މުއިއްޒުގެ ސަރުކާރު ބަންދުކުރުން ވެސް ބޮޑުގެރި ބޭރަށް ހިންގުމަށް

މުއިއްޒުގެ ސަރުކާރު ބަންދުކުރުން ވެސް ބޮޑުގެރި ބޭރަށް ހިންގުމަށް

ގައުމުގެ ވެރިކަމާ ހަވާލުވެގެން ހުންނައިރު ހިތުހުރި ގޮތަކަށް ކަންކަން ކުރަނީ ޑރ. މުއިއްޒަކީ ތަންދޮރު ނޭނގޭ ކުޑަކުއްޖަކީހެއްޔެވެ. ވެރިކަމަށް އަންނަން އުޅުނުއިރު ދެއްކިހާ ވާހަކަ ހަދާން ނެތުނީ ހަނދާނުގައި ހުންނަ ބަލި މަޑުކަމަކުން ހެއްޔެވެ. 

މުއިއްޒު ބުނިގޮތުން މުއިއްޒުގެ ސަރުކާރު ވާނީ 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ހޭލާ ތިބޭ ސަރުކާރަކަށެވެ. ލޮލުފިޔަ ނުޖަހާ ހޭލާ ތިބެގެން ހިދުމަތްދޭން އައި ސަރުކާރަށް ވެގެން މިއުޅެނީ ކިއްހެއްޔެވެ. މުއިއްޒު ސަރުކާރުގައި ކޮންމެ ދުވަހެއްގެ 24 ގަޑިއިރަކީ ސަރުކާރުގެ އިދާރާތަކުގެ ރަސްމީ ގަޑިއަށް ވާނެކަމަށް ބުނެވުނު ހަދާން ނެތުނީ ހެއްޔެވެ. 

ތެދެކެވެ. ސަރުކާރުގެ އިދާރާތަކުން 24 ގަޑިއިރު ހިދުމަތް ލިބެންޏާ އެއްވެސް މީހަކަށް ސަރުކާރުން ކުރާންޖެހޭކަމެއް ނުކުރެވިފައި ހުންނާކަށް ނުޖެހޭނެއެވެ. އެކަމަކު މުއިއްޒުގެ ވެރިކަމުގައި ކަންކަން ހިނގަނީ ކުރިން ބުނިގޮތާ ދިމާ އިދިކޮޅަށެވެ. 

މުއިއްޒު ސަރުކާރުގެ އިދާރާތަކުގައި ހިންގުންތެރިކަމެއް ހިދުމަތްތެރިކަމެއް ނެތެވެ. ވަޒީފާދީފައި ތިބިހާ މީހުނަށް މަހު މުސާރަ ލިބެނިކޮށް ވަރިހަމައެވެ. ކުރާނެ ކަމެއް އިށީންނާނެ ތަނެއް ނެތަސް އަތްގުޅި ނުކާވަރުގެ ބޮޑުމުސާރައެއް ނެގެނިކޮށް ވަރިހަމައެވެ. ގިނަ ވަޒީފާތަކުގައި ތިބި މުއައްޒަފުންނަށް ރަނގަޅީ އެއްގޮތަކަށް އޮފީސް ލޮލަށް ނުފެނި މަހު މުސާރަ ލިބިލިބި ހުރުމެވެ. މުއިއްޒަށްވެސް ރަނގަޅީ އެގޮތޭ ހީވެއެވެ.

ރައްޔިތުންނަށް ހިދުމަތް ނުދެވުނަސް ސަރުކާރުގެ ހުރިހާ ވެރިންނަށާއި މުއައްޒަފުންނަށް ރަގަޅީ ގިނަގިނައިން ސަރުކާރު ބަންދުވުމެވެ. ދެ މީހަކު ތާކު ކާއްޓެ ކެޔަސް ސަރުކާރު ބަންދު ނުކުރެވިގެން މުއިއްޒު ހުންނަނީ އަމަށަކު ވަރެއް ނޫނެވެ. މުއިއްޒުގެ ހެޔޮކަން ދެއްކުމަށް ސަރުކާރު ބަންދު ކުރުން މިހާރުވަނީ ބޮޑުގެރި ބޭރަށް ހިންގުމަށްވެފައެވެ. 

ސަރުކާރު ބަންދު ކުރުމަކީ އާއްމު ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތަތްތައް ނުދީކަމުން ރެކެންޖަހާ ޗައްކަރަކީތާއެވެ. ރޯދަމަހެއް އަތުވެއްޖެއްޔާ ފަހު ދިހަޔާއެކު ކުޑައީދު ބަންދު ދަންމާލައެވެ. ސަރުކާރުގެ އިދާރާތަކުން ހިދުމަތް ނުލިބި ޖެހިޖެހިގެން ދެތިން ހަފުތާ ބަންދުގައި ދުއްވާލާއިރު މީހުނަށް ވާނެ ދައްޗެއް ކުޑަކޮށްވެސް ހިތަކަށް ނާރައެވެ. 

މިފަހަރު ފަހު ދިހަ ބަންދާ އީދު ބަންދަށް ހުޅުވުނުތާ ހަފްތާއެއް ހާދުވަސް ފަހުން އެއްވެސް ކަމަކާނުލާ އިލެކްޝަނަށް ދެ ދުވަސް މިއޮތީ ބަންދުކޮށްފައެވެ. އިލެކްޝަން އޮތީ ހޮނިހިރު ދުވަހުއެވެ. އެއީ އާއްމުކޮށް އޮންނަ ހަފްތާ ބަންދުގެ ދުވަހެކެވެ. އިންތިހާބު އޮތީ ހޮނިހިރު ދުވަހުގެ ހެދުނު 8 އިން ފެށިގެން ހަވީރު ފަހަކަށެވެ. އެހެންކަމުން ޖެހިގެން އަންނަ އާދިއްތައާއި ހޯމަ ބަންދު ކުރާންޖެހޭ ސަބަބެއްނެތެވެ. 

އިލެކްޝަންގެ ނަތީޖާގެ ކަންކަން ކުރަނީ އެކަމަށް ތަމްރީނުކޮށް އެކަމަށް ހާއްސަވެގެން ހުސްވެގެން ތިބި ބައެކެވެ. އެމީހުނަށް އެކަންކުރާތީ އިނާޔަތާއި ކެއުމާއި ބުއިން ދެއެވެ. އެހެން އޮތް ކަމެއްގައި އިތުރު ދެ ދުވަހަށް ސަރުކާރު ބަންދުކޮށްގެން ކުރަން އޮންނާނީ ކޮން ކަމެއްހެއްޔެވެ. އިންތިހާބުގެ ކާމިޔާބީ ސެލެބްރޭޓް ކުރާނީ ކާމިޔާބު ކުރާ ބައެކެވެ. އެއްޔަކީ ސަރުކާރު ބަންދުކޮށްގެން ކުރާކަށް އޮތް ކަމެއްނޫނެވެ.

އެހެން ނޫނަސް ބާއްވާ އިލެކްޝަނަކާއި ސަރުކާރަކާ ކޮންވާ ކަމެއްހެއްޔެވެ. އަހަރެއްގައި އިންތިހާއަށް ސަރުކާރު ބަންދު ދުވަސް ގިނައިރުވެސް ގިނައިން ރަސްމީ ދުވަސްތަކުގައި މުއިއްޒު އުޅެނީ ރާއްޖޭން ބޭރުގައި ނުވަތަ ކޮންމެވެސް ކެންޕޭނެއްގައި އޮފީހަށް ނުވަދެއެވެ. ސަރުކާރު އަބަދު އޮންނަނީ ޗުއްޓީގައެވެ.