ހީރަސް ރެސިޕީ: ދޮންއަނބު ރިހަ

ހީރަސް ރެސިޕީ: ދޮންއަނބު ރިހަ

ހީރަސް ރެސިޕީގައި މިފަހަރު ހިމަނާލާނީ ދޮންއަނބުރިހައެވެ. ފޮނިރަހަ ގަދަ ދިވެހި ދޮން އަނބު ނޫނަސް ތަންކޮޅެއް ހުތް އަނބެއްގައިވެސް ދޮންއަނބު ރިހަ ކެއްކެއެވެ. އަނބުގައި ފޮނިރަހަ ގަދަތްޔާ ދޮންއަނބުރިހަ ކައްކާއިރު ހަކުރެއް މުހިންމެއް ނޫނެވެ. ނަމަވެސް މި ރެސިޕީ ބަލައިގެން ދޮން އަނބު ރިހަ ކައްކާއިރު ފޮނި މަޑުހެން ހީވާނަމަ އެމީހަކަށް ރަހަ ހެޔޮވަރު ވާވަރުގެ ހަކުރުކޮޅެއް އަޅާލާށެވެ.

ރެސިޕީން ތައްޔާރު ކުރެވޭނީ 2-3 މީހުންނަށް ވާވަރަށެވެ. 

  • ބޭނުންވާތަކެތި

4 ދިވެހި ދޮން އަނބު

2 މޭޒުމަތީ ސަމުސާ މުގުރި ކޮތަނބިރި

1 މޭޒުމަތީ ސަމުސާ މުގުރި ދަވިއްގަނދު

1 ފިޔާ

2 ލޮނުމެދު

6 އިންޗީގެ ރާނބާފަތް ކޮޅެއް

4 ކާފޫރުތޮޅި

3 އިންޗީގެ ފޮނިތޮށި ކޮޅެއް

10 ހިކަނދިފަތް

2 މޭޒުމަތީ ސަމުސާ ތެޔޮ

½ މޭޒުމަތީ ސަމުސާ މުގުރި ދިރި

½ މޭޒުމަތީ ސަމުސާ ތެޅި މިރުސް 

½ ގިތެޔޮ މިރުސް 

½ އިންޗީގެ އިނގުރު ކޮޅެއް

½ ޖޯޑު ކާށިކިރު (ޕެކެޓުގައި ހުންނަ ދިޔާ ވައްތަރު)

½ ޖޯޑު ފެން

½ ޖޯޑު ތުނިކޮށް ކޮށާފައި ހުރި ހިކިމަސް

½ ސައިސަމުސާ ލޮނު

  • ހަދާނެގޮތް

ފިޔަވަޅު 1

  1. ފިޔާ ތުނިކޮށް ކޮށާށެވެ.
  2. ކާފޫރުތޮޅިތައް ކޮޅުން ހުޅުވާލާށެވެ.
  3. އިނގުރާއި ލޮނުމެދުކޮޅު ސަމުސަލެއްގެ އަނެއްފުށް ފަދަ އެއްޗެއް ބޭނުން ކޮށްގެން ރަނގަޅަށް ޗަސްކޮށްލާށެވެ.
  4. އަނބުތައް މަށާށެވެ.
  5. އަނބު މެށުމަށްފަހު ބޮޑުފޮއްޗަށް އަނބު ކޮށާލާށެވެ. އަނބުތައް ނުކޮށާ އަނބު އޮތްގޮތަށްވެސް ބޭނުން ކުރެވިދާނެއެވެ. 

ފިޔަވަޅު 2

  1. ތެއްޔަކަށް ތެޔޮކޮޅު އަޅައި އެ ރަނގަޅަށް ހޫނުކުރުމަށްފަހު ތެއްޔަށް ފިޔާކޮޅާއި ކާފޫރުތޮޅިކޮޅާއި ފޮނިތޮށިކޮޅާއި ރާނބާފަތްކޮޅާއި ގިތެޔޮމިރުހާއި ހިކަނދިފަތްކޮޅު އަޅާލާށެވެ.
  2. ފިޔާކޮޅު ރަތްވާން ފަށްޓަންދެން ކައްކާލާށެވެ. ގިނި ބަހައްޓާނީ މެދު މިނެއްގައެވެ.
  3. ޗަސްކުރި ލޮނުމެދާއި އިނގުރުކޮޅު ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލާފައި ތިރީހަކަށް ސިކުންތު ކައްކާލާށެވެ.
  4. ކޮތަނބިރި، ދަވިއްގަނދު، ދިރި އަދި ތެޅިމިރުސްކޮޅު ތެއްޔަށް އަޅާލާ އެއްކޮށްލުމަށްފަހު ތިރީހަކަށް ސިކުންތު ކައްކާލާށެވެ.
  5. ދޮންއަނބުކޮޅާއި ކާށިކިރާއި ލޮނާއި ފެނާއި ހިކިމަސްކޮޅު ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު ތެލީގެ މަތިޖަހައި ގިނިމަޑުކޮށްލައިގެން  15 މިނެޓެއް ހާއިރު ކައްކާލާށެވެ.
  6. އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ކަމުދާގޮތަކަށް ރަހަ ހެޔޮވަރުކޮށްލާށެވެ. ފޮނި މަޑިއްޔާ ހަކުރު ކޮޅެއްވެސް އަޅާލާށެވެ.