ވެހިކަލް ޝޯކޭހަކަށް މާލޭގެ މަގުތައްވީ ކީއްވެ | ހައްލު މިއޮތީ
ހައްލަކީ އިންސްޓޯލްމަންޓަށް ވެހިކަލް ދޫކުރުން ހުއްޓުވުން ނުވަތަ ހަރުކަށިކުރުން
މާލޭގެ މަގުތައް ތޮއްޖެހި ޓްރެފިކް ފްލޯ އޮބި ނޯވެގެން އުޅޭ ހަގީގީ މައްސަލައަށް އެއްވެސް ބައެއްގެ ފޯކަސް ހުރިހެނެއް ހިޔެއްނުވެއެވެ. ހައްތަހާވެސް ދައްކާ އަޑު އިވެނީ ޕާކިންގ ބިލްޑިންގ އަޅާ ވާހަކައާއި ޕަބްލިކް ޓްރާންސްޕޯޓަށް ބަރޯސާވުން ކުޑަ ވާހަކައެވެ. މާލެތެރެއިން ޓެކްސީ ނުލިބޭ ވާހަކައަކީވެސް ބޮޑު ވާހަކައެކެވެ. ޕާކިންގ ސްލޮޓް ވިއްކުން އަދި އެއީ މާވަރުގަދަ ކަމެކެވެ.
ޕަބްލިކް ޓްރާންސްޕޯޓަށް ބަރޯސާކުރުވަން މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ފަށައިގެން އުޅޭތާ ދުވަސް ކޮޅެއް ވެއްޖެއެވެ. ބަސް ބޭނުން ކުރަނީ ނިސްބަތުން މަދު ބައެކެވެ. މާލޭގެ މަގުތަކުގެ ތޮއްޖެހުން ހުރިގޮތުން ބަހުގައި ދަތުރުކުރެވޭނީ ވަގުތު އޮވެގެން އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންނަށެވެ. މާލޭގެ މަގުތައް ހުރިގޮތުން ބަސް ދަތުރުތަކަކީވެސް ތޮއްޖެހުމުގެ ސަބަބެކެވެ.
ކުރިއްސުރެ ގިނަ އަދަދަކަށް މާލޭގައި އާއްމުން ޓެކަސީތައް އޮވެއެވެ. އެހެން ނަމަވެސް މާލެތެރެއިން ޓެކްސީ ލިބުމަކީ ފަސޭހަކަމެއް ނޫނެވެ. ގައު އަތުރާފައި އޮތަސް ގިނަ މަގުތަކުގެ އަޑިގުޑަންކަމާއި މަގުތަކުގެ ހަނިކަމާއި ޕާކްކޮށްފައިވާ އުޅަނދުތަކާއި ހުރެ ގިނަ މަގުތަކަށް ކާރު ވަނުމަކީ ފަސޭހަ ކަމެއް ނޫނެވެ.
އަޑިގުޑަން ބޮޑަސް މާލެތެރޭގައި ޓެކްސީ ލިބުމުގެ ހަގީގީ ދަތިކަމަކީ ހަނިމަގުތަކުގައި ޕާކް ކޮށްފާ ހުރުމުން ގޭދޮރުމައްޗަށް ކާރުތަކަށް ނުދެވުމެވެ. އެހެން އެކަން އޮއްވާ މާލޭގައި ޓެކްސީ ލިބުން ދަތިވެގެންކަމަށް ބުނެ ސަރުކާރުން މިހާރު އެވަނީ އެތައް ސަތޭކަ ޓެކްސީއެއް މަގުތަކަށް ނެރެފައެވެ. އަދިވެސް އޮތީ އެތައް ޓެކްސީއެއް ނެރޭގޮތަށެވެ. އަލަށް އެތައް ސަތޭކަ ޓެކްސީއެއް ސަރުކާރުން ނެރުމަކުން ވެސް ޓެކްސީ ލިބުން މާލެތެރެއިން ފަސޭހައެއް ނުވިއެވެ. އިތުރަށް މަގުތައް ތޮއްޖެހުން ނޫންކަމެއް ނުވިއެވެ.
މާލެ ސަހައްދުގައި އާއްމުންނަށް އަލަށް ކާރު ރަޖިސްޓްރީކުރުން ހުއްޓާލިޔަސް ނުވަތަ ރަޖިސްޓްރީ ކުރުން އުދަގޫ ކުރިޔަސް މަގުތަކުގެ ތޮއްޖެހުމަކަށް ލުޔެއް ނެތެވެ. މާލެ ސަރަހައްދަށް އަލަށް ކާރު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ހެދުމަކީ ބޭއިންސާފެކެވެ. ކާރު ދުއްވޭވަރުގެ ތަނަވަސްކަން މީހަކަށް ލިބުމުން އެހެން ބައެއްގެ ސަބަބުން އޭނާއަށް ކާރެއް ނުދުއްވެންވީ ސަބަބެއް އޮވެގެން ނުވާނެއެވެ. އެކަމަކު ސިޔާސަތު ކަނޑައަޅާ މީހުންގެ މައިގަޑު ވިސްނުމަކީ ދުއްވޭނެ ކާރުގެ މިންވަރު ލިމިޓްކޮށް ވަކި ބަޔަކަށް ފުރުސަތު ގެއްލުވާލުމެވެ.
ތެދެކެވެ. ހިސާބަށްވުރެ ބައު އުޅަނދު ފަހަރު ނުދުއްވޭނެ ގޮތް ހެދުމާއި ވެރިފަރާތަށް އަނިޔާއަކަށް ނުވާގޮތަށް ބައު އުޅަދުތައް ނައްތާލުމުގެ އިންތިޒާމްކޮށްގެން މާލެތެރޭގައި ދުއްވާ ވެހިކަލް މަދުކުރުމަކީ ރަނގަޅު ކަމެކެވެ. ހަމައެކަނި ކާރު ރަޖިސްޓްރީ ކޮށްނުދިނުމަކުން ތޮއްޖެހުން ހައްލެއް ނުވާނެއެވެ. އަގުބޮޑު ގަރާޖު ސިޓީއަކުންވެސް ހައްލެއް ނުވެއެވެ. ޕާކީން ބިލްޑިން އަޅައިގެންވެސް ހައްލެއް ނުވާނެއެވެ.
މާލެ ސަރަހައްދުގެ ޓްރެފިކާއި މަގުތަކުގެ ހަމަޖެހުމަށް އޮތްހާވެސް ހައްލަކީ ވެހިކަލް ދުއްވޭވަރުގެ ފޯރުންތެރިކަން ނެތް މީހުން ވެހިކަލް ދުއްވުން ހުއްޓުވުމެވެ. ވެހިކަލް ޝޯރޫމެއްހެން މާލޭގެ މަގުތައް އޮންނަން ދިމާވުމެވެ. އެހެން ދިމާވީ ބައެއްގެ ވިޔާފާރި ފުޅާކުރުމަށް ކުޑަކުޑަ ފައިސާކޮޅެއް ދައްކާލާފައި ކޮންމެ މީހަކަށް ވެސް ވެހިކަލެއް ނެގޭ ގޮތަށް އޮތުމުންނެވެ. ކުޑަމިނުން ޖުމްލަ އަގުގެ 1/2 ދައްކައިގެން ނޫނީ އިންސްޓޯލްމަންޓަށް ވެހިކަލް ދޫނުކުރާނަމަ މިހާވަރެއް ނުވީހެވެ.
ތިމާވެށީގެ ނަމުގައި ކޮތަޅަށް ގާނޫނު ހަދައިގެން ޓެކްސް ނެގޭއިރު ތިމާވެއްޓަށްޓަކައި ވެސް އިންސްޓޯލްމަންޓަށް ވެހިކަލު ވިއްކުމުގައި ވަރުގަދަ ގާނޫނީ ހުރަސްތަކެއް އޮތްނަމަ މާލޭގެ މަގުތައް ތޮއްޖެހިގެން ނުދިޔައީހެވެ. ވެހިކަލް ޝޯކޭހަކަށް މާލޭގެ މަގުތަކެއްނުވީހެވެ. ތަންކޮޅެއް ލަސްވިޔަސް މިހާރުވެސް އެކަން ކުރަން ވެއްޖެއެވެ.
އިތުރަށް އުޅަދެއް މަގަށް ނެރެވޭނީ ނެރެވޭވަރުގެ މީހުންނަށް ހެދުމުން ލަހުން ނަމަވެސް މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެއެވެ. ވިޔަފާރިތަކާއި ބޭންކްތަކާއި ބޮޑެތި ކުންފުނިތަކުން ނަސީބު ކޫޕަނުގެ ގޮތުގައި ވެހިކަލް ދޫކުރުން ވެސް ހުއްޓުވަން ޖެހެއެވެ. ޕްރަމޯޝަން ތަކުގައި ވެސް ނުއަގުގައި އެއްވެސް މީހަކަށް ވެހިކަލެއް ނުލިބޭނެ ގޮތަކަށް ގާނޫނީ އޮނި ގަނޑު ބައްޓަން ކޮށްގެން ތަންފީޒުކޮށްފިނަމަ މާލޭގެ މަގުތައް ތޮޖެހުމަށް ދާއިމީ ހައްލެއް ލިބޭނެއެވެ. މާލޭގެ މަގުތަކުގައި ޕާކްކުރާ ވެހިކަލް މަދުވާނެއެވެ. ޕަބްލިކް ޓްރާންސްޕޯޓް ކުރާ މީހުން ގިނަވާނެއެވެ. ގޭދޮރުމައްޗަށް ޓެކްސީއަށް ދެވޭނެއެވެ.


