ޖުލައި26ގެ ރޯމަރު ދޮގު | މުއިއްޒާއި 9ވަނަ ހަސަނުގެ ފޯޅަވަހި
ޗާގޯސްއަކީ ރާއްޖޭގެ ތަނަކަށް ވެއްޖެނަމަ ވެދާނެ މާދެރަ ގޮތެއް
މިނިވަން ދުވަހުގެ ރަސމީޖަލްސާގައި ޖުލައި 26 ދުވަހު ރައީސް މުއިއްޒު ފަތިފައްޗަށް ހެދި ދޮގުތަކުގެ ވާހަކަ އެތައް ބަޔަކު އެބަ ދައްކައެވެ. ތެދެއް ހެދެން އޮތަސް ދޮގެއްނޫނީ ނުހެދޭ މުއިއްޒު ދޮގުހަދަނީ މުއިއްޒު ބުނާހެންނެވެ. ނިތްކުރިއަށް ރުލެއްވެސް އަރުވާނުލާ އެތައް އިރެއްވަންދެން ފަރިތަކަމާއެކުގައެވެ. އަޑު އަހާ މީހުނަށް ތެދެކޭ ހީވާހާ މޮޅަށެވެ.
ނަސްރާނީ ވެގެން ރާއްޖޭގެ ރަސްކަން ދޫކޮށް ގޯވާއަށް ދިޔަ ހަސަން ރަސްގެފާނަށް އިތުބާރުކޮށް ޗާގޯހަކީ ދިވެހި ރާއްޖޭގެ ތަނެއްކަމަށް ބުނި ފުރަތަމަ ދިވެހި ވެރިއަކީ މުއިއްޒެވެ. ހަސަން ރަސްގެފާނާއި މުއިއްޒާ ނޫނީ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމަށް ވިދާޅުވި ރަސްކަލަކު ރައީސަކު ދިވެހި ދިގުތާރީހު ނުދެކެއެވެ. އެއްގޮތް ސިފަތަކެއް ލިބިފައި ކައިރީގައި އޮންނަ ކޮންމެ އެއްޗަކީ އަމިއްލަ އެއްޗަކަށް ވަންޏާ އަމިއްލަ ވާނެ އެއްގޮތް ލައްކަ އެއްޗެހި ހުންނާނެއެވެ.
ބަޔަކާ ފޯޅަވަހި ހަވާލުކުރަންޏާ ހަވާލުކުރަންޖެހޭ ރައިޓްފުލް އޯނަރަކީ ދިވެހި ރާއްޖެއަށް ވާންޖެހޭ ގޮތެއް ނެތެވެ. އެއްވެސް އިރަކު ފޯލަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ދިވެހިން ގަބޫލުކުރިނަމަ ދިވެހިރާއްޖޭގެ ދިގުތާރީހުން އެކަން އެގެން އޮންނާނެއެވެ. ޗާގޯހަކީ ރާއްޖޭގެ ތަނެއްކަމަށް ބެލެވެން ނެތް ސަބަބުތައް މާގިނައެވެ.
ފުރަތަމަ ކަމަކީ މީލާދީން 1153ގައި ރާއްޖެ އިސްލާމް ވީއްސުރެ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. ރާއްޖެއަށް ނިސްބަތްވީ ހުރިހާ އަތޮޅަކާއި ރަށެއްގައި އޫޅެނީ މުސްލިމުންނެވެ. އެންމެ ކައިރިން މަލިކުގައިވެސް އުޅެނީ މުސްލިމުންނެވެ. އެހެނެއް ކަމަކު ޗާގޯހުން އިސްލާމް ދީނުގެ އަސަރުވެސް ފެންނަންނެތެވެ. ޗާގޯހުގެ ރައްވެހިންގެ ގޮތުގައި ފެންނަން ތިބި މީހުންގެ ތެރޭގައިވެސް މުސްލިމަކު ނެތެވެ.
ޗާގޯސް ހުސްކުރިއިރު ޗާގޯހުގެ ވަޒަންވެރިންގެ ގޮތުގައި ތިބި އެއްވެސް މީހަކު ރާއްޖެއަކަށް ނުގެނެއެވެ. އެއިން މީހަކު ރާއްޖެއަށް އަންނާކަށްވެސް ނޫޅެއެވެ. ކުރިއްސުރެ ޗާގޯހަކީ ރާއްޖޭގެ ބައެއްނަމަ އެތަނުން އިސްލާމު ދީނުގެ އަސަރު ފެންނަން ހުރީހެވެ.
މޮރިޝަސް އިން ޗާގޯހުގެ ސިޔާދަތީ ބާރު ހޯދަން ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރަމުން ދާކަން އެ ކަމެއް ފެށުނީއްސުރެ ދިވެހި ސަރުކާރަށާއި ދިވެހިންނަށް އެނގެއެވެ. ޗާގޯހަކީ ރާއްޖޭގެ ބައެއްކަމަށް އެއްވެސް ވަރަކަށް ގަބޫލުކުރެވިފައި އޮތްނަމަ ރާއްޖޭގެ ވެރިކަން ކުރެއްވި ނާސިރާއި މައުމޫނާއި ނަޝީދާއި ޔާމީނާ އެކަން ނުކުރައްވައެއް ނުތިއްބެވީހެވެ. ރާއްޖޭން އަބަދުވެސް ދައްކަމުން އައީ އަޑީ ބެޑްގެ ވާހަކައާއި ކަނޑުގެ ވާހަކައެވެ. ޗާގޯހުގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮންނަންޖެހޭނެ ވާހަކައެއް ކުރީގެ އެއްވެސް ސަރުކާރަކުން ނުދައްކައެވެ.
ކުރީގެ ވެރިން އެވާހަކަ ނުދައްކާ ތިބީ ތަންދޮރު ނޭނގިގެނެއް ނޫނެވެ. ހައްގުނޫން އެއްޗެއްގެ މައްޗަށް ވެރިވެ ގަނެގެން ފައިދާ ނަގަން ބޭނުން ނުވާތީއެވެ. އަނެއްކާ ޗާގޯސްއަކީ ރާއްޖޭގެ ތަނަކަށް ވެއްޖެނަމަ ވެދާނެ މާދެރަ ގޮތެއް އެވެރިންނަށް ވިސްނެނީތާއެވެ.
ޗާގޯހުގެ ސިޔާދަތުގެ ތެރޭގައި ހިމެނޭނީ ހަމައެކަނި ޗާގޯހަށް ނިސްބަތްވާ ސަރަހައްދާއި އެސަރަހައްދުގެ ބިމާއި ކަނޑާއި ޖައްވާ އެސަރަހަރުގައި ހިމެނޭ ތަކެއްޗެއް އެކަންޏެއް ނޫނެވެ. ޗާގޯހުގެ ހަގީގީ ރަށްވެހިންވެސް ޗާގޯހުގެ ސިޔާދަތުގެ ތެރޭގައި ހިމެނޭނެއެވެ. އެހެން އެކަން އޮތްއިރު ޗާގޯހަކީ ރާއްޖޭގެ ސިޔާދަތުގެ ބަޔަކަށް ވެއްޖެނަމަ އެއްހާސް އަހަރުވާންދާ ރާއްޖޭގެ އިސްލާމްކަން ވެސް ގެއްލިގެން ދާނެއެވެ. އިސްލާމް ދީނަކީ ދިވެހި ގައުމިއްޔަތުގެ އެއްރުކުނެވެ.
ނަސޯރާއިންނަށް ނިސްބަތްވާ ޗާގޯހަކީ ރާއްޖޭގެ ބައެއްކަމަށް ބުނެފައިއޮތީ އިސްލާމް ދީން ދޫކޮށް ތިމާ ނަސޯރާވެގެން ރާއްޖެ ނަސޯރާ ކުރަން އުޅުނު 9 ވަނަ ހަސަން ރަސްގެފާނެވެ. ޗާގޯސްއަކީ، ރާއްޖޭގެ ބައެއްކަމަށް މިހާރު ބުނަމުން އެދަނީ އެލްޖީބީޓީކިޔު+ އެއްބަސްވުމުގައި ސޮއިކޮގެން ހުރެ ޓައުންޝިޕްގެ ނަމުގައި ބިދޭންސިން ރާއްޖޭގެ ރައްވެހިންނަށް ހަދަން އުޅޭ މުއިއްޒެވެ. ޗާގޯސް ރާއްޖޭގެ ބަޔަކަށް ވުމުގެ އާހިރު ނަތީޖާއަކީ ރާއްޖޭގެ ސައްތައިންސައްތަ އިސްލާމް ވަންތަކަން ނެތިދިޔުމެވެ. ގައުމީ ރޫހުގައި ގައުމަށްޓަކައި މުއިއްޒު ކުރާކަމެކޭ ބުނެ އެހަދަނީ ރޯމަރު ދޮގެވެ.


