ބާވީސް މިލިޔަން ބައިގަޑި އިރުން ބާދަގަނޑަށް
އެމެރިކާގެ ކެޕީޓަލް ބިލްޑިނގގައި ބާއްވަރުގެ ބޮޑު ރަސްމިއްޔާތެއް
ގައުމު ދަރާ ބޯހިކޭކަށް ނެތެވެ. ޑިސެންބަރ މަހުގެ މުސާރަ މުއައްޒަފުންނަށް ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އެބަ ވިދާޅުވެއެވެ. ގައުމު އެކީ އެކައްޗަކަށް ބަނގުރޫޓްވެފައި ވާކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ. ޑރ. މުއިއްޒުގެ އެކޮނޮމިކް މިނިސްޓަރ ކަމަށް ބެލެވޭ މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރ މުހައްމަދު ސައީދު ވެސް މަޖިލީހުގައި ކެނޑިނޭޅި ދައްކަވަނީ އެ ވާހަކައެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ޑރ. މުއިއްޒުގެ ފިޝަރީޒް މިނިސްޓަރ ކަމަށް ބުނެވޭ ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ޝިޔާމް ވެސް މަޖިލީހުގައި އަބަދު ދައްކަވަނީ ރާއްޖެ ބަނގުރޫޓްވާ ވާހަކައެވެ.
ޑރ. މުއިއްޒު ރިޔާސީ ކެންޕޭނުގައި އެންމެ ބާރަށް ދެއްކެވި އެއް ވާހަކަފުޅަކީވެސް ގައުމު ދަރަނިވެރިވެ ބޯހިކެން ނެތް ވާހަކައެވެ. ސަރުކާރުން ކޮންމެހެން ކުރަން ނުޖެހޭ ބޭކާރު ހަރަދުކޮށް ދައުލަތުގެ ފައިސާ އިސްރާފް ކުރާވާހަކައެވެ. ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ބޭބޭފުޅުންގެ މަސްލަހަތު ހުރި ކުންފުނިތަކަށް ފައިސާ ލިބޭ ގޮތަށް ދައުލަތުގެ މަސައްކަތްތައް ކުރުވާ ވާހަކައެވެ. 2026 ވަނަ އަހަރަށް ދާއިރު ދަރަނި އަދާ ކުރެވޭނެ ގޮތެއް ފެންނަން ނެތް ވާހަކައެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި ރައްޔިތުންގެ ޑިމާންޑް ތަކަށް ޑރ. މުއިއްޒު ބޮޑެތި ވައުދުތައް ވެވަޑައިގަތެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށް ވައުދުވެ ވަޑައި ގަތުމަކީ މައްސަލައެއް ނޫންކަމަށް ބަލަމާ ހިނގާށެވެ. އެވާހަކަ އެއްފަރާތުގައި ބާއްވާމާ ހެއްޔެވެ.
މުއިއްޒު އިންތިހާބުވެ ވަޑައިގަތުމަށް ފަހުވެސް ކޮންމެހެން މަޖުބޫރު ހަރަދެއް ނޫނީ ނުކުރައްވާނެ ކަމަށް ހީކުރެވުނެވެ. ކިތަންމެ ހަރަދު ކުޑަކުރައްވަން އުޅުއްވިޔަސް ހިނގާ މަޖުބޫރު ހަރަދުތަކެއް ހުންނާނެ ވެސް މެއެވެ. އެހެން ކަމުން ސަރުކާރު ކުޑަކޮށް ކޮންމެހެން ނުކޮށް ނުވާނެ ހަރަދެއް ނޫނީ މުއިއްޒު ނުކުރައްވާނެ ކަމަށް ގަބޫލު ކުރެވުނެވެ. އެހެނަސް މަންޒަރު ފެންނަނީ އެހެނަކުން ނޫނެވެ.
22 ވުޒާރާ އުފައްދަވާ ކަމަށް މައުލޫމާތު ލިބެއެވެ. އެއިން ކޮންމެ ވުޒާރާއަކަށް ވަޒީރަކާއި އެއަށް ވާވަރަށް ސިޔާސީވެރިން ލައްވަން ޖެހިވަޑައިގަންނަވާނެއެވެ. ކޮންމެ ވުޒާރާއެއްގައިވެސް އެކަށީގެންވާ އިދާރީ އޮނިގަޑެއް އެކުލަވާލާ އިދާރީ މުއައްޒަފުން ހަމަ ޖައްސަން ޖެހި ވަޑައި ގަންނަވާނެއެވެ. ކުރިން އެއް ފުރާޅެއްގެ ދަށުގައި ތިބި މަލްޓިޓާސްކް މުއައްޒަފުން ބައިބައިވެގެން ވަކި އޮނިގަނޑު ތަކެއްގެ ދަށުގައި ވަޒީފާ އަދާކުރަން ޖެހުމުން ކޮންމެ ވުޒާރާއަކަށްވެސް އިތުރު އިދާރީ މުއައްޒަފުން ބޭނުން ނުވެއެއް ނުދާނެއެވެ. ގައުމު އޮތް ހާލަތަށް ބަލާއިރު މިއްޔަކީ ހަރަދު ކުޑަ ކުރުމެއް ކަމަކަށް ނުވާނެއެވެ.
އަނެއްކޮޅުން ރައީސް ކަމުގެ ހުވާކުރުމަށް ގާނޫނީ ގޮތުން ލާޒިމް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ބޭއްވެއެވެ. ދެކޮޅު ނުޖެހި ދަރާ ވިކިފައިވާ އިރެއްގައި ރައީސް ކަމުގެ ހުވާ މަޖިލީހުގެ ތަޅުމުގައި ކޮށްލެއްވުމުން ގާނޫނީ ވާޖިބު ފުރިހަމަ ކުރެވެއެވެ. މަންޒަރު ދެއްކެވުމަށް މަޖިލީހުގެ ތަޅުމާއި ގެލެރީތައް މެހެމާނުންނަށް އެއޮތީއެވެ.
އެމެރިކާގެ ރައީސުން ހުވާކުރުމަށް ކެޕީޓަލް ބިލްޑިންގގައި ބާއްވާ ވަރުގެ ބޮޑު ރަސްމިއްޔާތެއް ނުބާއްވާ ހަމަ ނުފުދެނީ ހެއްޔެވެ. ނަމުގައި ސިފައިންގެ ކުންފުންޏަށް މަސައްކަތް ދީގެން އޭގެތެރެއިން އަޑުގަދަކުރާ ނިޒާމް ގާއިމުކުރުން ފަދަ ކަންކަން އަރިސް ބޭބޭފުޅުންނަށް ބައި އެޅޭގޮތަށް ދެއްވައިގެން ޖުމްހޫރީ މައިދާނުގައި ޖުމްހޫރީ ދަރުބާރެއް ނުހަދާ ވާންނެތީ ދޮގެއްތޯއެވެ. މުއައްޒަފުންނަށް މުސާރަ ނުދެވޭ ވަރަށް ދައުލަތުގެ މާލީ ހާލަތު ދަށްވެފައިވާ އިރެއްގައި ބާވީސް މިލިޔަން ރުފިޔާ ބައިގަޑި އިރުން ބާދަގަނޑަށް ދުއްވާލަން ހަމަ އޯކޭ ދޮގެއްތޯއެވެ.