ހިތި ހަބަރަށްވި ފިޔާތޮށި ފިނިފެންމާ
މުހައްމަދު ސައީދު އަށް ހައްދުން މައްޗެއް ފޯޅަވައްސެއް ތުރާކުނެއް ނޭނގުނު
ކުރިން އިކޮނިމިކް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު ވިދާޅުވަނީ ފޯޅަވައްސަކީ އެއްވެސް ޒަމާނެއްގައި މޮރިޝަސްއަށް މިލްކުވެރިކަން ލިބިފައި އޮތް ތަނެއް ނޫން ކަމަށެވެ. ފޯޅަވައްސަކީ ރާއްޖޭގެ މިލްކެއް ކަމަކަށް ވެސް ބުނެއެއް ނުދެވުނެވެ. އެހެން ބުނާކަށް ނުވެސް ކެރުނެވެ.
މިހާރަކަށް އައިސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އެންމެ ހަރުއަޑުން ހަނގާ ކުރާ އެކަކީ މާވަށުދާއިރާގެ މެމްބަރު މުހައްމަދު ސައިދުއެވެ. ރައީސް ޔާމިންގެ ސަރުކާރުގައި އެންމެ ރަނޑުކޮށް ވަޒީރުކަން ކުރެއްވި އެއްވަޒީރަކީވެސް އެބޭފުޅާއެވެ. އޭރުގެ ފަސްޓްލޭޑީ ކިތަންމެ ގަޔާވިޔަސް ރައްޔިތުންގެ މެދުގައި އެހާ މަގުބޫލު ވަޒީރަކަށް ސައިދު ނުވެއެވެ.
ސައިދުމެންފަދަ ބޭފުޅުން ރައީސް ސޯލިހުއާއި ޖެހިގެނެގެން ބަޔަކު ހިތްރުއްސަން އުޅުނަސް އެކަމެއް ވާކަށްނެތެވެ. ދެއްކޭ ނުދެއްކޭ ވާހަކައެއް މިހާރު ސައިދަށް ވެސް ނޭގެއެވެ. ފޯޅަވަހި ބަހުސްގައި ވާހަކަދައްކަމުން ހއ. ތުރާކުނުން ފެށިގެން ލ. އަތޮޅާއި ހަމައަށް މޮރިސަސްއަށް ދީފިކަމަށް ބުންޏެވެ. ދެރައީ ނިދަން އަރާ ބާލީހާއި، ރަޖާގަނޑާ، ގޮދަޑި އެލިސްޓްގައި ހިމަނާނުލީމައެވެ.
ފޯޅަވަހި ކާރޑްކުޅެގެން ރައީސް ސޯލިހު ބަލިކުރެވިދާނެ ކަމަށް ދުށުމަކީ ކުށްހީއެކެވެ. އެސް އީޒެޑް ހަދާ ރާއްޖޭގެ ރަށްތައް ވިއްކާލީ ތިޔަބޭފުޅާގެ މޭސްތިކަމުގެ ދަށުންކަމަށް ދުނިއެވެސް ހެކިދެއެވެ. އަދި އެކަމަކީ އިއްޔެ ވިހޭ ކުއްޖާއަށްވެސް ނުއޮޅޭ މިންވަރަށް މަނިކުފާނުމެން ކޮށްލި ވައްކަމެކެވެ.
ކިތަންމެ ރަނޑު ކަމަށް ފެނުނަސް އަދީބުލައްވާ ހުރިހާގަނޑެއް ގަތީވެސް ހަމަ ތިޔަބޭފުޅުންނެވެ. ރައީސް ޔާމިނަށް ލޮޓިދިނީވެސް ހަމަ ތިޔަބޭފުޅުންނެވެ. ދޮންކަޅުމިން ބަޔަކަށް އަންގާނުލައި ފ ވިއްކާލަންއުޅެ، ރަށްތައް ވިއްކާ ނުހައްގުން ދިން ލާރި އަންބޮޑިއްލުމުގެ ނަތިޖާއެއްގެ ގޮތުން ރަޢީސް ޔާމިން އެ އޮންނެވީ ހުރަގޮޅީގައެވެ. އެތައް ބަޔަކަށް ރަށްތައް ވިއްކައިގެން އެންމެ ފަހުން އެމީހުނަށްވެސް ލޮޓިދިނީ މަނިކުފާނެވެ.
ދަރުމަވަންތަ ދެޓަވަރުތެރޭން އެއްޓަވަރު ކަޓުވާލީވެސް ފިނިފެންމަލުގެ ދާނުގައި އޮވެގެނެވެ. ބުރިޖުގެ އެއްލޭނުވެސް ކަޓުވާލީ ދަންވަރު ފިނިފެންމާ ބަގީޗާގައި އިންދެގެނެވެ. ސައިދު އަދި އެގޮތް ކިތަންމެ ބޭނުންވިޔަސް ވާންނެތްކަމެއް ނުވާނެއެވެ. އެކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. މިހާރުވެސް ރައީސް ޔާމިން މިނިވަން ވާން މަނިކުފާންމެން ނޭދެއެވެ.
ކަރުހިއްކާގަނެ ފެންބޮވައިގަނެފައި ތިވަނީ ވެރިކަމުގެ ސާނާ ސަރުބަތަށެވެ. ސިޔާސީ މައިދާނުގައި ރައީސް އިބޫއާ ބެހިލެވޭ ވަރަށްވުރެ މަނިކުފާނު އަދި މާ ރަނޑެވެ. ރައީސް އިބޫއާއި ފައިހަމަ ކޮށްލެވޭނީ ތަންކޮޅެއް ފިރިހެން ވެގެންނެވެ. ދިއްކޮށްލި ފިނިފެންމަލުން ކަރުބުޑުގައި ހިތިރިހަ ލުމަކީ ރައީސް އިބޫއާ ޖެހިގަންނަން ޖެހޭ ސަބަބެއް ނޫނެވެ.