އަތޮޅު ރައްޔިތުންގެ ބާރު ކަނޑުވާލާ އަތޮޅު ހިންގާނީ މުއިއްޒުގެ ޕަޕެޓެއް

ހަރަދު ކުޑަކުރަން އަތޮޅުކައުންސިލް އުވާލިޔަސް އަތޮޅު އޮފީހަށް ކުރާ ހަރަދު ކުޑައެއް ނުވޭ

އަތޮޅު ރައްޔިތުންގެ ބާރު ކަނޑުވާލާ އަތޮޅު ހިންގާނީ މުއިއްޒުގެ ޕަޕެޓެއް

އަތޮޅު ކައުންސިލްތައް އުވާލީ ހިންގުމުގެ ހަރަދު ބޮޑުވެގެން ހަރަދު ކުޑަކުރަން ކަމަށް ރައީސް މުއިއްޒު ވިދާޅުވީ އެއްތާކު ދެތާކު ނޫނެވެ. ހަރަދު ކުޑަކުރުމުގެ ބަހަނާގައި އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު އުވާލީ ނުސީދާ ނުބައި ނިޔަތެއްގައިކަން ރައީސް އަމިއްލަފުޅަށް މިއަދު އެ ސާބިތުކޮށް ދެއްވީއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅު އެނޫން ގޮތަކަށް މޭރުމެއް ނުވެއެވެ. 

އުވާލެވުނު އަތޮޅު ކައުންސިލްތައް އެކުލެވިފައި އޮތީ މުޅި އަތޮޅުން އިންތިހާބުކުރާ އަތޮޅުކައުންސިލްގެ ރައީސަކާއި އަތޮޅުގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް މައްޗަށެވެ. އޭރު އަތޮޅުކައުންސިލްގައި އިންތިހާބު ނުކުރާ އެކަކުވެސް ނުހުރެއެވެ. އަނެއްކޮޅުން އަތޮޅު ކައުންސިލްގައި ވަކި ސިޔާސީ ފިކުރެއްނެތި އަތޮޅުގެ ހުރިހާ ރަށެއް ތަމްސީލް ވެއެވެ.

ރަނގަޅު ނިޔަތުގައި ރަނގަޅަށް އުފެދިފައި އޮތް އަތޮޅު ކައުންސިލް އުވާލުމުން އަތޮޅު އޮފީސްތައް އޭގެ ޒާތުގައި އުވިގެން ދާންޖެހެއެވެ. އެހެންނަމަވެސް އެކަން އެހެނެއް ނުވިއެވެ. އަތޮޅު އޮފީސްތައް އެނަމުގައި އެބަހުއްޓެވެ. 

ހަރަދު ކުޑަކުރަން އަތޮޅުކައުންސިލް އުވާލިޔަސް އަތޮޅު އޮފީސްތަކަށް ކުރާ ހަރަދު އެންމެ ތަންފުކެއްވެސް ކުޑަ ނުވާނެ ކަމަށް އެ ވިދާޅުވީއެވެ. މުވައްޒަފަކުވެސް މަދު ނުވާނެ ކަމަށް ވިދާޅުވަމުން ރައީސް އެވިދާޅުވީ އަތޮޅު އޮފީސްތައް ހިންގާނީ ސީދާ ސަރުކާރުން ކަމަށެވެ.

މިހާރު ހަމަޖެހިގެން އެދިޔަ ގޮތުން އަތޮޅު އޮފީސް ހިންގަން ހުންނާނީ ރައީސް އައްޔަނުކުރައްވާ ވެރިއެކެވެ. އަތޮޅުގެ ކަންކަން ނިނމުމުގައި އަތޮޅު ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ނުއޮންނާނެއެވެ.

އަނެއްކޮޅުން އަތޮޅު އޮފީސް ހިންގަން ކޮންމެ ނަމެއްގައި ވެރިއަކު އިސްކުރިޔަސް އެމީހެއްގެ މުސާރައާއި އިނާޔަތްތައް އަތޮޅު ކައުންސިލުގެ ރައިސަށް ވުރެ އެންމެ ތަންފުކެއްވެސް ކުޑަ ނުވާނެކަމަށް ބެލެވެއެވެ. އެހެން އެކަންވުމުން ދައުލަތަށް ހަރަދު ކުޑަވާ ގޮތެއް ނޭނގެއެވެ.

އަތޮޅު ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ ރައީސަކު އަތޮޅު ކައުންސިލް ހިންގުމަކީ ރައީސް މުއިއްޒަށް ހަޖަމުކުރެވުނު ކަމަކަށް ނުވިކަން ވަރަށް ސާފުކޮށް އެނގިގެން ހިގައްޖެއެވެ. ރައީސް ބޭނުންވެވަޑައިގަތުމުން ބަދަލު ނުކުރެވޭ ވެރިއަކު އަތޮޅު ހިންގަން ހުރުމަކީ ރައީސް މުއިއްޒުގެ ހުދުމުހުތާރު ސިޔާސަތާ ފުށުއަރާ ކަމަކަށްވުން ނޫންކަމެއް އަތޮޅު ކައުންސިލްތައް އުވާލުމުގެ ފަހަތުގައި ނުވާކަން ކަށަވަރެވެ. 

އަތޮޅު ކައުންސިލް އުވާލީ އަތޮޅުތަކުގެ ވަސީލަތްތަކަށް ސަރުކާރުގެ ކޮންޓްރޯލް ކުޑަވުމުންނެވެ. އަތޮޅު ރައްޔިތުން ބޭނުންވާ ގޮތަށް އަތޮޅުތަކުގެ ވަސީލަތްތައް ބޭނުން ކުރުމަށް ރައްޔިތުންނަށް އޮތް ފުރުސަތު ހަނިކޮށްލުމަކީ މުއިއްޒު ބޭނުންފުޅުވެ ވަޑައިގަތް ގޮތެވެ. ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަތްޕުޅުމައްޗަށް ނުނަންގަވާ ދައުލަތް ހިންގުމަކަށް ރައީސް މުއިއްޒު ދެނެވަޑައެއް ނުގަންނަވައެވެ.