ގައްޒާގެ މަގުމަތީގައި ލޭގެ ކޯރުތައް!

ޝަހީދުވި މީހުންގެ އަދަދު 226 އަށް. ޒަހަމްވީ 400 އަށް ވުރެ ގިނަ މީހުން

ގައްޒާގެ މަގުމަތީގައި ލޭގެ ކޯރުތައް!

ނޫސެއިރާތު ރެފިއުޖީ ކޭމްޕަށް އަނިޔާވެރި އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކެއްގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފިއެވެ.

މި ހަމަލާތަކާއި ގުޅިގެން އީޔޫއިން ވަނީ އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި “ޤަތުލުއާންމެއް” ކަމަށް ބުނެފައެވެ. ގައްޒާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ޝަހީދުވި މީހުންގެ އަދަދު 226 އަށް އަރައެވެ. 400 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވެއެވެ.

ގައްޒާގެ މެދުތެރޭގެ އަލްއަގްސާ ހޮސްޕިޓަލުގެ ތެރޭން ފެންނަ މަންޒަރު ތަކަކީ ދުވަހަކުވެސް ހިތުން ފިލައިން ނުދާނެ މަންޒަރުތަކެއް ކަމަށް ޑޮކްޓަރުން ސިފަކުރެއެވެ. އެ މީހުން ބުނެފައިވަނީ ހޮސްޕިޓަލް ތެރޭގައިވެސް ލޭގެ ކޯރުތައް ހެދިފައިވާ ކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމުގައި 36،801 މީހުން ޝަހީދުވެ 83،680 މީހުން ޒަހަމްވެފައިވެއެވެ.  އަނެއްކޮޅުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ގައުމުތަކަކުން ފަލަސްތީނުގެ ދިފާއުގައި އަންނަނީ އަޑުއުފުލަމުންނެވެ.