ޓިބެޓުގެ ހޮޓަލެއްގައި ޗައިނާ މީހަކު ނިދި އެނދު ދަށުން މައްޔިތެއް
ހޮޓާލަކީ ފަނޑުއައްޔާ ލަކުޑި ބެލްކަނީތަކާއެކު ފޮޓޯ ނެގުމަށް މަގުބޫލު ވަމުންއަންނަ ހޮޓަލެއް
ޓިބެޓުގެ ހޮޓަލެއްގައި ޗައިނާ މީހެއްގެ އެނދު ދަށުން މަރުވެފައިވާ މީހަކު ފެނި ތަހުގީގުކޮށް ޝައްކު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މިދިޔަ އޭޕްރީލް މަހު 21 ގައި މިސްޓަރ ޒާންގް ނަމަކަށް ކިޔާމީހަކު ލާސާގައި ހުންނަ ގުޒާންގް ޝުހުއާ ނަމަކަށް ކިޔާ ހޮޓަލަކަށް ޗެކިންވީ އިރުވެސް ވަރަށް ވަރުގަނޑަ ވަހެއް އެ ހޮޓަލުގަ ހިފާފައި ހުއްޓެވެ.
ހަށިގަނޑު ފެނިފައިވަނީ އޭނާ ތިން ގަޑިއިރު ވަންދެން ނިދާފައި އޮތް އެނދުގެ ދަށުންނެވެ. އެރޭގެ ވަގުތެއްގައި ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ހޮޓާލަކީ ފަނޑު ފަނޑު ލައިޓްތަކާއި ލަކުޑި ބެލްކަނީތަކާއެކު ފޮޓޯ ނެގުމަށް ރަނގަޅު ތަނެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި މަގުބޫލު ވަމުންއަންނަ އިންފްލޫއެންސަރ ހޮޓަލެކެވެ.
މިސްޓަރ ޒާންގް އޭނާ ހޭދަކުރި ރިވިއުއެއް އޮންލައިންކޮށް ޕޯސްޓްކުރި ނަމަވެސް އެ ރިވިއުއަށް މާބޮޑު ސަމާލުކަމެއް ނުލިބުނެވެ. އޭގެފަހުން 28 އޭޕްރީލްގައި އެހެން ޔޫޒަރަކު އެ ރިވިއުގެ ސްކްރީންގްރެބެއް ނަގާފަ ސޯޝަލް މީޑިއާގައި ހިއްސާކުރުމުން މި ޕޯސްޓަށް އެ ހޮޓަލުން ރައްދުދީ، އެ ހާދިސާ އެއްކޮށް ދޮގުކޮށްފައިވެއެވެ.
އެހެންކަމުން މިސްޓަރ ޒާންގް ވަނީ އޭނާގެ ތަޖުރިބާ ހިއްސާކޮށް، އޭނާ އެ ހޮޓަލުގައި ހުރިކަމުގެ ހެކީގެ ގޮތުގައި ރަސީދެއް ހިމަނާފައެވެ. އެއާއެކު މި ހަބަރު ވަނީ ލޯކަލް މީޑިއާގެ ސަމާލުކަން ލިބިފައެވެ.
މިސްޓަރ ޒާންގް އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން އޭނާ އަދިވެސް ވަރަށް ބިރުގަނެއެވެ. އަދިވެސް ނިދަން އުނދަގޫވެއެވެ.
އޭނާ ބުނީ ކޮޓަރިއަށް ވަދެ ދެތިން ގަޑިއިރު ވަންދެން އަރާމުކޮށް، އެނދުގައި ނިދާފަ އޮވެފަ ލޯކަލް ގަޑިން 15:30 ހާއިރު ބޭރަށް ނުކުމެގެން ދިޔަ ކަމަށެވެ. އޭނާ އެނބުރި އައީ އޭގެ ދެތިން ގަޑިއިރު ފަހުން ރޭގަނޑުގެ ކާގަޑި ޖެހުމުން ކާށެވެ. އޭނާއަށް އަނެއްކާ ވެސް އެ ވަސް ފާހަގަ ކުރެވުނު ނަމަވެސް ހީކުރީ އެއީ ކޮޓަރީގެ ހޫނުކުރުމަށް ހަރުކޮއްފައި ހުންނަ ހީޓަރުގެ ސަބަބުން ތިރީ ބުރިން އަންނަ ވަހެއް ކަމަށެވެ.
ކެއުމަށްފަހު އެނބުރި ކޮޓަރިއަށް ދިއުމުން ވަސް ދުވާލެއް ބޮޑުކަމުން އޭނާ އެދުނީ އެހެން ކޮޓަރިއަކަށް ބަދަލު ކުރުމަށެވެ.
އެރޭ ދަންވަރު ހޮޓަލުގެ މުވައްޒަފުން މިސްޓަރ ޒާންގް ބަދަލުވި ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިގެން ނެރެ އޭނާ ހުސްކުރި ކޮޓަރިއަށް ތިރިއަށް އައުމަށް އެދުނެވެ. ތިރިއަށް ފޭބިއިރު ފުލުހުން އެތަނުގައި މަޑުކޮށްގެން ތިއްބެވެ. އެ މީހުން އޭނާގެ ބަޔާން ރެކޯޑްކޮށް، އަދި އޭނާގެ ޑީއެންއޭ ސާމްޕަލް ނެގިއެވެ. އޭނާ ބުނާ ގޮތުގައި ފުލުހުން ވަނީ އޭނާކައިރީގަ ކަންބޮޑު ނުވުމަށް ބުނެފައެވެ. އަދި އެމީހުންގެ ތަހުގީގުގެ ތެރެއިން މީހަކު ހައްޔަރު ކޮއްފައިވާކަން ފާހަގަކޮއްފައިވެއެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، ލަންޒޫ ސިޓީއަށް ދިޔަ ރޭލެއްގައި އިން ޝައްކު ކުރެވޭ މީހާ ހައްޔަރު ކުރި ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
މިސްޓަރ ޒާންގް ބުނީ އޭނާގެ ތަޖުރިބާ އާންމު ކުރަން ފަސްޖެހުނު ނަމަވެސް އެކަން ކުރަން މަޖުބޫރުވީ އެ ހޮޓަލުން އިންކާރު ކުރުމާއި ސޯޝަލް މީޑިއާގައި އޭނާ އެ ހާދިސާ ހަދަހަދައިގެން ދައްކަމުން އަންނަ ކަމަށް ތުހުމަތު ކުރުމުން ކަމަށެވެ.