަކްޝަން އިން އިތުރު ސަމާލުކަމެއް ދޭނެކަމަށެވެ.