އެމްޕީއެލް ކޮމިއުނިޓީ ފަންޑް ތައާރަފުކޮށްފި

ޕްރަޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ

އެމްޕީއެލް ކޮމިއުނިޓީ ފަންޑް ތައާރަފުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮމިއުނިޓީ ފަންޑެއް ތައާރަފް ކޮށްފިއެވެ. އެމްޕީއެލް ކޮމިއުނިޓީ ފަންޑުގެ ބޭނުމަކީ މުޖުތަމައަށް ފައިދާ ހުރި އެކި މަޝްރޫއުތަކަށް އެހީ ދިނުމެވެ. ކޮމިއުނިޓީ ފަންޑުން އެހީ ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅަން ހުސްވި މަހު ވަނީ ހުޅުވާލާފައެވެ. ޕްރަޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެއެވެ. 

އެމްޕީއެލް އިން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތަކަށާއި ތައުލީމީ ދާއިރާއަށާއި ކުޅިވަރުގެ ދާއިރާއަށް ވަރަށް ބޮޑަށް ކުރިންވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އަހަރަކު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފަންޑުގެ ދަށުން ކޮންމެ އަހަރަކު ވެސް 10 މަޝްރޫއަށް ޖުމްލަ 600،000ރ. ހަރަދު ކުރާނެއެވެ. ކުދި މަޝްރޫއު ތަކަށް އެހީގެ ގޮތުގައި ބައިލައްކަ ރުފިޔާ ދޭއިރު އެއްލައްކަ ރުފިޔާ ބޮޑު ދެ މަޝްރޫއަކަށް ދޭނެއެވެ. ފަންޑުގެ ދަށުން އެހީވުމުގައި އދ.ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އިސްކަންދެއެވެ. 

ފަންޑުގެ ދަށުން އެހީ ދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެހީދިނުމަށް ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަޑުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އދ.ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް %40 ދެވޭއިރު އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް %20އާއި ޕްރޮޖެކްޓް ކުރިއަށް ގެންދާ ގޮތަށް %30 ގެ އިތުރުން ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް %10 ކަނޑައެޅިފައިވެއެވެ.

އެމްޕީއެލް ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ކައުންސިލްތަކަށާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކަށާއި ކްލަބްތަކަށާއި ސްކޫލްތަކަށެވެ.