އީވާގެ ހުންގަނޑު ކިތަންމެ ގަދަޔަސް ނަޝީދު ބޭލޭނެ!
ކުރިއަށް ދެން އޮންނާނީ ނިޒާމް ގެއްލުމުގެ އެޕިސޯޑް
މަޖިލީހުގެ ރިޔާސަތަކީ ކެނެރީގޭ ކުދިންގެ އަވަހާރަ ގޮނޑިއަށް ހަދައިގެން އުޅުނު އުޅުން ނިމުމަކަށް އައީއެވެ. ގަވައިދުގެ މާއްދާއެއްގެ ދަށުލައިގެން މަޖިލިސް ހިސޯރުކޮށްގެން އުޅުން ނިމުމަކަށް ގެނެވުނީއެވެ. ގަޔަށް ހެޔޮވަރަށް ފިލްޒާ ލައްވާ ގާނޫނު މާނަ ކުރުވުން ވެސް ނިމުނީއެވެ. އިންތިހާބީ ރައީސް ހުވާ ކުރުވުމުގައި ގާނޫނީ ސައްހަކަން ކަނޑުވާލައިގެން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސްކަން ފޭރިގަންނަން ޖެހި މަކަރުވެރި މަޅިވެސް ދޫވެގެން ދިޔައީއެވެ.
ބޮޑު ވަޒީރަކަށް ވުމަށް ދުން ހުވަފެން އަވާ މެންދުރަށް ވީހެން މަޖިލިސްގެ ރައީސްކަން ހިސޯރުކޮށްގެން އިނދެ ރައީސްކަން ފޭރިގަންނަން ނަޝީދު ޖެހިމަޅި ވެސް އެގޮވީ އަތަށެވެ. ހީލަތާ މަކަރުން ކުރަން އުޅުނު ހުރިހާ ކަމެއްގައި ނަޝީދު ބޮޑުތަނުން ވީފޭއްޔެވެ.
ވެރިކަމުގާ ހުރި އިރު ނައިބު ރައީސަކަށް ހުރި ވަހީދު ބޭރު ކޮށްލުމުގެ ބޭނުމުގައި މުޅިކެބިނެޓް ލައްވާ އިސްތިއުފާ ހުށަހެޅުވީ ވަހީދު ވެސް އިސްތިއުފާ ދޭނެ ކަމަށެވެ. އެދުވަހު ވަހީދު އެކަން ނުކޮށްހުރެ ރައީސް ކަމުން އިސްތިއުފާ ދެއްވީ ނަޝީދު ލައްވައެވެ.
2018 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ބަގުޑި ބައްދައިގެން ބަންދުގައި އޮތީ އދ އާއި އީޔޫ އާއި ކޮމަންވެލްތާއި އިންޑިއާއިން އައިސް ރައީސްކަން ހޯދަދޭނެ ކަމަށެވެ. އެ މީހުން ކަހަތަން ހިރުވާވެސް ނުލުމުން ނަޝީދަށް ވެރިކަން ނުލިބި އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަން ލިބުމުން އެމްޑީޕީ ހިސޯރު ކޮށްގެން ހުރެ އުޅުނީ ވެރިކަން ބަރުލަމާނީއަށް ފޮރޮޅާލައިގެން ބޮޑުވަޒީރުކަން ހޯދާށެވެ. އެކަން ރައީސް ސޯލިހު ފޭލިކޮށްލުމުން ރައީސް ސޯލިހަށް ހަރާންކޯރުވާ ދިމާކުރީ 2023ގެ ރިޔާސީ ޓިކެޓް ހޯދުމަށެވެ. އެމްޑީޕީ މެންބަރުން އެ ޓިކެޓް އޭނާއަށް ނުދިނީމާ އަރައިގަތް ރުޅިން ޕާޓީއެއް ހަދައިގެން ޖުމްހޫރީއާއި ގުޅިގެން ބަރުލަމާނީ ވިއްކަން އުޅެ އެކަންވެސް ނުވެ ޕީޕީއެމް ފައިބުޑަށް ވެއްޓިގަނެ ރޮއެ ހޭރުނީ ބަރުލަމާނީ ގެނެވޭތޯއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ ތެރޭން ހޯދި ވޯޓުކޮޅެއް ލިބި ތަފާތު ބޮޑުކޮށް ވެސް 3 ވަނައަށް އައިސްގެން އުޅެގަތީ ދަތް މައްޗަށް ތުން ނާރައިގެންނެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ލިބުނު ވޯޓުކޮޅު ދައްކައިގެން އުޅެގަތީ އެމްޑީޕީ ލައްވާ މަޖިލިސް ތެރޭން ބަރުލަމާނީ ގެންނާށެވެ. ބަރުލަމާނީ ގެނެސް ރައްޔިތުން ހޮވާ ރައީސުލް ޖުމްހޫރިއްޔާގެ ބާރު ކަނޑުވާލާށެވެ. އެކަމާ އެމްޑީޕީން އެއްބަސް ނުވުމުން އިދިކޮޅާ ގުޅިގެން ދިމާކުރީ އެމްޑީޕީ ވެރިކަމުން ވައްޓާލާށެވެ. އާނއެކެވެ. ކުރިއަށް އޮތް ފަސް އަހަރު ވެރިކަމުގައި އޮންނާނީ އެމްޑީޕީއެއް ނޫނެވެ. އެކަމަކު އެމްޑީޕީއަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީއެވެ. އެއްކޮޅުގައި އޮތަސް އިދިކޮޅުގައި އޮތަސް އެމްޑީޕީގެ އާއްމު މެންބަރުން ބޭނުމީ އަންނި ނޫން ގޮތެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައިކަން ނަޝީދާ އީވާއަށް ނޭނގޭކަމީ އެ މީހުންގެ ހުރި ގަމާރުކަމެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީއާ ދެކޮޅަށް ރިޔާސަތުގައި ތިބެ ގާނޫނީ ހަމަ އޮޅާލައިގެން ޗަރުކޭސް ކުޅެން ތިބެވުނީ ބަޔަކު ބައިތިއްބައިގެން ތިބީތީއެވެ. ނަޝިދާއި އީވާގެ ހުރި ގޮތްކުޑަކަމާއި ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކަން ހިތުން ނެތްވަރު ރައްޔިތުންގެ ކުރިމަތީގައި ތިޔަ ހަމަ ކޮށްދެނީ އެންމެ ތަންދޮރު ނޭނގޭ މީހާއަށް ވެސް ގަބޫލު ކުރެވޭ ވަރަށެވެ. މެޖޯރިޓީއަށް ތަބާ ނުވުމާއި ގާނޫނުތައް މުގުރުމާއި ލިބޭ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި ނަޝީދުމެންގެ ހުރި ދަށު ދަރަޖަ ކިތަންމެ ރަނގަޅަކަށް ވެސް ރައްޔިތުންނަށް ތިޔަ ސަފުކޮށް ދެނީއެވެ. ރައްޔިތުންގެ ކަމަކާ ދުވަހަކުވެސް ނަޝީދާ އީވާމެން ބައްސަން ނުވާނެކަން ކިތަންމެ ރަނގަޅަކަށް ވެސް ރައްޔިތުންނަށް ސާފު ކޮށްދީފިއެވެ. އަމިއްލަ އަމަލުންނެވެ.
މެންދުރުގެ އިރު އެގޭހެން އެނގެއެވެ. މަޖިލިސްގެ ރައީސްގެ އިތުބާރު އޮތްތޯ ބެލުމަށް ދެން ބާއްވާ ޖަލްސާއެއްގެ ރިޔާސަތަށް އީވާ އަރާނެއެވެ. އެކަން ކަށަވަރެވެ. ރިޔާސަތުގައި އީވާ އިނދެގެން ޑިމޮކްރޭޓުން ލައްވާ ޖަލްސާގެ ނިޒާމު ގެއްލުވާލައިގެން ވޯޓަން ނާހާ ދަންމާލެވެން އޮތް ގޮތަކަށް ދަންމާލަން އީވާ މަސައްކަތް ކުރާނެއެވެ. ކުރިއަށް ދެން އޮންނާނީ ނިޒާމް ގެއްލުމުގެ އެޕިސޯޑެވެ. އެކަމަކު ބުނަން ހެއްޔެވެ. ކިތަންމެ ވަންނިއެއް ޖައްސާ ނިޒާމް ގެއްލުވާލިޔަސް އަދި އީވާގެ ހުންގަނޑު ކިތަންމެ ގަދަޔަސް މަޖިލިސްގެ ރިޔާސަތުން ނަޝީދު ބާލާނެއެވެ.