އިންޑިއާ ސިފައިންގެ އެކަކުވެސް ނުބޭލޭނެ!
އިންޑިއާ ސިފައިންގެ ބޫޓު ޖޯޑެއްވެސް ނުބޭލުނު
ކޮންހާ ލަންބާ ޗޯޅާ ވާހަކައެއް ހެއްޔެވެ. މި ވަގުތަށް މުހިންމު ކަންތަން ކޮށްބަލާށެވެ. ހާސް ދެހާސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ކިޔައިގެން ހިފި ނުހުރިގެން އުޅުނީ މުއިއްޒާއި ޕީޕީއެމް ކޯލިޝަނުންނެވެ. މިނިވަންކަން ގެއްލިގެން ތެޅިފޮޅުނީ ވެސް މުއިއްޒުމެންނެވެ. ސިޔާދަތުގައި ފަލަރޮނގު ދަމައިގެން ނަން ނެގޯޝިބަލް ކަމަކަށް އިންޑިއާ ސިފައިން ބޭލުން ހަދައިގެން އުޅުނީ ވެސް މުއިއްޒެވެ. މިހާރު ދެން ދެ ދުވަހުން އެއްދުވަހު ތިޔަ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ.
އާނއެކެވެ އަދަދެއް މުހިންމެއް ނޫނެވެ. ތިބިއްޔާ ތިބި އިންޑިއާސިފައިންނެއް އަވަހަށް ބާލާށެވެ. ވެރިކަން ބަދަލުކުރީ އިންޑިއާ ސިފައިން ބާލާށެވެ. ވެރިކަން ލިބިއްޖެއެވެ. އިންޑިއާ ސިފައިންގެ އެންމެ މީހަކުވެސް އަދި ނުބޭލެއެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. އިންޑިއާސިފައިން ބާލަން ތިޔަ ތިބެނީ ކުރިން ބުނި 2000 އިންޑިއާ ސިފައިން ފެންނަން ދެނޭ ހާދަ ހީވެއެވެ. ކިތަންމެ ނެގި ނެގިފައި ޖެހުނަސް ތިޔަބުނާ 89 އަށްވުރެ މިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދެއް މައްޗެއް ނުވާނެއެވެ. އެއަދަދު އެއަށް ވުރެ މަތިކުރަންޏާ އިންޑިއާއިން ޖެހޭނީ 1900އަށް ވުރެ ގިނައި ސިފައިން ގެންނާށެވެ. މިހާރު ތިޔަ ކުރަނީ އެ މަސައްކަތޭ ހާދަ ހީވެއެވެ.
އެހެންޏާ ފަހެ! އިންޑިއާ ސިފައިން ތިބެގެން މިނިވަންކަން ގެއްލޭތީ މިނިވަންކަމުގެ ފަލަރޮގު ދަމަމުން ވެރިކަމަށް އެރީ އެމީހުން ބާލާށެވެ. ހުވާކޮށްފައި ވެސް ބުނީ އިންޑިއާ ސިފައިން ބޭލުމަކީ ވާހަކަ ދައްކައިގެން ހައްލު ކުރަން އޮތް މައްސަލައެއް ނޫން ކަމަށެވެ. ޝަރުތެއް ނެތި އިންޑިއާ ސިފައިންގެ ބޫޓު ޖޯޑެއްވެސް ނުބަހައްޓާ ބާލާ ހުސްކޮށްލާނެ ކަމަށެވެ.
ވެރިކަމަށް ސާޅިސް ވެގެން ދިޔައީއެވެ. އިންޑިއާ ސިފައިން ބޭލުން ވެވަށް ވެއްޓު ގެރިއަށް ވެއްޖެއެވެ. އެއިން މީހެއްގެ ގައިން އިސްތައްޓެއްވެސް ނުބޭލެއެވެ. މުއިއްޒު ވެރިކަން ހޯދީކީ ވީއިރަކުން ކުރާކަށް ނޫނެވެ. ޕޮލިސީ މިނިސްޓަރ ނާޒިމު ނިކުމެ ނޫސްވެރިން ގާތުގައި ވީހާވެސް އަވަހަށް އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރާކަމަށް ބުންޏަކަސް އިންޑިއާ ސިފައި ބަލަންވީ ވައުދު ފުދުނު ކަމަކަށް ނުވާނެއެވެ.
ހިތްވަރެއް ހުރިއްޔާ ކުރީން ބުނިހެން ނަން ނެގޯޝިބަލް ކަމެއްގެ ގޮތުގައި އިންޑިއާ ސިފައިން ބަލާ ހުސްކޮށްލަ ބަލާށެވެ. ރާއްޖެއަކީ މިނިވަން މުސްތަގިއްލު ނިކަންފަލަ ސިޔާދަތީ ރޮގެއް ދަމައިގެން ތިބި ބަޔަކު ވެރިކަމުގައި ތިިބި ގައުމެއް ނޫން ހެއްޔެވެ. އިންޑިއާ ސިފައިނަށްވުރެ ދިވެހި ސިފައިން ވެސް ގިނަވާނެއެވެ. މާ ހުދުފަށަށް ބޮޑުނުކޮށް އިންޑިއާ ސިފައިން ތަޅާ ބުރުއްސާލަން ނުކެރިފައި ތިޔަ ތިބެނީ ކީއްވެފައި ހެއްޔެވެ. ވެރިކަމަށް އަރަން ވެގެން ވާހަކަ ދެއްކިއިރު ތިޔަދަތުރު ޖެހޭނެކަން ރަނގަޅަށް އެނގޭނެއެވެ. އިންޑިއާ ސިފައިން ބާލަން އެރި މީހުނަށް އިންޑިއާ ސިފައިން ނުބޭލުނީމާ ދެން ޖެހޭނީ ބާލަން އެރި މީހުން ބާލާށެވެ.