ބީއެމްއެލް ތަޅާލިޔަސް ނެތް ޑޮލަރެއް ނުނެރެވޭނެ!
އިގްތިސާދަށް ލޮޅުންއަރާ ޒާތުގެ ބޮޑެތި ނިންމުން ނިންމަނީ ހަކަތަ ހުރިތޯ ބަލާވެސް ނުލާ
ވެރިކަން ލިބިގެން ރާއްޖޭން ބޭރަށް ކުރި ފުރަތަމަ ދަތުރު ޑރ. މުއިއްޒު ކުރީ ތުރުކީއަށެވެ. ތުރުކީއަށް ކުރި އެ ދަތުރުގައި ތުރުކީގައި ތިބި ދިވެހި ކިޔަވާ ކުދިންނާ ބައްދަލުކޮށް އެ ކުދިން ޅޮސް އުނދޯއްޔަށް އެރުވީ އެ ކުދިންނަށް ދިމާވާ އެންމެ ބޮޑު ކަންބޮޑުވުމާ ގުޅުވައިގެންނެވެ. އެ ކުދިން ގާތު ޑރ. މުއިއްޒު ބުނީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިން ބޭރުގައި އުޅޭއިރު އެ ކުދިންގެ އެކައުންޓު ތަކުން ނެގޭ ޑޮލަރު ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ. އެހެން ބުނުމާއެކު އެ ކުދިން އުފަލުން ފޮޅުނެވެ. ދެން ތިބެގެން ބާރަށް ޖެހީ އަތެވެ.
ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ނައްތާލަ ދޭނެކަމަށް ރައީސް މުއިއްޒު ބުނި ޑޮލަރުގެ ލިމިޓް ވެސް ވެގެން ދިޔައީ އާދައިގައި މުއިއްޒު ޖަހާ ކަހަލަ އުބަށް ޖެހުމަކަށެވެ. މުޅިން ނައްތާލާނެ ކަމަށް ބުނި ޑޮލަރުގެ ލިމިޓް، ކޮންމެ މަހެއްގެ މައްޗަށް 1200 ޑޮލަރު ނެގޭ ގޮތަށް ލިމިޓް ކުރަން ނިންމީއެވެ. އެހުމެއް ކެހުމެއްނެތި ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށް ފެބްރުއަރީ މަހުން ފެށިގެން ނެގޭ ޑޮލަރުގެ ލިމިޓަކީ 1200 ކަމަށް ހަމަޖައްސާ އިއުލާނު ކުރީ ކަމުގެ ނާޒުކްކަން ކުޑަކޮށްވެސް އިހުސާސްކޮށްލުމެއް ނެތިއެވެ.
ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި އިގްތިސާދަށް ލޮޅުން އަރާ ޒާތުގެ ބޮޑެތި ނިންމުން މުއިއްޒު ނިންމަނީ އެހަކަތަ ހުރިތޯ ކަމާގުޅޭ ދާއިރާގައި އަހާލުމެއް ކަހާލުމެއް ނެތިއެވެ. ޑރ. މުއިއްޒު ސަރުކާރުން ނިންމާފައިވާ ގޮތަށް ފެބްރުއަރީން ފެށިގެން 1200 ޑޮލަރަށް ލިމިޓު އުފުލާލީ އެކަން އެގޮތަށް ކުރެވިދާނެ ކަމާ މެދު ވަރަށް ބޮޑަށް ކަން ބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މުއިއްޒު މި ނިންމި ނިންމުގެ ތަކުލީފް އުފުލަން ޖެހޭނީ ރާއްޖޭގެ ގައުމީ ބޭންކުންނެވެ. ބޭންކުގައި އެކަށީގެންވާ ވަރަށް ޑޮލަރު ނެތުމުން ބޭރުން މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް މުދާގަތުމަށް ބޭނުންވާ ޑޮލަރު ފޯރުވާ ނުދެވިގެން ބޭންކް އޮފް މޯލްޑިވްސް ކޮށިއަރާފައިވާ ދަނޑިވަޅެއްގައި ބޭރުފައިސާ އާއި ގުޅޭ އެވަރުގެ ބޮޑު ނިންމުމެއް ނިންމީމާ ވެރިޔާ ވިދާޅުވިޔަސް ބޭންކް އޮފް މޯލްޑިވްސްއަށް ކޮށްދެވޭނެ ކަމެއް ނުއޮންނާނެކަން ފައިސާ ހިނގާ މަގު އެނގޭ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.
އެހެނެކޭ ކިޔާ ބޭންކްގެ ޗެއަރމަނާއި ޑިރެކްޓަރުން ބޯޑު މެންބަރުން ތަކެއް ކަނޑާއުކާލިޔަސް ކުރާނީ ކީއް ހެއްޔެވެ. ބޭންކް ތަޅާލިޔަސް ބީއެމްއެލްގައި ނެތް ޑޮލަރެއް ނުނެރެވޭނެއެވެ.