ޕީޕީއެމުން އެހެންދީންތަކަށް ރާއްޖެ ހުޅުވާލަދޭން ބައިއަތުހިފުން

އެހެން ދީންތަކަށް ރާއްޖެ ހުޅުވާލަން ޕީޕީއެމުން ފަށާ މަސައްކަތަށް ދޭނީ ކޮން ނަމެއް

ޕީޕީއެމުން އެހެންދީންތަކަށް ރާއްޖެ ހުޅުވާލަދޭން ބައިއަތުހިފުން

ފެށުނީއްސުރެ ޕީޕީއެމް ފިކުރުގެ މީހުންގެ ކުރިމަތީގައި ރައީސް ނަޝީދަކީ ލާދީނީ މީހެކެވެ. ޕީޕީއެމްގެ މީހުން ދެކޭ ގޮތުގައި ނަޝީދުގެ ކޮންމެ ފިޔަވަޅަކީ ދީނާ ދެކޮޅަށް އަޅާ ފިޔަވަޅެކެވެ. ބުނާ ކޮންމެ ބަހަކީ ދީނާ ދެކޮޅު ބަހެކެވެ. ނަޝީދާ އެކު ދީނަށް ނަސްރު ލިބޭނެ އެއްވެސް ކަމެއް ކުރެވިދާނެ ކަމަކަށް އެ މީހުން ދުވަހަކުވެސް ގަބޫލެއް ނުކުރެއެވެ. ޕީޕީއެމުން ބުނާ ގޮތުގައި ނަޝީދާ އެކު އުޅޭނީވެސް ރާއްޖޭން އިސްލާމް ދީން ފުހެލަން އުޅޭ ބައެކެވެ. 

ނަޝީދުގެ ކިބައިގައި ގައުމިއްޔަތުގެ ކަންފުޅެއް ހުންނަ ކަމަކަށް ވެސް އަދުރޭމެން ދުވަހަކު ނުދެކެއެވެ. ނަޝީދުގެ ގައުމިއްޔަތަކީ އެހެން ގައުމިއްޔަތެއް ކަމަށް އެ މީހުން ދެކެއެވެ. ރާއްޖެ އެހެން  ދީންތަކަށް ހުޅުވާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތު ނަޝީދު ބޮލުގައި ޕީޕީއެމުން އަބަދު އަޅުވައެވެ. އެހެނެއް ކަމަކު ނަޝީދުގެ ލާދީނީ އެޖެންޑާ ކާމިޔާބު ކޮށްދޭން ޕީޕީއެމް މިއަދު އަތުގުޅައިފިއެވެ. 

ޗާގޮސް މައްސަލަ ސަބަބަކަށް ހަދައިގެން ކުރަން މި އުޅެނީ ކީއްކަން އެގެއެވެ. ރާއްޖޭގެ ގާނޫނު އަސާސީ ލިޔެވެން ފެށީއްސުރެ ޗާގޯހަކީ ރާއްޖޭގެ ބައެއް ކަމަށް އެއްވެސް އިރަކު ރާއްޖޭން ގަބޫލުކުރި ނަމަ އެކަން އޭގައި ބަޔާންކޮށްފައި އޮތީހެވެ. އެކަމަކު ނުކުރެއެވެ. 1996ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ގާނޫނު ލިޔެވުނު އިރުވެސް ރާއްޖޭގެ އާޕިލަޖިކަލް ބޭސްލައިން ޗާގޯހަކާ ގުޅުވައެއް ނުލައެވެ. އައްޑުއާއި ހިސާބުން ނިންމީއެވެ. އޭގެކުރިންވެސް އެކަމާ އުޅުނު މީހަކު ނެތެވެ. ކައިރީގައި އޮންނަ ވައްތަރު ކޮންމެ އެއްޗަކީ އަމިއްލަ އެއްޗެއް ކަމަށް ދުށުމެކޭ ކައިރީގައި އުޅޭ ކޮންމެ އަންހެނަކީ ތިމާގެ އަނބި މީހާކަމަށް ބެލުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ. 

ނަޝީދާ ބައިވެރިވެގެން ޕީޕީއެމުން ތިޔަ އުޅެނިއްޔަކީ ޗާގޯސް ހޯދާކަށް ނޫނެވެ. ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެނެއް ވެސް ނޫނެވެ. ރާއްޖޭގެ މިހާރުގެ ސަރުކާރާއި ދުނިޔެއާއި އޮތްގުޅުމާއި ރައްޔިތުން ރައީސް ސޯލިހަށް ކުރާ އިތުބަރާ ހުރެ ވެރިކަމާ ގާތް ނުވެވިދާނެތީއެވެ. ރާއްޖެ އެހެން ދީންތަކަށް ހުޅުވާލަން ނަޝީދުކުރާ މަސައްކަތަށް ވާގިދޭށެވެ. ތިޔަ ޖަހަނީ އޮޔާ ވަޔާ ދެކޮޅަށް ޖަހާ މަރު ފައްޔެއްކަން ނޭނގިގެން އުޅެނީ ކާކަށް ހެއްޔެވެ. 

ރާއްޖޭން ކޮންމެ ވައްތަރެއް ދެއްކިޔަސް ޗާގޯހަކީ މޮރިޝަސްގެ ތަނެއް ކަމަށް ދުނިޔެ އެ އޮތީ ގަބޫލުކޮށްފައެވެ. ޗާގޯސްއަކީ މޮރިޝަސްގެ ތަނަކަށް ވެފައެވެ. ޗާގޯސް މޮރިޝަސްގެ ތާކަށް ވުމުން މޮރިޝަސްއާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފުށުއަރާނެކަން ނޭނގޭ މީހަކު ނޫޅެއެވެ. ހާއްސަ އިގްތިސާދީ ސަރަހައްދު ފުށުއެރުމުން ދެން ހަދަން ޖެހޭގޮތް ރާއްޖޭގެ ގާނޫނު އެބަބުނެއެވެ. ރާއްޖޭގެ ގާނޫނުވެސް ބުނާ ގޮތަށް އެކަން ކުރީ ރާއްޖެއާއި މޮރިޝަސް އަމިއްލަ އަމިއްލައަކަށް ނޫނެވެ. އދ މަޖިލީހުގެ ކަމާބެހޭ ޓްރައިބިއުނަލުންނެވެ. އޮޅުވާލަން ތިޔަ އުޅެނީ ކޮން އެއްޗެއް ކާކަށް ހެއްޔެވެ. ތިމާމެންގެ މޮޅުކަމުން ހެދޭނެ އެހެން މޮޅު ގޮތެއް ނިކަން ބުނެބަލާށެވެ. 

ޕީޕީއެމް އާއި ނަޝީދާއި ގުޅިގެން ހޯދޭނެ ޗާގޯސް އެއް އިގުތިސާދީ ސަރަހައްދެއް ނުއޮންނާނެއެވެ. ޗާގޯސްގައި އުޅުނު މީހުންނަކީ ކްރިސްޓިއަނުންނެވެ. އެތާނގައި މީހުން އުޅުނު އިރު އޮތީ ކްރިސްޓިއަން ދީނާއި ކްރިސްޓިއަން ހަޒާރަތެވެ. ޗާގޯސް ރާއްޖެއަށް ނަޝީދު ލައްވާ ހޯދައިގެން އެތާނގެ ކްރިސްޓިއަން ރަށްވެހިން އެތާގައި ވަޒަންވެރި ކުރުވާ ރާއްޖޭގެ ރައްޔިތުންނަށް ހަދާއިރު ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްކަން ވައްދަނީ ޕީޕީއެމު މީހުން ކޮންތާކަށް ހެއްޔެވެ. ނަޝީދު ބޭނުން ވާގޮތަށް އެހެން ދީންތަކަށް ރާއްޖެ ހުޅުވާލަދޭން ޕީޕީއެމުން ތިޔަ ފަށާ މަސައްކަތަށް ދޭނީ ކޮން ނަމެއް ހެއްޔެވެ.