ގޯތީގެ ކަންކަން އޮޅުވާލަންޏާ ދާނީ އަތަށް ގޮވަމުން: އަކުރަމް

ސަރުކާރުން އެ ދައްކަނީ ކަނޑައެލިގެން ދޮގުވާހަކައެއް

ގޯތީގެ ކަންކަން އޮޅުވާލަންޏާ ދާނީ އަތަށް ގޮވަމުން: އަކުރަމް

ކަމަކާ ހަވާލުވާއިރު ކުރިން ތިބި ބަޔަކު ކަންކުރަން ނިންމާފައިވަނީ ކިހިނެތްތޯ ރަނގަޅަށް ބަލަންޖެހެއެވެ. ނެނގޭންޏާ ކަންކުރި ބަޔަކު ކުރެން އަހާ އޮޅުން ފިލުވަން ވެސް ޖެހެއެވެ. ހިނގަ ހިނގާ ހުންނަ ކަންކަން ނުކޮށް ހުއްޓާލުމުގެ ބަހަނާއަކަށް ކަންކަން ނުހަދާށެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ގޯތިދޭނޭ ސަރަހައްދު ކަނޑައެޅީ އެޗްޑީސީންނެވެ. އެޗްޑީސީން ތައްޔާރު ކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށެވެ. ގޯތިދޭނެ ބިންތައް އޭރުގެ ހައުސިން މިނިސްޓްރީން ފާހަގަކުރީ އާބަންކޯ (އެޗްޑީސީ)ގެ ޕްލޭނާއެއް ގޮތަށެވެ. ލޭންޑް ޔޫސް ޕްލޭނުގައި ގޯތިދެވޭ ގޮތަށް އޮތްކަމަށް ދައްކާ ބިމުގެއަޑީގައި ހޮޅިއާއި ކަރަންޓް ކޭބަލާއި އޮތިއްޔާ އޮންނާނެކަން ވެސް އެނގޭނީ އެޗްޑީސީއަށެވެ. 

ގޯތިދޭ ސަރަހައްދެއްގެ ބިމުއަޑީގައި ހޮޅިތަކަކާއި ކޭބަލްތަކެއް އޮއްވާ އެ ތަކެތީގެ މަތިން ގޯތިދޭކަށް އެޗްޑީސީން އެއްބަހެއް ނުވާނެއެވެ. އެއްބަސްވަންޏާ ވެފައި އޮންނާނީ އެކަމަށް ހައްލެއް އޮވެގެންނެވެ. އަމިއްލަ މީހުނަށް ދޫކުރާ ގޯތިތަކެއްގެ ބިމުގެއަޑީގައި އާއްމު ފާހާނާ ހޮޅިތަކާއި ފެން ހޮޅިތަކާއި ކަރަންޓް ކޭބަލްތައް އޮންނަ ގޮތަކަށް އެއްވެސް ބަޔަކު އާއްމުންނަށް ގޯއްޗެއް ދުލެއް ނުކުރާނެއެވެ.

އާއްމު ފާހާނާ ހޮޅިތަކާއި ފެން ހޮޅިތަކާއި ކަރަންޓް ކޭބަލް ބިމުއަޑީގައި އޮތް ސަރަހައްދަކުން ގޯތި ދެންންޏާ އެ ތަކެއްޗާ މެދު ކަންކުރާނެ ގޮތެއްވެސް ކަނޑައަޅާފައި އޮންނާނެއެވެ. ކޭބަލްތަކާއި ހޮޅިތައް ބަދަލުކުރާނެ ގޮތެއް ރާވަފައި އޮންނާނެއެވެ. އެތަކެއްޗާމެދު އަމަލު ކުރާނީ ކިހިނެތްކަން އޮންނާނީ ކުރިއާލާ ނިންމާފައެވެ. ކަން ކުރާން ތިބި މީހުން ބަދަލުވުމަކީ ކުރަން ހަމަޖެހިފައި އޮތް ގޮތަކަށް ކަމެއް ނުކުރާން އޮތް ހުއްޖަތެއް ނޫނެވެ.

ބިންވެރިޔާ ސްކީމުން ގޯތި ދިނުމަށް މަގުމަތީން ޕްލޮޓްތަކެއް ކަނޑައެޅުނުކަމަށް ވާނަމަ އެކަން ކަނޑައެޅި ބަޔަކަށް އެކަމެއް ނޭގޭނެ ހެއްޔެވެ. މަގުމަތީން ގޯތިދޭންޏާ އަޑީގައި ފެނާއި ނަރުދަމާގެ ހޮޅިތަކާ ކަރަންޓް ކޭބަލް އޮންނާނެކަން ނޭނގޭނެހެއްޔެވެ. ލޭންޑް ޔޫސް ޕްލޭން އޮންނަނީ އެގޮތަށް ހެއްޔެވެ. ހޮޅިތަކާއި ކޭބަލާއި މަގުމަތިން ގޯތިދޭން ނިންމާފައިވާ ކަމަށް ބުނެ އައު ސަރުކާރުން އެ ދައްކަނީ ކަނޑައެލިގެން ދޮގުވާހަކައެކެވެ. ސަރުކާރުން އެވާހަކަ އެހެން ދެއްކުމުގެ ބޭނުމަކީ ކަނޑައެޅިފައިވާ ގޮތަށް ގޯތިތައް ދޫނުކޮށް ހިފެހެއްޓުމެވެ. 

ކުރީ ސަރުކާރުން މާލޭ މީހުނަށް ހުޅުމާލޭން ދޭން ނިންމާފައިވާ ގޯތިތައް ދިނުމުގެ ނިޔަތް މިސަރުކާރުގައި އޮތްނަމަ ކުރިން އެކަން ކުރަން ނިންމާފައިވަނީ ކިހިނެތްތޯ ބަލާ އެގޮތަކަށް އެކަން ކުރާނެއެވެ. ކުރީގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް ގިނަ ބައެއްގެ ގޯތިތައް އެހެން ތާކަށް ބަދަލު ކޮށްލުމުގެ ބަހަނާގައި ބޮޑެތި ވާހަކަފަޅާ ރައްޔިތުންނަށް އޮޅުވާލަން ނުހަދާށެވެ.

ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަކީ ކޮބައިކަން ބަލާކަށް ސަރުކާރުން ކޮންމެހެން އުޅޭނެ ކަމެއް ނެތެވެ. ރައްޔިތުންނަށް ވާދައްޗަކީ ކޮބައިކަން ވަރަށް ސާފެވެ. ރައްޔިތުންނަށް ވާދައްޗަކީ ކުރީ ސަރުކާރުން ކަނޑައެޅި ގޮތަށް ގޯތިތައް ހަވާލުނުކޮށް ލަސްކުރާ ލަސްކުރުމުގެ ދައްޗެވެ. އަކުރަމް ކަމާލުއްދީން ވިދާޅުވާހެން ކަންތައްތައް އޮޅުވާލަން އުޅުއްވަންޏާ ހަމަ ދާނީ އަތަށް ގޮވަމުން އަތަށް ގޮވަމުންނެވެ.