ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގައި މިހާވަރުގެ ސަރުކާރެއް ނުދެކެން : އަދުރޭ
ބަޖެޓްގައި ނުޖަހާ ކަންކަން ކުރުމަކީ ޕީޕީއެމް ޕީއެންސީގެ ސިޔާސަތެއް ނޫން
ބަޖެޓްގައި ނުޖަހާ ކަންކަން ކުރުމަކީ ޕީޕީއެމް ޕީއެންސީގެ ސިޔާސަތެއް ނޫން ކަމަށް ނޫސްވެރިންގާތު ޕީއެންސީގެ ޗެއަރޕަންސަން ކަމާއި ރައީސް މުއިއްޒުގެ ސީނިއަރ މިނިސްޓަރު (އިސްވަޒީރު)ކަން ކުރާ އަބްދުއްރަހީމް އަބްދުއްލާ އަނގަފުރާފައި ބުނެފައި އެބައޮތެވެ. 5 އަހަރު ތެރޭގައި ބަޖެޓްގައި ނެތް މަޝްރޫއަކަށް ހަރަދު ނުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. އެންމެ ކުޑަމިނުން މަޝްރޫއުގެ ފައިސާގެ ދެބައިކުޅަ އެއްބައި ބަޖެޓްގައި ނެތްނަމަ މަޝްރޫއު ބަޔަކާއި ހަވާލު ނުކުރާނެ ކަމަށް ވެސް އަބްދުއްރަޙީމް ބުންޏެވެ.
ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގައި މިހާވަރުގެ ސަރުކާރެއް ނުދެކޭ ކަމަށްވެސް އަދުރޭ ބުނެފައި އެބައޮތެވެ. "މި ސަރުކާރުން މިކުރާ ކަމަކީ، ރައްޔިތުންގެ ތާއީދެއް ނެތްކަން އެބަ އިނގޭ، ދެން މިޖެހެނީ ނުފޫޒު ފޯރުވަން، ދެން މިހަދާގޮތަކީ، މިކަހަލަ ތާކުންތާކު ނުޖެހޭ ބޮޑެތި ވަޢުދުތައް ވަނީ" ކަމަށް އަދުރޭ ބުނެފައިވެއެވެ. އާނއެކެވެ. ދޮގުވައުދު ވުމުގައި މިހާވަރުގެ ސަރުކާރެއް ހަމަ ނުއޮންނާނެއެވެ.
ކުރިއަށް އޮތް އިންތިހާބަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އެބައޮތް ކަމަށާއި އެކަމުގެ ފޯރި ދަނީ ބޮޑުވަމުން ކަަމަށް ނިއްކުރިއަށް ރުލެއް އަރުވާނުލާ އަދުރޭ ބުނެފައި އެބައޮތެވެ. މިމޭރުމުން އަދުރޭ ވާހަކަ ދެއްކީ ހުސްވި އަހަރު ޖުލައި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އޭގެ ފަހުން 4 މަސް ނުވެ އަދުރޭ ދެއްކި ހުރިހާ ވާހަކައެއް އަދުރޭގެ އަނގަޔަށް ވަދެ ހުސްވެއްޖެއެވެ. އެ ދުވަހު އަދުރޭ ދެއްކި ހުރިހާ ވާހަކައެއް އަދުރޭ އިސް ވަޒީރުކަން ކުރާ ހޮޅި ސަރުކާރުގެ ތެރެއިން އަކުރުން އަކުރަށް ފެންނަމުން އެބަދެއެވެ. އާނއެކެވެ. މިވަރުގެ ހޮޅި ސަރުކާރެއް ނުލިބޭނެއެވެ.
2024 ވަނަ އަހަރުގެ ބަޖެޓުން އުނިކޮށްފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ހިންގަން ފެށީއެވެ. 99 އަހަރަށް ރާއްޖޭގެ ބިމުން ބައެއް އަޑިނޭނގޭ އެއްބަސްވުމެއްގެ ތެރެއިން ގޮތް ނޭނގޭ ބޭރު ބަޔަކަށް ދީގެންނެވެ. ރަށްރަށުގައި ހިންގުމަށް ބަޖެޓް ދީފައި ހުރި އަސާސީ ހިދުމަތް ދިނުމުގެ މަޝްރޫއުތައް ލަސްކޮށް ފަސްކޮށް ހުއްޓީއެވެ. އާނއެކެވެ. ބަޖެޓުގެ ބޭރުން ދައުލަތް ދަވާލަން މިހާވަރުގެ ސަރުކާރެއް މަދުވާނެއެވެ.
ހޮޅި ވައުދުން ވައުދުވަމުން ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓެއް އަޅާ ވާދޫ ކަނޑުގައި ޓަނަލްއަޅާ ދެގެދޭތެރޭ ބުރިޖުއަޅާ ދަރިން ނުލިބޭ މީހުން ބަލިވެ ބައިންދަމުން މި ސަރުކާރުން އެތިބަ ދަނީއެވެ. ހަނދުގައި ގެއަޅާދީ އެތަނަށް ބަދަލުވާން މީހަކު ނޭދޭކަން ގައިނަސީބެވެ. ބަޔަކު އެދެފިތަ އެކަންވެސް ކުރާނެއެވެ. އެކަމަކު އިންތިހާބަކަށް ނުފޫޒެއް ނުފޯރައެވެ. އާނއެކެވެ. ނުފޫޒު ފޯރުވުމުގައި މިހާވަރުގެ ސަރުކާރެއް ދުނިޔޭގެ ތާކު ނުތިބޭނެއެވެ.
ރެއަކަށް އިރު އޮއްސުނު އިރު މަޖިލީހުގައި ތިބީ އަދުރޭމެންގެ ސަރުކާރަށް ނިސްބަތްވާ ހައެއްކަ މެންބަރުންނެވެ. އަނެއް ދުވަހަށް އިރު އެރިއިރު އޭގެތެރެއަށް 13 މެންބަރުން އިތުރުވީ މުއުޖިޒާތެއް ފަދަ އަޖައިބެއް ފަދައިންނެވެ. މަޖިލީހުގެ ވަކި ދާއިރާ ތަކެއްގެ ގޮނޑި، އަންނަ އިންތިހާބުގައި ސަރުކާރަށް ކަށަވަރު ކުރުމަށް އެ ގޮނޑިތައް ހިމެނޭ ދާއިރާތަކުން ވާދަކޮށްފާނެހެން ހީވާހާ މީހަކަށާއި ނުފޫޒެއް އޮތްހެން ހީވާ މީހަކަށް ސިޔާސީ މަގާމުތައް އޮހިގަތީ ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެނެވެ. އާނއެކެވެ. ރިޝްވަތު ދިނުމުގައި މިހާވަރުގެ ސަރުކާރެއް ނުދެކޭނެއެވެ
ދިވެހި ދައުލަތަށް އެންމެ އިސްވެރިއަކު ލިބުނީ އަދިކިރިޔާއެވެ. ހުސްވި ނޮވެންބަރ 17ގެ ކުރިން މި ރާއްޖޭގައި ދައުލަތުގެ އެންމެ އިސްވެރިޔަކު ދިވެހިން ނުދެކޭ ކަހަލައެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އަދުރޭ ހުރެގެން ދައުލަތުގެ އިސްވެރިޔާގެ ހަތަރެސްފައި ބަނުމަށް ނެގިނެގިފައި ޖެހުނު ގޮތް ފެންނަން އެބަހުއްޓެވެ. އެދުވަހު ހުރިހާ ބާރެއް އޮންނަންޖެހޭ ކަމަށް އަދުރޭ ވަކާލާތުކުރީ ރައްޔިތުންގެ މަޖިލީހަށެވެ. ދައުލަތުގެ އިސްވެރިޔާގެ ހަތަރެސްފައި މަޖިލީހުން ބަނުން އަދުރޭއަށް އޯކޭއެވެ. އަނެއް ކޮޅުން މަޖިލީހުން ފާސްކުރި ގާނޫނެއް ރައީސް ތަންފީޒު ނުކޮށްގެން ފަނޑިޔާރުގެއަށް ގޮސް ވެއްޓި ފުރޮޅުނީވެސް އަދުރޭއެވެ. ހަމަޖެހޭ އުސޫލާއި ހަމަ ނުޖެހޭ އުސޫލު އަދުރޭއަށް މާބޮޑަށް އެނގެނީއެވެ. އާންއެކެވެ. އަތްފައި ބަނުމުގައި މިހާވަރުގެ ސަރުކާރެއް ނުފެންނާނެއެވެ
މުއިއްޒަށް ތާއީދުކުރާ މަޖިލީހެއް ހޯދުމަށް އަދުރޭމެން ގައިވީދޭ ބޭނުން މީހުނަށް އޮޅިގެނެއް ނޫޅެއެވެ. މުއިއްޒު ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރުމަކީ މި ބައިގަނޑުގެ ނިޔަތެވެ. "ގާނޫނު އަސާސީ ބަދަލު ކުރެވެން އޮތީ ރައީސް، ޑރ. މުހައްމަދު މުއިއްޒުއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން" ކަމަށް އަދުރޭ ބުނީ ގައުމުގެ މިނިވަން ކަމާއި އަމާން ކަމަށްޓަކައެއް ނޫނެވެ. ގޮށްމުށުގެ ހުދުމުހުތާރު ވެރިކަމެއް ކުރުމަކީ އެމީހުންގެ މަގްސަދެވެ. ދުސްތޫރީ ނިޒާމު އޮޅާލުމެވެ. ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ. އާނއެކެވެ. ގާނޫނު އަސާސީއާއި ހިލާފުވުމުގައި މިހާވަރުގެ ސަރުކާރެއް ނަންނާނެއެވެ.