އެ މީހުން ނަޝީދު ދޫކޮށްލައިފި!
ދުނިޔޭގައި ނަޝީދު ދަނީ އަންގސަން ސޫކީ ދިޔަމަގުން
ބޭރު ދުނިޔޭގައި ކެނެރީގޭ ނަޝީދު މީހަކަށް ވީޒަމާން މާޒީވެ ހިނގައްޖެއެވެ. ޑިމޮކްރެޓިކް ހަމަތައް ދޫކޮށް އަމިއްލަ އެދުން ކުރިއަށް ނެރުނު ހިސާބުން އެމީހުންވެސް ނަޝީދު ދޫކޮށްލައިފިއެވެ. ދުނިޔޭގައި ޔޫރަޕާއި އެމެރިކާއާއި އެނޫންވެސް އެތެރެވަރީގެ ގައުމުތަކުން ކުރިއަރުވާ ދަމަހައްޓަން މަސައްކަތް ކުރަނީ އިންސާނީ ހައްގާއި ޑިމޮކްރަސީއެވެ. އެއްވެސް އިރަކު ވަކި މީހަކަށް ވަކި ބާރުވެރިކަމެއް ހޯދާދޭކަށް ދުނިޔޭގެ ގައުމުތަކުން މަސައްކަތެއް ނުކުރެއެވެ.
އެއްދުވަސްވަރެއްގައި ބަރުމާގެ އަންހެނެއް ކަމަށްވާ އަންގސަން ސޫކީ އަކީ ދުނިޔޭގައި ކިހާ މަޝްހޫރު މީހެއް ހެއްޔެވެ. ޑިމޮކްރަސީއާއި އިންސާނީ ހައްގު ކުރިއަރުވަން މަސައްކަތް ކުރާ އެންމެ އިސްސަފުގައި ސޫކީ ވިދަވިދާ ހުއްޓެވެ. ނެލްސަން މަނޑޭލާއާއި އެއްސަފެއްގައި އަންގސަން ސޫކީގެ ނަން ކިޔެވެ. ދުނިޔޭގެ ސުލްހައިގެ އިނާމު ވެސް އެއަންހެނާއަށް ލިބުނެވެ. އެހެނަސް މިއަދު އަންގސަން ސޫކީ ކޮބައި ހެއްޔެވެ. ވެރިކަމުގެ އާރާބާރު ލިބުމުން ހޮދުމުހުތާރުކަން ކުރިއަށް ނެރެ އަނިޔާވެރިކަން އިސްކުރުމުން ދުނިޔޭން އޭނާ ދޫކޮށްލީއެވެ. ދެވުނު ސުލްހާގެ އިނާމް ވެސް ދެވުނުކަމުގެ މައްޗަށް ހިތާމަކޮށް އެ އިނާމުވެސް ނިގުޅައިގަތީއެވެ. އެ އަންހެނާއަކީ މިހާރަކު ދުނިޔޭގައި އެއްވެސް އަގެއް ހައިބަތެއް ހުރި މީހެއް ނޫނެވެ. އަންގސަން ސޫކީ ދަންނަ މީހަކު މިހާރަކު ނޫޅެއެވެ.
ކެނެރީގޭ ނަޝީދަށް ވެސް އެދަނީ އަންގސަން ސޫކީގެ ހާލު ޖެހެމުންނެވެ. މެޖޯރިޓީއަށް އިހުތިރާމް ނުކުރުމާ ހުރި މަވެތި ކަމުގެ ބޮޑުކަމުން ދުނިޔޭގެ އެއްވެސް ގައުމެއްގައި ނަޝީދަކީ އެއްވެސް މީހެއްނޫނެވެ. ބައެއްް ކުދިކުދި ޖަމާއަތް ތަކުން އެމީހުން ކުޅިވަރުކުޅޭ ކޯޑިއެއްގެ ގޮތުގައި ނަޝީދު އަދި އެބަ ގެންގުޅެއެވެ.
ޑިމޮކްރަސީއާއި އިންސާނީ ހައްގަކީ ނަޝީދު އާރާބާރު ހޯދަން ގެންގުޅޭ ދެ ހަތިޔާރުކަން ދުނިޔެ ދަސްކޮށްފިއެވެ. ނަޝީދަކީ ޑިމޮކްރަސީއެއް އިންސާނީ ހައްގެއް ގަބޫލު ނުކުރާ ހޮދު މުހުތާރު މީހެއްކަން ނޭގޭ ބަޔަކު ދުނިޔެއަކު ނެތެވެ. ބާރާ އާރު ހޯދުމަށްޓަކާ އަންގސަން ސޫކީއަށް އޭނާ އެންމެ ފުކެއްވެސް ދޫނުކުރާނެކަން އެންމެން ދަސްކޮށްފިއެވެ.
ހިތުން މަނޑޭލާ ހެދިގެން އުޅުނަސް ދުނިޔޭގެ ޖަމިއްޔާތަކުގެ މައްޗަށް ނަޝީދަށް ފޯރުވޭނެ ބާރެއް ނުއޮންނާނެއެވެ. ބައިނަލް އަގުވާމީ ޖަމްއިއްޔާއެއްގެ މަގާމަކަށް ދިވެއްސަކު ހޮވޭ އިރަށް އެމީހަކާ ނަޝީދު ނުރުހެންޏާ އެމީހަކު އެ މަގާމުން ވަކިކުރެވޭ ގޮތަކަށް އެއްވެސް ޖަމްއިއްޔާއެއްގެ ކަންކަން ތަރުތީބު ވެފައެއް ނުވެއެވެ. ނަޝީދު ބުނާހާ ގޮތެއް ހަދަން މުޅި ދުނިޔެއަކީ ނަޝީދުގެ އަޅަކީ ހެއްޔެވެ. އެމްޑީޕީގެ މެންބަރުން ދުނިޔޭގެ ޖަމްއިއްޔާތަކުގެ އިސް މަގާމުތަކަށް އަންނާނެއެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ ބޭބޭފުޅުން ދުނިޔޭގެ ގައުމުތަކަށް ދަތުރުފަތުރު ކުރާނެއެވެ. ނަޝީދަކަށް އެކަމެއް ނުހުއްޓުވޭނެއެވެ.
ދުނިޔޭގެ ލީޑަރުންގެ ފަހަތުން ދެފައިތަޅާ ރޮމުން ނަޝީދަށް އެކަމާ ދުވެވިދާނެއެވެ. ތަށަށް ކިޔަނީ މަރިޔަބުތޯ ވެސް އެމީހުން ނުއަހާނެއެވެ. ނަޝީދަކީ މިހާރަކު ދުނިޔެ ދަންނަ މީހެއް ނޫނެވެ. މިހާރު ނަޝީދެކޭ އަންގސަން ސޫކީ އެކޭ އެއްވެސް ތަފާތެއް ނެތެވެ