ދިވެހީންގެ ރައީސަކީ ޑްރެގަން ޝީންޓޯއަކީތަ!؟

ޑްރެގަންއަށް ކަލާގެވަންތަ ކަމުގެ ސިފަދީގެން މުއިއްޒު ވާހަކަ ދެއްކުން

ދިވެހީންގެ ރައީސަކީ ޑްރެގަން ޝީންޓޯއަކީތަ!؟

މާތް ރަސްކަލާނގެ ރަސްކަންފުޅު ފިޔަވައި ކަލާނގެ ވަންތަކަމަށް މީހުން ގަބޫލުކޮށްގެން އުޅޭ އެއްވެސް ފަރާތަކަށް ކަލާނގެ ވަންތަކަމުގެ ސިފަލިބިގެންވާ ކަމަށް ދޭހަވާ މޭރުމަކުން މުސްލިމަކު ބަހެއް ބުނުމަކީ އަދި ކަމެއް ކުރުމަކީ ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އަގީދާ ފާސިދުވެފައިވާ ބައެއްގެ ރުހުން ހޯދުމަށްވެސް ބާތިލު އަގީދާތަކަށް ހިތްވަރު ލިބޭ ގޮތަށް މުސްލިމުން ވާހަކަ ދައްކާ އުޅުމަކީ ބޮޑުވެގެންވާ ކުފުރެއްކަމަށް އިސްލާމީ އިލްމުވެރިން އިއްތިފާގުވެއެވެ. 

ގައިރު މުސްލިމުންނާއި ގުޅުން ބޭއްވުމަކީ މުސްލިމުންނަށް މަނާކަމެއް ނޫނެވެ. ގައިރު މުސްލިމުންގެ ފަރާތުން ދުނިޔަވީ އެހީތެރިކަން ހޯދުމަކީވެސް ގޯހެއް ނޫނެވެ. ގޯހަކީ ގައިރު މުސްލިމުން ރުއްސުމަށްޓަކާ އެމީހުންގެ ބާތިލު އަގީދާއަކީ ގޯހެއް ނޫންކަމަށް ދޭހަވާހެން އެމީހުނާ ބައިވެރިވުމެވެ.

ރައީސް މުއިއްޒަކީ ސައްތައިން ސައްތަ އިސްލާމީ ދިވެހިންގެ ރާއްޖޭގެ ރައީސެވެ. ބައިނަލްއަގުވާމީ ގުޅުމުގެ ތެރެއިން ގައިރު މުސްލިމު ގައުމުތަކާ ރާއްޖޭން ގުޅުން ބާއްވާ އެހީތެރިކަން ހޯދުމަކީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު ކުރައްވަން އެންމެ ރަނގަޅު ކަމެކެވެ. ވަކި ހާއްސަ ގާތް ގުޅުމެއް ޗައިނާ ފަދަ ފޯރާ ތަނަވަސް ގައުމަކާއެކު ބޭއްވުމަކީވެސް އޭގެ ޒާތުގައި ގޯހެއް ނޫނެވެ. އެހެނަސް ޗައިނާ ރުއްސުމަށްޓަކާ އެމީހުންގެ ބާތިލު ކަނލާގެ ޑްރެގަންއަށް ކަލާގެވަންތަ ކަމުގެ ސިފަ ލިބިގެންވާ ކަމަށް ގަބޫލުކުރެވޭ މޭރުމަކުން ރާއްޖޭގެ ރައީސް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ޑްރެގަން ކަލާނގެ ސިފަތައް ބަޔާން ކުރުމަކީ ޗައިނާ މީހުން އަޅުކަންކުރާ ޝިންޓޯ ދީނީ އަގީދާގެ އެންމެ މުހިންމު ބައެވެ. އެ ދީނުގައި ވާ ގޮތުން ޑްރެގަން ކަލާނގެ އަކީ ދަނޑު ގޮވާމަށް އެދި ދެންނެވޭ، ވާރޭ ގެ ރިޒްގަށް އެދި ދެންނެވޭ، އަދި މަސްވެރިކަން ތިޔާގި ކޮށްދެއްވުމަށް އެދި ދަންނަވާ ކަލާނގެއެވެ. ޑްރެގަން އީދުގެ ތަހުނޔާ މުއިއްޒު ފޮނުއްވެވީ އެ މާނަ ދޭހަވާ މޭރުމުންނެވެ.

ކްރިސްމަސް ފާހަގަ ކުރުން މުސްލިމުންނަށް ހަރާން ވާހެން ޝިންޓޯ ދީނުގެ އާ އަހަރު ފާހަގަ ކުރުމަކީވެސް ކަނޑައެޅިގެންވާ ބޮޑު ޝިރުކެކެވެ. މުސްލިމުން އީދުގެ ގޮތުގައި ފާހަގަ ކުރުމަށް ޝަރުއު ކުރައްވާފައި ވަނީ ދެއީދު ދެދުވަހެވެ. ފިތުރު އީދާއި އަލްހާ އީދެވެ.  

ޗައިނާގެ ދީނީ އާ އަހަރުގެ ތަހުނިޔާގައި ޗައިނާގެ ޑްރެގަން ކަލާނގެއަށް ފާގަތި ކަމާއި، ބާރާއި، ހިކްމަތް ލިބިގެންވާ ކަމަށް މުއިއްޒު ބުނި ބުނުމަކީ ޝިރުކުގެ އަމަލެއް ނޫންކަމަށް ބެލެވޭނެ ގޮތެއް ނެތެވެ.

ޑްރެގަން އަކީ ޗައިނާގެ ގިނަ މީހުންގެ ކަލާނގެއެވެ. ޑްރެގަންއަކީ ކަނޑުއަޑީގައިވާ ރައިގޫ-ޖޯ އޭ ކިޔުނު ގަނޑުވަރެއްގައި ދިރިއުޅެމުން އަންނަ ބާރުގަދަ ޑްރެގަނެއް ކަމުގައި ޗައިނާގެ ޝިންޓޯ ދީނުގެ މީހުން ދެކެއެވެ. ދިޔަވަރު ބޮޑުވުމާއި، އުދައެރުމާއި، ތޫފާންތަކާއި ކަނޑުގެ މަތިވެރިކަން ކޮންޓްރޯލް ކުރާ ފަރާތަކީ ޑްރެގަން ކަމުގައި ޗައިނާގެ ކާފަރުން ދެކެއެވެ.

ރިއުޖިން (ޑްރަގަން) އަކީ އެ މީހުން ދެކޭ ގޮތުގައި ދީލަތި ކަލާނގެއެވެ. ޑްރެގަނަށް ހެޔޮ އެދުންތައް ފޮނުވާ އިހުތިރާމްކުރާ މީހުންނަށް މަދަދުވެރިވާ ކަލާނގެ އެއް ގޮތުގައި މަގު ގެއްލިފައިވާ ކާފަރުން ޑްރެގަން ސިފަކުރެއެވެ. ޑްރެގަން ކަލާނގެ އަޅުންގެ ގޮތުގައި ކަހަނބާއި، މަހާއި، ޖެލީފިޝް ފަދަ ތަފާތު ކަނޑުގެ ދިރުންތައް ވާ ކަމުގައި ޗައިނާގެ ކާފަރުން ދެކެއެވެ. މުއިއްޒު ޑްރެގަންނަށް ހެޔޮ އެދުންތައް ފޮނުވާ އިހުތިރާމް ކުރާކަން ހާމަކުރީ ކޮން އެއްޗެއް ހޯދަން ހެއްޔެވެ. 

ޗައިނާގައި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ކަނޑުގެ ނިއުމަތްތައް ލިބިފައި އެންމެ ބޮޑަށް އޮންނަ އައްސޭރިފަށުގައި އުޅޭ މުޖުތަމައު ތަކުގައި އެ ދީން ފެތުރިފައިވާލެއް ބޮޑެވެ. އެސަރަހައްދުތަކުގައި ޑްރެގަން ކަލާނގެއަށް އަޅުކަން ކުރާ ފައްޅިތައް ގިނައެވެ. ޑްރެގަން ކަލާނގެ ރުއްސުމަށް، ހަނޑުލާއި، ގޮވާމުގެ ބާވަތްތައް ޑްރަގަން އަށް ހަދިޔާ ކުރުމާއި، މުއިއްޒު ސަނާ ދެންނެވިހެން ޑްރަގަން އަށް ސަނާ ކިޔާއުޅެއެވެ.

މުއިއްޒު މިކުރި ކަހަލަ ކަމެއް އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ކުރިނަމަ ހީވީހީ އުޑުބޮލަށް ވެއްޓެން އުޅޭހެންނެވެ. ކާފާރުކޮށް ބޯކަނޑަން ގޮވާ ބަދު ދުއާކޮށް ހީވީހީ އެހެން ކަމެއް ވެގެން އުޅޭހެންނެވެ. 

މުއިއްޒު އަކީ އިސްލާމީ ލީޑަރެއް ކަމަށް ދައްކައިގެން ވެރިކަމަށް އައިސް ހުރި ފަތިސް ނަމާދުން އިސްތިހާރުވާ ކަޅިމަތީ ކުރަލީ ޝޭހުންގެ ޝޭހެވެ. މުއިއްޒުގެ ބާރުން ބާރުލިބިގެން ނާޖާއިޒް އެތައް މަންފާ ހާސިލް ކުރަމުންދާ ދީނީ ތާކިހާ އެޅި މީހުން ތިބީ މިކަން ނުފެންނަ ކަމަށް ހަދައިގެންނެވެ. އަމިއްލައަށް ކަނު ބަނދެވިގެންނެވެ. ދުނިޔެވީ މާއްދިއްޔަތުގެ އަވާގައި ލޮލަށް މިރުސް އެޅިފައެވެ.