ގުދުސުން ހައްޔަރުކުރި ތުރުކީ އަންހެނާ ދޫކޮށްލައިފި

އަލްއަގްސާ މިސްކިތު ހޯލު ތެރޭން މުތުލޫ ނެރުނީ ޤުރްއާން ކިޔަވަމުން ދަނިކޮށް

ގުދުސުން ހައްޔަރުކުރި ތުރުކީ އަންހެނާ ދޫކޮށްލައިފި

ގުދުސުން ހައްޔަރު ކުރި ތުރުކީ އަންހެން މީހާ ދޫކޮށްލާފައިވާ ކަމަށް ތުރުކީގެ ފޮރިން މިނިސްޓްރީން ވެސް ބުނެފިއެވެ. މުތުލޫ ނަމަކަށް ކިޔާ ތުރުކީގެ 24 އަހަރުގެ އަންހެނާ އިޒްރޭލު ފުލުހުން ހައްޔަރުކުރީ އިރުމަތީ ގުދުސްއިންނެވެ. އަލް އަގްސާ މިސްކިތް ކޮމްޕްލެކްސްގެ ތެރޭގައި މުތުލޫ ކީރިތި ޤުރްއާން ކިޔަވަމުން ދަނިކޮށް އޭނާ އެތަނުން ނެރެން އުޅުމުގެ ތެރޭގައެވެ. 

އިސްރާއީލުގެ ފުލުހަކު އޭނާ އެތަނުން ބޭރުކުރުމުގެ ގޮތުން އޭނާގެ ދަބަހުގައި ހިފާ ދަމާފައި މިސްކިތުގެ އިރުމަތީގައި އޮންނަ ބާބުލް ރަހުމާ ގޭޓުން ބޭރަށް ނެރުމުން ދަބަސް ހޯދުމަށް ފުލުސް އޮފިސަރު ފަހަތުން ދުއްވައިގަތުމުން ފުލުހުން އޭނާ ހައްރު ކުރީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުތުލޫއަށް މިހާރު ވަނީ މާތް ވެގެންވާ އަގްސާ މިސްކިތައް ވަނުން ހަފްތާއެއްހާ ދުވަހަށް މަނާކޮއްފައެވެ. ގުދުސްގައި ހުންނަ ތުރުކީގެ ކޮންސިއުލޭޓުން ވަނީ މުތުލޫ އެއިދާރާއަށް ސަލާމަތުން ގެންދެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ

އަންކާރާގައި ހުންނަ އިސްރާއީލުގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އަންހެން މީހާ "ކުރު މުއްދަތަކަށް ބަންދުކޮށްފައި ވަނީ" ޑިއުޓީގައި ހުރި ފުލުހަކަށް ހުރަސް އެޅި މައްސަލައިގައި ކަމަށެވެ. އަދި އެ ފަތުރުވެރިޔާ މިހާރު ވަނީ ދޫކޮށްލާފައި ކަމަށާއި މިހާރު އޭނާ އިސްރާއީލުގައި ޗުއްޓީ ކުރިއަށް ގެންދަނީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ހޯމަ ދުވަހު އިސްރާއީލުގެ ފުލުހުން ވަނީ އަގްސާ މިސްކިތް ކޮމްޕްލެކްސްގެ ތެރޭގައި ހުންނަ ބާބުލް ރަހުމާ ނަމާދުކުރާ ހޯލަށް ވަދެ ނަމާދު ކުރާ މީހުންނަށް ނަމާދު ކުރުމަށް ހުރަސް އަޅާފައެވެ. މިކަން ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު އެތަން މަރާމާތު ކުރުމުގެ މަސައްކަތް އޮފިސަރުން ހުއްޓުވުމާ ގުޅިގެންނެވެ.

 ބަރަކާތްތެރި ރަމަޟާން މަހު އިސްރާއީލުގެ ފުލުހުން އަލް އަޤްސާ މިސްކިތުގެ ތެރެއިން މުސްލިމުން އަޅުކަން ކުރަނިކޮށް ގަދަކަމުން ނެރުނު ފަހުން އިރުމަތީ ގުދުސްގެ ހުރިހާ ހިސާބެއްގައި ނުތަނަވަސް ކަން ވަނީ ބޮޑުވެފައެވެ. މުސްލިމުން އަލްއަޤްސާ ދެކެނީ ދުނިޔޭގައިވާ ތިންވަނައަށް އެންމެ މާތް ތަނުގެ ގޮތުގައެވެ. އެ ސަރަހައްދަށް ޔަހޫދީން ކިޔަނީ ޓެމްޕަލް މައުންޓްއެވެ. އަދި އެއީ ޔަހޫދީންގެ ގަދީމީ ދެ ފައްޅި ހުރި ތަނެއް ކަމަށް ވެސް އެމީހުން ބުނެ އުޅެއެވެ.

އަލްއަގްސާ މިސްކިތް ހުންނަ އިރުމަތީ ގުދުސް އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރު އަރަބި އިސްރާއީލު ހަނގުރާމައިގެ ދުވަސްވަރުއެވެ.