މުއިއްޒުގެ ރާއްޖެ އިންޑިއާގެ ބެކްޔާޑުން ޗައިނާ ބެކްޔާޑަށް!
ދަނޑިވަޅު ބަލާފައި ޗައިނާއިން ރާއްޖޭގެ އަތުގައި ހިފީ އަޅުވެތި ކުރަންތަ!
ދުނިޔޭގެ އާޖުފާޖު ނޭނގޭ ވެރިއަކު ގައުމަކަށް އިސްވެއްޖެނަމަ އެ ގައުމެއް ދޮޅިއެޅޭކަށް ލަހެއް ފަހެއް ނުވާނެއެވެ. ރާއްޖެ މިދަނީ އެ މަގަށް ފެތެމުން ވެއްޓެމުންނެވެ. ރާއްޖޭގެ ވެރިކަމަށް ޑރ. މުއިއްޒު އެރީ ދުނިޔޭގެ ހަމަލަމައިން ބޭރުންނެވެ.
ސިޔާސީ ވާދަވެރިކަމުގައި ރައިސް ޔާމީނު އިސްވެ ހުންނަވާ ފެއްޓެވި އިންޑިއާ އައުޓް ކެންޕޭން ވީ ރައީސް މުއިއްޒު ވެރިކަމަށް ބޭނުން ކުރެއްވި އެންމެ ތޫނު ހަތިޔާރަށެވެ. އިންޑިއާއިން ރާއްޖެ އަޅުވެތި ކުރަމުން ދާކަމަށް ރައްޔިތުންނަށް އޭނާ ވިސްނާދިނެވެ. އެހެން ކަމުން ރައީސް މުއިއްޒުވެރި ކަމަށް އިސްކުރީ އިންޑިއާ އައުޓް ކުރުމަށެވެ. ކަމުގެ ހައްސާސްކަން އެއްވެސް ވަރަކަށް ވަޒަންކޮށެއް ނުލައެވެ.
އިންޑިއާ އައުޓު ޖައްސައިގެން އިދިކޮޅުގައި ތިބިއިރު އިންޑިއާއިން އެކަމަކާ އަޅައެއް ނުލައެވެ. އިންޑިއާއިން އިސްކަންދިނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި އަހުވަންތަ ގުޅުމަށެވެ. އެހެނެއް ކަމަކު ވެރިކަމަށް އައުމަށް ފަހުވެސް ރައީސް މުއިއްޒު އިންޑިއާ ދުށީ ރާއްޖޭގެ ހަތުރެއް ގޮތަށެވެ. ސިޔާސީ ވެރިންލައްވާ މުޅި އިންޑިއާއަށް ކުޑައިމީސްކޮށް އިންޑިއާއަކީ ގޮތެއް ފޮތެއް ނެތް ބައެއް ކަމަށް ސިފަކޮށް މަލާމާތާ ފުރައްސާރަ ކުރުން އިހުނަށްވުރެ ވެސް ބޮޑު ކޮށްލީއެވެ.
ދެނަކާ ދެނެއް ނެތެވެ. މުޅި އިންޑިއާގައި ރާއްޖެއާ ދެކޮޅުވެރިކަމުގެ ބާންޏެއް ފެތުރި ރާއްޖެ ބޮއިކޮޓް ކުރުމުގެ އަޑު ހިއްޕާލިއެވެ. ރާއްޖޭގެ އިގްތިސާދުގެ މައިތަނބު ކަމުގައިވާ ޓޫރިޒަމްގެ އެންމެ ބޮޑު ހިއްސާއެއް ކުރާ އިންޑިއާގައި ރާއްޖެ ބޮއިކޮޓް ކުރުމުގެ އަޑު ގުގުމާލުމަކީ ރާއްޖެއަށް ކުއްލިއަކަށް ލިބުނު ބޮޑު ގެއްލުމެކެވެ. ދަތްކޮއްޓާ އިލޮށިކޮޅެއްގެ މިންވަރުގެ އުފެއްދުންތެރި ކަމެއް ނެތް ފަތުރުވެރި ކަމަށް ބަރޯސާވާ ރާއްޖެއަށް އެއްވެސް ފައިދާއެއް ރަނގަޅެއް އޮތްކަމަކަށް އިންޑިއާ އާއި އެކު އޮތް ގުޅުން ހީނަރުވުން ނުވާނެއެވެ.
ބައެއްގެ އުނގުން ނިކުތް ކަމަށް ބުނެ އަނެއް ބައެއްގެ އުނގަށް ވެއްޓިގަތުމަކީ ބައެއްގެ ބެކްޔާޑަށް ދިޔުން ނޫން ކަމަކަށް ނުވާނެއެވެ. ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ގޯސްވީ ދަނޑިވަޅު ބަލާފައި ޗައިނާއިން ރާއްޖޭގެ އަތުގައި ހިފުމުގެ ފަހަތުގައި އަޅުވެތި ކުރުން ނޫން އޮންނާނީ ވަކީން ކޮންކަމެއް ހެއްޔެވެ. އިންޑިއާ ކަނޑުގައި ޗައިނާގެ ހަން ފެތުރުމަށް ޗައިނާގެ ގޮނޑިކޮއްކޮ އަކަށް ރާއްޖެ ނުހަދާ ފަރުޖައްސާނެ ހެއްޔެވެ.
ދޭ ހިލޭ އެހީއާއި ވެވޭ އަޑިނޭނގޭ އެއްބަސްވުން ތަކުން ގެއްލެން އޮތީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. ޗައިނާ އާއި އެކު ހަދާ އެއްބަސްވުމަކުން ނުގެއްލޭ އެއްޗެއް އިންޑިއާ އާއިއެކު ހެދި އެއްބަސްވުމަކުން ނުގެއްލޭނެއެވެ. ރާއްޖޭގެ އެއްވެސް ތާކަށް އިންޑިއާއިން ވެރިވެގަނެ އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްގެން އުޅޭ ތަން ނުފެނުނަސް ހަމަ ގައިމުވެސް ލަންކާގެ ހަންބަން ޓޯޓާއަށް ޗައިނާއިން ވެރިވެގަނެގެން އުޅޭތަން ފެންނަން އެބައޮތެވެ.
ސައިޒް ނޭނގި މަތިހަށި ނަގައިގެން ތެޅެގަތީމާ ފައިދަތިވެސް އަޅުވާނެއެވެ. އެކެއްގެ އުނގުން ފުންމާލައިގެން އަނެކެއްގެ އުނގަށް ވެއްޓި ގަތުމަކީ މިނިވަން ކަމެއް ނޫނެވެ. މިނިވަން ކަމަކީ ކާންދޭ އަތުގައި ދަތް އެޅުމުގެ ލައިސަނެއް ނޫނެވެ.