ހަމަހަމަ 4 ގެ އެއް ލޭންޑްމާރކް އަކީ ފެނަކަ ސައީދު
ބައުވެ ވިރާނާ ވެފައިވާ 66 އިންޖީނުގޭގެ ބަދަލުގައި ޒަމާނީ 66 އިންޖީނުގެ އަލަށް ބިނާކޮށް ހުޅުވި
ރައީސް ސާލިހުގެ ސިޔާސީ ވާދަވެރިން އެންމެ ހަސަދަވެރި ވަނީ ފެނަކަ ކޯޕަރޭޝަންގެ ކާމިޔާބީ ތަކާއި މެދުގައެވެ. މީހުން އުޅޭ 150 ރަށަށް އަސާސީ ހިދުމަތްދޭ ފެނަކައިން ދެވޭ ހިދުމަތްތަކަށް ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ވަނީ ލިބިފައެވެ. ފެނަކައިން ދޭ ހިދުމަތްތަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހިދުމަތް ތަކަކަށް ވުމަކީ ވާދަވެރިންނަށް ހަޖަމުކުރެވޭ ކަމަކަށް ނުވެއެވެ.
ވާނީ އެހެންތާއެވެ. މި ސާރުކާރު ވެރިކަމާ ހަވާލުވީ އިރު ވަރަށް ގިނަ ރަށްރަށުގައި ކަރަންޓްދޭ އިންޖީނުގެތައް ހުރީ ބައުވެ ހަސް ނެތިފައެވެ. ހުރިހާ ތަނެއްހެން ހުރީ އަވަށު ތެރޭގައެވެ. އާއްމު އުނދަގުލެއް ގޮތުގައެވެ.
އިންޖީނުގެއިން އިވޭ އިންޖީނުގެ އަޑުފަށްގަޑު އެތައް ދުރު މިނަކަށް ފެތުރި ކެނޑިނޭޅި އިވިއިވި ހުރެއެވެ. އިންޖީނުގެ ތަކުގެ ކައިރީގައި ދިރިއުޅޭ މީހުންގެ ކަންފަތްތައް ހުރީ ބައްވެފައެވެ. އަޑުގެކޮޅަށް ވާހަކަ ދައްކައިގެން ނޫނީ މީހަކު ދައްކާ ވާހަކައެއްގެ އަޑެއް ޖެހިގެން ހުންނަ މިހާއަށް ވެސް ނީވެއެވެ.
އިންޖީނު ތަކުން އަރާ ދުމުން މުޅި އިންޖީނުގެތައް ހީވަނީ ދަރުން މަސް ކައްކާ ގެނދަބުޅީގެ ބަދިގެތަކެއް ހެންނެވެ. އިންޖީނުގެއިން އަރާދުމުން ހިސާބުގަނޑުގެ ގޭގެ އާއި އެ ގޭގޭގައި ގެންގުޅޭހާ އެއްޗެއް ވެސް ހީވަނީ ދެލި އަރާ ފުރެވައި ހުންނަ ތެލިތަކެއް ހެންނެވެ. ގޯތި ތެރޭގައި ހުންނަ ގަސްގަހުގެ ފަތެކޭ ދަރުބަދިގެއެއްގެ އަތްދޮށް ގަނޑަކާ ތަފާތެއް ނުހުރެއެވެ.
އިންޖީނުގެއާ ފަސްހަސަތޭކަ ފޫޓް ދުރުގައި ހުންނަ ގޭގެ ވަޅުވަޅުގެ ފެންގަނޑެކޭ ތެޔޮފެން ލޯގަނޑެކޭ އެއްގޮތެވެ. އެއަށްވުރެ ކައިރީގައި ހުންނަ ވަޅުތަކުގެ ހާލު ހުންނާނެ ގޮތް ދެން ހިތައް ގެންނާށެވެ.
ވޭތުވެ ދިޔަ 4 އަހަރު ތެރޭގައި ފެނަކައިން އެންމެ ބޮޑު އިސްކަމެއް ދިން އެއްކަމަކީ ރަށްރަށުގެ ރައްޔިތުންނަށް އިންޖީނުގެތަކުން ލިބެމުން ދިޔަ އަނިޔައާއި ދުއްތުރައިން ރައްޔިތުން މިންޖު ކުރުމެވެ. އެކަމަށްޓަކާ ކިތަންމެ ބޮޑު ހޭދައެއް ކުރަންޖެހުނު ކަމަށް ވިޔަސް އެކަންނުކޮށް ލަސްކޮށް ފަސްކުރާކަށް ފެނަކައިން ބޭނުމެއް ނުވިއެވެ.
މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އަޒުމް ކަނޑަ އެޅުއްވީ ރަށްރަށުގެ ރައްޔިތުން އުފުލަން ޖެހިފައިވާ ވޭނާއި ތަކުލީފަށް ނިމުން ގެނެސް ދެއްވުމަށެވެ. ފެނަކައަކީ ރައްޔިތުންގެ އިހުސާސް ދަނެގެން ރައްޔިތުންގެ ލޯތްބާ އިތުބާރު ލިބިގެން ރައްޔިތުނަށް ހިދުމަތް ދޭ ކުންފުންޏެއް ކަމުގައި ވުމަށެވެ. ރައީސް ސޯލިހުގެ ހެޔޮވެރިކަމުގެ ހެޔޮ އިހުސާސް އަމަލީ ގޮތުން ރައްޔިތުންނަށް ކޮށް ދިނުމަށެވެ.
ބައުވެ ހަސްނެތި ވިރާނާ ވެފައިވާ 66 އިންޖީނުގޭގައި ވަނީ ހުސްވި ހަތަރު އަހަރުގެ ތެރޭގައި ތަޅު އަޅުވާ ބަންދު ކޮށްފައެވެ. މީހުނަށް އުނދަގޫ ނުވާ ހިސާބުގައި އެންމެ ޒަމާނީ ފެންވަރަށް އިއްޖީނުގެ ބިނާކޮށް ހިދުމަތްދޭން ފެށުމަށް ފަހުގައެވެ.
އެތައް ޒަމާނެއް ވަންދެން ސަރުކާރު ތަކުން އިހުމާލު ވެފައިވާ ގައުމީ ބޮޑު މައްސަލައަކަށް މިސަރުކާރުން ފެނަކަ މެދުވެރިކޮށް ހައްލު ހޯދުމަކީ ކުޑަކުޑަ ހަރަދެއް ނޫނެވެ. ބޮޑު ހަރަދެއްކޮށްގެން ދާއިމީ ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ ކުރިމަގުގެ ފައިދާ މުޅި ރައްޔިތަށާއި ސަރުކާރާއި ފެނަކައަށް ނިހާޔަތަށް ބޮޑުވާނެ ކަމެކެވެ.
މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ ލީޑަރޝިޕްގެ ދަށުން ކުރު މުއްދަތެއްގައި ހޯދި މި ބޮޑު ކާމިޔާބަކީ ރައްޔިތުންގެ ލޯތްބާ އިތުބާރު ފެނަކައަށް ލިބިގެން ދިޔަ ކަމެކެވެ. ވާދަވެރިންގެ ހަސަދައިގެ ލޯތައް މެނޭޖިންގ ޑިރެކްޓަރ ސައީދަށް ހުއްޓުނު ކަމެއް ވެސް މެއެވެ. ރައީސް ސާލިހުގެ ކާމިޔާބު ހަމަހަމަ 4 އަހަރުގެ އެއް ލޭންޑް މާރކް ކަމުގައި ފެނަކަ ސައީދު ވެގެން ދިޔައީ އެހެން ވެގެނެވެ. ވާދަވެރިންގެ އަމާޒު ފަތްގަޑަކަށް ފެނަކަ ސައީދު ވެފައިވަނީ ފެނަކައިގެ ކާމިޔާބީތަކަށް ހަސަދަ ވެރިކަން ބޮޑު ކަމުންނެވެ.