އިންޑިއާ އިން ރައީސް މުއިއްޒު ފިއްތާލުން
ވެރިކަން ވެއްޓުމުގެ ސަބަބަކީ އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރު
ރައީސް ނަޝީދުގެ ވެރިކަން މަގުމަތިން ނިންމާލީ އިދިކޮޅު ފަރާތްތަކާ އެކު އޭރު ރާއްޖޭގައި ހުރި އިންޑިއާ ސަފީރު މުލޭ ލައްކަ މީޓިންގތައް ހެދި ފަހުންނެވެ. ސަފާރީ އުޅަނދު ފަހަރުގަައިވެސް އިދިކޮޅު ފަރާތްތަކާ އެކު މުލޭ ބައްދަލުވި ކަމަށް ވެއެވެ. އެހެން ނަމަވެސް އޭރު އޮންނަ ކޮންމެ ރަސްމިއްޔާތެއްގައި ކަހަލައިން ސަފީރު މުލޭ ހުންނަވަނީ ރީނދޫ ޓައީ އަޅުއްވައިގެންނެވެ.
ޕީޕީއެމާ އެޕާޓީގެ ބަޅުރުކާ އަސުރުމާ ކުލަ އުފަންވެ އޭރު އަދި ވަޔަކު ނުހިފައެވެ. އޭރު އިދިކޮޅު ހިތްތަކުގައި ބިންވަޅު ނެގިފައިވާ ކުލައަކީ ނުލެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ފަހުކޮޅު ކުއްލިއަކަށް މާލޭގައި ހުންނަ އިންޑިއާ އެމްބަސީގެ ބޭރަށް ފެންނަ ކުލަ ނުލަށް ބަދަލުވިއެވެ.
އިސާހިތަކު ސަރުކާރު ވައްޓާލުމުގެ ބެރުގެ ބުންޒީލަ ގަދަ ވެއްޖެއެވެ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުގައި އިސްކޮށް އޮތީ މަދަނީ އިއްތިހާދު ކިޔައިގެން ނުކުތް ބައެކެވެ. މިބުނާ މަދަނީ އިއްތިހާދުގެ ރޫހީ ލީޑރަކީ ޔާމީނެވެ.
އެމްޑީޕީ އެބުނާ ފެބްރުވަރީ 7 ގެ ބަޣާވާތް ދޮންވެ ފައްކާވެގެން އައި ގަޑީގައި އެދުވަހު އަބްދުއްލާ ޔާމީން އިންނެވީ އިންޑިއާ އެމްބަސީ ތެރޭގައެވެ. އެ ދުވަހުގެ ހަރަކާތުގެ ކޮމާންޑް ސެންޓަރަކީ އިންޑިއާ އެންބަސީ ކަމަށް އޭރު ކިޔާއުޅުނެވެ. އެއްޗެއް އެބަ ރޭކާލާ ހެއްޔެވެ؟
މިހެން މިކަންވާނެ ސަބަބެއް އޮންނާނެއެވެ. ވިސްނާ ފިކުރު ކުރާށެވެ. ލަހުން ނަމަވެސް ފަހުމް ވާނެއެވެ.
އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއްގެ ޚިޔާލު އުފަންވެ އެސްޓީއޯ އިން ފުރަތަމަ ފަހަރަށް މަސައްކަތެއް ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ކުއްލިއަކަށް ވެރިކަން ބަދަލުކޮށް ރޭވެ އަލިވިލިގެން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާ ހަވާލުވި މީހުން އެ އޮފީހުގެ ކޮމްޕިއުޓަރުތައް ކޮޅާލީމާ ވަރަށް ޝައުގުވެރި އެއްޗެއް ފެންނާނެއެވެ. އެއީ ސްޕެޝަލް އިކޮނޮމިކް ޒޯން ކިޔާފައި އޮތް އިހަވަންދިއްޕޮޅުގެ ޓްރާންޝިޕްމަންޓް ޕޯޓް ޕްރޮޖެކްޓްގެ ތަޞައްވުރެވެ. މިއީ އިންޑިއާ ކިތަންމެ ނުރުހުނަސް، ފަތުރުވެރިކަމާ މަސްވެރިކަން ފަހައްޖައްސާ ދިވެހިރާއްޖެ މުއްސަނދި ގައުމަކަށް ވެގެންދާނެ ސިނާޢަތެވެ. އިހަވަންދިއްޕޮޅަކީ ދުނިޔެ ހުރަސްކޮށް ދުއްވާ އާގުބޯޓް ފަހަރުގެ މެދުގައި އޮތް ޓޯލްގޭޓެވެ.
މިޕްރޮޖެކްޓް އުފަންވުމުގެ ކުރިން ހެދި އެބޯޝަންގައި އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެެއްޓުނުގޮތާ އެކަން މެދުވެރިވުމުގައި ހުރި އަޑިނޭނގޭ ސަބަބުތައް ގިނައެވެ. ވެރިކަން ވެއްޓުނު ނަމަވެސް ދެން އުފެދުނު ރައީސް ވަހީދާ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިހަވަންދިއްޕޮޅު ޓްރާންޝިޕްމެންޓް ޕޯޓަކީ ރާއްޖެއަށް އެންމެ ފައިދާހުރި ސިނާޢަތު ކަމުގައި ގަބޫލް ކުރިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކިޔާ އުޅުނު ސެޒް (އެސްއީޒެޑް) ގާނޫނަކީ މިދެންނެވި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ނަން 3 އަކުރަށް ބަދަލުކޮށް ކުރުކޮށް ކިޔޭނެ ގޮތެވެ. އެޕްރޮޖެކްޓަށް ރައީސް ޔާމީންގެ ސަރުކާރުގައި ކީ އަނެއް ނަމަކީ އައިހެވަން އެވެ. ނަން ތަފާތަސް ކަން ހަމަ އެކައްޗެކެވެ.
މިދައްކަނީ ޕީޕީއެމްގެ އިކޮނޮމިކް މިނިސްޓަރ މުޙަންމަދު ސައީދު ވިދާޅުވާ އައިހެވަން ޕްރޮޖެކްޓްގެ ވާހަަކައެވެ. ސައީދުގެ އުފަން ރަށް ހއ. ތުރާކުނާ އިންޑިއާގެ މަލިކާ ދެމެދުގައި ހުރީ 70 ވަރަަކަށް މޭލެވެ. މިހާރުގެ 3 އިންޖީނުއެޅި ގަލްފް ކްރާފްޓް ބޮޑު ލޯންޗެއްގައި ތުރާކުނުން މަލިކަށް ދާން ނަގާނީ 3 ގަޑިއިރެއްހާ ވަގުތެވެ. ވީމާ އިހަވަންދިއްޕޮޅަކީ އިންޑިއާގެ ބެކްޔާޑު ނުވަތަ ފުޅަލި ބިއްދޮށެވެ. އެހެނެކޭ ކިޔާ ބައިނަލް އަގްވާމީ އެންމެ ބޮޑު ރަސް އަނގޮޅި ކަމުގައިވާ މަޝްހޫރު 8 ޑިގްރީ ޗެނަލް އިހަންދިއްޕޮޅާ އިންވެގެން އޮތުމަކީ ދިވެހިންގެ ކުށެއް ނޫންކަން އިންޑިއާ ދަންނަން ވާނެއެވެ.
އެސަރަހައްދުން ދަތުރުކުރާ ބޯޓް ފަހަރަށް ބޭނުންވާ ބަންކަރިން އަދި ޝިޕްސްޓޯރ އާއި އެހެނިހެން ޚިދުމަތްދޭން އެސްޓީޢޯ އިން ނިންމައިގެން އުޅޭތާ ކިތަންމެ އަހަރެކެވެ. ސަބަބަކީ އެކަން ހަރުތާކު ޖެހިއްޖެ ނަމަ ހުރިހާ ސިނާޢަތަކަށްވުރެ ބޮޑު އާމްދަނީ އެކަމުން ލިބި ދިވެހިން މުއްސަނދި ވާނެއެވެ. އެމްޑީޕީ ވިޔަސް ޕީޕީއެމް ވިޔަސް އިހަވަންދިއްޕޮޅު ޕްރޮޖެކްޓަކީ ރާއްޖޭގެ މިފަހުގެ ހުރިހާ ވެރިން އެއްބަސްވާ ގައުމަށް އެންމެ ފައިދާ ހުރި ޕްރޮޖެކްޓެވެ. ދިމާވާ އިއްތިފާގަކީ އިހަވަންދިއްޕޮޅަށް އެއްބަސްވާ އެއްވެސް ވެރިޔަކަށް ދެވަނަ ދައުރެއް ނުލިބި ސަރުކާރުތައް ބަދަލު އެޕްރޮޖެކްޓް ހިފެހެއްޓިފައި އޮންނަ އޮތުމެވެ.
ބައިނަލް އަގްވާމީ ބިޑަށް ގޮސް، ރައީސް ޞޯލިޙްގެ ދައުރު ނިމޭ އިރު އެސްޓީއޯ އިން އެވަނީ އެޕްރޮޖެކްޓްގެ ބައިވެރިޔާ މެދުއިރުމަތީގެ ގަތަރުން ކަނޑައަޅާފައެވެ. އެއާއެކު ދެވަނަ ދައުރު ނުލިބި ރައީސް ސޯލިހު އެވަނީ ވެރިކަމުން އެއްފަރާތް ކުރެވިފައެވެ. ދެން ވެރިކަމަށް ވަޑައިގަންނަވަނީ ޚާއްޞަކޮށް އެޞަރަހައްދަށް ނިސްބަތްވާ ޑރ. މުއިއްޒެވެ. ސުވާލަކީ ތިލަމާލެ ބްރިޖާ ދެންވެސް ހުރި ލޯން ތަކުގެ ބިރަށްޓަކާ އިންޑިއާ އެދޭ ގޮތަށް ޑރ މުއިއްޒު އިހަވަންދިއްޕޮޅު ޕްރޮޖެކްޓް ހިނގިޔަ ނުދީ ހިފަހައްޓާނެތޯ އުފެދޭ ސުވާލެވެ. ކޮންމެ 5 އަހަރަކުން އާ ވެރިޔަކު އައިމާ އެކަމުގައި ބުރެކި ޖައްސާނެ ފުރްޞަތު އިންޑިއާ އިން އެބަހޯދައެވެ.
ސަރުކާރުތައް ބަދަލުވުމާ އެކު، ރާއްޖޭގެ ސިޔާސީ ވެރިންނާ ނޫސްވެރިންނަށް ދައުވަތު ދީގެން ގެންގޮސް އިންޑިއާގެ ސެޓެލައިޓް ތަކުން ރިއަލް ޓައިމްގައި ރާއްޖޭގެ ރަށްރަށުގައި ދުއްވާ ވެހިކަލް ތަކުގެ ނަމްބަރ ޕްލޭޓް ނުދެއްކިޔަކަސް އިންޑިއާގެ ބާރާ މެދު އަހަރެމެން ފަޚްރުވެރި ވަމެވެ. އިހަވަންދިއްޕޮޅު ޕްރޮޖެކްޓާ ހެދި އެހެން ވެރިންނާ އެއްގޮތަށް ޑރ. މުއިއްޒަށް ފިއްތައިގެން ގެންގުޅެން ނުހަދާށެވެ. އިންޑިއާ އިން ވެސް ނުސީދާ ބިރުދެއްކުމާއި ދިވެހިން ފިއްތާފައި ބޭތިއްބުމުގެ ބަދަލުގައި ރާއްޖޭގެ ކުރިމަގަށް ހެޔޮއެދެން ޖެހެއެވެ. އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޑރ. މުއިއްޒަށް އެއްބާރުލުން ދޭންޖެހެއެވެ. އެއީ ރާއްޖޭގެ ހުރިހާވެރިން އެއްބަސްވާ ޕްރޮޖެކްޓެވެ.