ސައިދަށް ސައީދު އޮޅި ދެއްކެނީ ޖައްބާރުކަން!
ވައުދު ފުދުނު ވަރަކަށް ޖެހެނީ ހާލުގަ!
"ހަމަ ހަގީގަތުގައި ވެސް" ފުން ކަނޑުގެ ތެރެއަށް ގެނބިފައި އޮތީ ރާއްޖެއެއް ނޫނެވެ. ޑރ. މުއިއްޒުގެ ސަރުކާރެވެ. ހެދޭ ނުހެދޭ ނޭނގި މަގު އޮޅި މިސްރާބު އޮޅިގެން އުޅެނީ އިގުތިސާދީ ވަޒީރު ތުރާކުނު ސައީދަށެވެ. މިނާއަކީ ގަރަހިތެއް ކަހަލަ މީހެކެވެ. މިނާގައި ހުރި މުނާފިގުކަން ފެނި ސިހޭހާ ވެއެވެ.
މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވެ ދާދިފަހުން ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅަކަށް ރައްދުދީ މި ސައީދަކު ވާހަކަ ދެއްކިއެވެ. މީގެކުރީން ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ވެރިއަކު ވެރިކަމުގެ ފުރަތަމަ 2މަހުގެ ތެރޭގައި އާމްދަނީ އިތުރު ކުރުމަށް އިޖާދީ މަސައްކަތެއް ކުރިކަމަކަށް ނުވެއެވެ. ނުއަގުގައި ފަޅުރަށްތައް ރައީސް ޔާމީނު ވިއްކި ކަމަށް ވެސް ބުންޏެވެ.
ރައީސް ޔާމީނު ސަރުކާރުގެ އިގްތިސޯދީ ކަންކަމަށް ފާޑު ކިޔާއިރު ރައީސް ޔަމީނުގެ އިގްތިސޯދީ ވަޒީރަކީ ސައީދު ކަމެއް ސައީދު ހަނދާނެއް ނެތެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ކުރިއްޔާކުރި ކަމެއްގައި އެންމެ ބޮޑު ދައުރެއް އޮތީ ސައީދުގެ އެވެ. ސައީދަށް ނޭގި ގޮނޑުދޮށަށް ރާޅެއްވެސް އޭރަކު ނުޖަހައެވެ. އެހެން އެންމެންނަށް ފާޑުކިޔަސް ރައީސް ޔާމީނުގެ އިގްތިސާދީ އެއްވެސް ކަމަކަށް ސައީދަށް ކިޔޭނެ ފާޑެއް ނުއޮންނާނެއެވެ. ރައީސް ޔާމީނުގެ އިގްތިސާދީ ކަންކަމަށް ސައީދު ފާޑު ކިޔާނަމަ އެކިޔެނީ އަމިއްލަ ނަފްސަށެވެ. އަމިއްލައަށް ފާޅު އެ ކުރަނީ މީނާގައި ހުރި ޖައްބާރުކަމެވެ.
މިހާވަރަކަށް ފޮނު މިއަރުވަނީ ފުރަތަމަ ދެމަހުން ކޮން އީޖާދީ ކަމެއް ކުރެވިގެން ހެއްޔެވެ. ހަފުތާ ސާދައިން ވައުދުތަކެއް ހާސިލުކުރެވިގެން ތުންމައްޗަށް ދަތްނާރައިގެން އުޅޭއިރު ތަފާތު ރަނގަޅެއް އިހުސާސް ވެގެން އުޅޭ ރައްޔިތަކު ނޫޅެއެވެ. ހިލޭ އެހީގެ ގޮތުގައި ބައިސެންޓް ވެސް ބޭރުން ގެނެ ވުނީއެއް ނޫނެވެ. ވެރިކަމެއް ބަދަލު ކުރެވުމުގެ އުފަލެއް އިހުސާސްވީ މީހަކު އުޅެނީއެއް ނޫނެވެ.
ރައީސް ޔާމީނު މިނިވަނެއް ނުކުރެވުނެވެ. ގެއްލުނު ކަމަށްކީ ކަނޑު ހޯދަން އިސްތިއުނާފެއް ނުކުރެވުނެވެ. އިންޑިއާ ސިފައިނެއް ނުބޭލުނެވެ. ގޯތިތަކާއި ފްލެޓްތައް ހަވަލެއް ނުކުރެވުނެވެ. މުއައްޒަފުންގެ މުސާރަ ބޮޑުކޮށެއް ނުދެވުނެވެ.
މިނިސްޓްރީ އުފެއްދުމާއި އެކަމެއް ނުވިޔަސް އެވެނިކަމެއް ކުރަން ނިންމުން އެއީ ވައުދު ފުއްދުން ކަމަށް ވަންޏާ ހުރިހާ ވައުދެއްވެސް ފުދި އިތުރުވެއްޖެއެވެ. މުއިއްޒުގެ ވައުދު ފުދޭވަރަކަށް މަސްވެރިން ނިކުމެ ތިބެނީ މުޒާހަރާގައެވެ. ކަންކަން ކޮށް ނުދީގެން އާއްމު ރައްޔިތުން އެއްވެ ތިބެނީ މުއައްސަސާތަކު ތެރޭގައެވެ. ވޯޓުދިން މީހުން ދުވަނީ ހުސްގޮނޑިއެއް ހިފައިގެން ފަހަތުންނެވެ.
އައިއެމް އެފާއި ވޯޅްޑް ބޭންކުން ލަފާދެނީ ބަގުރޫޓް އިއުލާނު ކުރުމަށެވެ. އިގްތިސޯދު ހަމަޖެހިފާ އޮތްވަރުން ވިއްކަން ޖެހެނީ ޓީ ބޮންޑެވެ. ވިއްކާ ޓީ ބޮންޑެއް ގަންނާނެ ފަރަތެއް ނުވެއެވެ. ބޭންކު ތަކުން ސަރުކާރަށް ލޯނު ނުދީގެން ސަރުކާރަށް ލޯނު ހޯދަން ޖެހެނީ އެސްއޯއީތައް މެދުވެރިކޮށެވެ. އިންވެސްޓް ކުރަން ހަވާލު ކުރަނީ ސްކޭމަރުންނާއެވެ.
މިވަރު ބައެއް ނެތިގެން ދޮގާއި ވަގާއި މަކަރުން ވެރިކަން ހޯދައިގެން ދުލުކުރީގައި ކުރީ ސަރުކާރު ލިޔެގެން ތަސްބީހައަކަށް އެހެން ކިޔުން ނޫނީ ނެތެވެ. ކެރުމެއް ހިތްވަރެއް ހުރިނަމަ ކުރީގެ ސަރުކާރޭ ނުކިޔާ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދީބަލާށެވެ. ރައްޔިތުންނަ ގުޅުން ހުރި ކަމެއް ކޮށްނުދީ ރައްޔިތުންގެ ވޯޓު ހޯދަން ހަމްދަރުދީގެ ކާޑް ކުޅެގެން ވާނެ މޮޅެއް ނުއޮންނާނެއެވެ. ސައިދަށް ސައީދު އޮޅެގެން އުޅުނަސް މީހުނަށް ސައީދެއް ނޯޅެއެވެ.