ޔާމީނަށް: ދެން ވެރިކަން ކުރާނީ ސިފަކުރި ފަދަ މިނިކާބާޒެއް!

ގޮނޑިކޮއްކޮއެކޭ ހިތި އަދުރޭ ވެރިކަމުގައި ނެތަސް ވެރިކަން ކުރާނީ ޕީއެންސީ

ޔާމީނަށް: ދެން ވެރިކަން ކުރާނީ ސިފަކުރި ފަދަ މިނިކާބާޒެއް!

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަކީ ރައީސް މައުމޫނު އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. ޑީއާރުޕީގެ ލީޑަރޝިޕް އަހުމަދު ތަސްމީނު އަލީ އަށް ލިބިވަޑައިގަތުމުން އެ ޕާޓީގެ ޒައީމް ރައީސް މައުމޫނު އެ ޕާޓީން ބާކީވެ ވަޑައިގަތުމުން އުފެދުނު ޒައީމް ފެކްޝަން (ޒެޑް ފެކްޝަން) އަކީ ފަހުން ޕީޕީއެމް އެވެ. ޕީޕީއެމް ގެ ބަނީއަކީ އަދި ރައީސް އަކީވެސް ރައީސް މައުމޫނެވެ. 

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ވަޑައިގެން ޕީޕީއެމާއި ގުޅިވަޑައިގެން ޕީއޭގެ ލީޑަރ އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމަށެވެ. ރައީސް މައުމޫނުގެ ކެންޑިޑޭޓްގެ ގޮތުގައި ޕްރައިމަރީގައި އުމަރު ނަސީރާ ވާދަ ކުރައްވާ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވައިގެނެވެ.

2013ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވާ ރައިސުލްޖުމްހޫރިއްޔާކަން ހޯއްދެވީ ޕީޕިއެމްގެ ކެންޑިޑޭޓްއެވެ. ޔާމީނަށް ރައީސްކަން ލިބި ވަޑައިގަތުމާއެކު ޕީޕީއެމްގެ ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު ހިޔާލު ތަފާތުވެ ރައީސް މައުމޫނުގެ ބާރުވެރިކަން ޕާޓީގެ މަތިފަޑިން ކަނޑުވާލިއެވެ. އެންމެ ފަހުން ރައީސް މައުމޫނު ޕާޓީން ވެސް ވަކި ކުރެއްވީއެވެ. ނަތީޖާއެއްގެ ގޮތުން ޕީޕީއެމް ހޯއްދެވުމަށް ރައީސް މައުމޫނު ކޯޓަށް ވަޑައިގަތެވެ. 

ކޯޓުން މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް ރައީސް ޔާމީނު ކޮންޓްރޯލް ކުރައްވާ ސިޔާސީ ޕާޓީއެއް ބޭއްވެވުމުގެ ބޭނުންފުޅުގައި ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ކޮޅެއް ހިމެނޭ ގޮތަށް ބެކަޕް ޕާޓީއެއް އުފެއްދެވިއެވެ. ރައީސް ޔާމީންގެ ބެކަޕް ޕާޓީއެއްގެ ގޮތުގައި ހެއްދެވި ޕާޓީއަކީ ޕީޕަލްސް ނެޝަނަލް ކޮންގްރަސް (ޕީއެންސީ)އެވެ. ޕާޓީގެ ރައީސް ކަމަށް ހަމަޖެއްސެވީ ރައީސް ޔާމީނާ ސިޔާސީ ގޮތުން ވާދަ ނުކުރައްވާނެ އަދި ވެރިކަން ކުރަން ކުރިމަތިލިޔަސް ޕަބްލިކްގައި ނުވިއްކޭނެ ކަމަށް ގަބޫލު ކުރެއްވި އަބްދުއްރަހީމް އަބްދުއްލާ (އަދުރޭ)އެވެ.

ކޯޓުން ވެސް ރައީސް މައުމޫނަކަށް ޕީޕީއެމެއް ލިބިވަޑައެއް ނުގަތެވެ. އެއާއި އެކު ހުރިހާ ގޮތަކުން ޕީޕީއެމަކީ ރައީސް ޔާމީނު ކަމަށްވެ ނިމިއްޖެއެވެ. ރައީސް މައުމޫނާއެކު ޕީޕީއެމްގެ ލީޑަރޝިޕެއް ގްރާސް ރޫޓެއް ނުދިޔައެވެ. ނަތީޖާއެއްގެ ގޮތުން ހެއްދެވި ބެކަޕް ޕާޓީގެ މާބޮޑު ބޭނުމެއް ވެރިކަމުގައި ހުންނެވި އިރު ރައީސް ޔާމީނަކަށް ޖެހިވަޑައެއް ނުގަތެވެ. އެހެން ކަމުން ދެ ޕާޓީގެ ކައުންސިލަކީ ވެސް އެއް ކައުންސިލެއްގެ ގޮތުގައި އެއް ފުރާޅެއްގެ ދަށުގައި އެއް ވިސްނުމެއްގައި ޕީއެންސީއަކީ ނެތް އެއްޗެއް ގޮތުގައި ހިނގަހިނގާ އޮތީއެވެ. 

ރައީސް ޔާމީނު ވެރިކަން ނިމުނު އިރު ޕީޕީއެމްއަކީ ސިޔާސީ ގޮތުން ބިޔަ ބޮޑު ޕާޓީއެކެވެ. ރައީސް ޔާމީނުގެ ވެރިކަން ނިމި ރައީސް ޔާމީނާ ދެކޮޅަށް ދައުވާތައް އުފުލި ސިޔާސީ މަސައްކަތްޕުޅު ނުކުރެއްވޭ ވަރަށް އެ މަނިކުފާނު ދިޔައީ ބަނދެވެމުންނެވެ. އެ މަނިކުފާނު ނެތަސް ވަރުގަދަ އިދިކޮޅު ޕާޓީއެއް ހިންގޭވަރުގެ  ސިޔާސީ ގޮތުން ސަމަންތަރު ހެޔޮ ގިނަ ބޭފުޅުން ތަކެއް ޕާޓީގައި ތިއްބެވިއެވެ.

އެހެނެއް ކަމަކު ބާރުވެރިކަން ޕާޓީގެ ތެރެއިން އެހެން ބޭފުޅަކަށް ދޫކޮށް ލައްވައިފިނަމަ ރައީސް މައުމޫނަށް ލިބިވަޑައިގެން ލަނޑު ރައީސް ޔާމީނަށް ލިބިވަޑައިގަތުމަކަށް ބޭނުންފުޅެއް ނުވިއެވެ. އެކަން އެނގެނީ ފުރަތަ މައްސަލައިގައި ޖަލަށް ވަޑައިގަތުމުގެ ކުރިން ރައީސް ޔާމީނު ނެތް ހާލަތެއްގައި ޕީޕީއެމްގެ ލީޑަރޝިޕް މިނިކާ ބާޒުތަކެއްގެ އަތްމައްޗަށް ދިޔަ ނުދެއްވުމަށް އާއްމު މެންބަރުންނަށް ރައީސް ޔާމީނު ވަސިއްޔަތް ކުރެއްވި ކުރެއްވުމުންނެވެ. އޭރު ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ޑރ. މުއިއްޒާއި ޑރ. ވަހީދާއި، ޑރ. ޖަމީލު ފަދަ ބޭފުޅުންނަކީ ރައީސް ޔާމީނު ސިފަ ކުރެއްވީ ގޮތުގައި މިނިކާ ބާޒުތަކެކެވެ.

މިނިކާ ބާޒުތަކަށް ޕީޕީއެމް ދޫކޮށް ނުލެއްވުމަށް ބެކަޕް ޕާޓީ (ޕީއެންސީ)ގެ ބޭނުން ހިއްޕެވިއެވެ. އިލްމާއި ހުނަރާއި ގާބިލުކަމާއި ތަޖުރިބާގެ ގޮތުން ގާބީލު އެތައް ބޭފުޅުން ތިއްބާ ޕްރޮގްރެސިވް ކޯލިޝަނުގެ ހިންގުން ހަވާލު ކުރެއްވީ ޕީއެންސީގެ ރައީސާއެވެ. އެޅިހާ ބަތަކަށް ރިހަވެގެން ހުންނަވާނެ ތީއެވެ. ޕީޕީއެމްގެ ނަމުގައި ކުޑަވެސް އެއްޗެއް ބުނެލުމުގެ ހައްގުވެސް އޭރު އަދުރޭ ނޫން މީހަކަށް ނެތެވެ. އެހެނަސް އާހިރުގައި ވެރިކަމުގައި ގޮނޑި ކޮއްކޮއެކޭ ހީކުރެއްވި އަދުރޭ ނެތަސް ވެރިކަމަށް އެ އައީ ޕީއެންސީއެވެ. ޕީޕީއެމެއް ނޫނެވެ. ދެން ވެރިކަން ކުރައްވާނީ ޔާމީނު ސިފަކުރެއްވި މިނިކާ ބާޒުތަކުން ބާޒެކެވެ.