މެންބަރުންގެ ހަގީގީ އަދަދު އެނގޭނީ އެތެރޭގެ ވާދަވެރި އިންތިހާބުން
އެއްވެސް ޕާޓީއެއް ބައިލައްކައަށްވުރެ ބޮޑެއްނޫން
އިލެކްޝަން ކޮމިޝަންގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ގިނަ ބަޔަކު ރަޖިސްޓްރީވެފައި ވާތީ ފެނެއެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު އުޅެނީ 73 ހާހުން މަތީގައެވެ. އެމްޑީޕީގެ މެންބަރުންގެ އަދަދު ވެސް 48 ހާހަށްވުރެ މައްޗެވެ.
ކުދި ބޮޑު ފަސްލައްކަ މީހުން ހަމަނުވާ ރާއްޖޭގެ އާބާދީގެ 1/4 އާއި ގާތްކުރާ މިންވަރަށް ބޮޑު ދެ ޕާޓީގެ މެންބަރުންގެ އަދަދު އަރައެވެ. އެހެން ޕާޓީތަކުގެ މެންބަރުންގެ އަދަދާއެކު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ނިސްބަތް 18 އަހަރުން މަތީގެ މުޅި އާބާދީގެ 1/2 އާއި އެބަ ގާތްކުރެއެވެ،
ބޮޑު ދެ ޕާޓީގެ މެންބަރުންގެ ރަސްމީ އަދަދު އެއްލައްކައަށް ވުރެ މަތީގައި އޮތްއިރު ބޮޑު ދެޕާޓީގެ އެތެރޭގެ އިންތިހާބުތަކުގެ ޓާން އައުޓަކުން އެކަމެއް ނޭގެއެވެ. ހުރިހާ މެންބަރުންގެ މެދަށް ހުޅުވާލައިގެން ބާއްވާ އެތެރޭގެ އިންތިހާބެއްގައި މަދު ފަހަރަކުވެސް މެންބަރުންގެ ދަފުތަރުގެ 75 ޕަސެންޓް މީހުން ވޯޓު ލާފައެއް ނުވެއެވެ.
އެންމެ ފަހުން ޕީއެންސީން ބޭއްވި އެންމެ ބޮޑު އިންތިހާބަކީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކެންޑިޑޭޓުން ހޮވަން ބޭއްވި އެތެރޭގެ އިންތިހާބެވެ. ޕީއެންސީން އެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން ވޯޓު ދީފައިވަނީ 39800 މީހުންނެވެ. އެހެން ކަމުން 73000 މީހުންގެ ތެރެއިން ވޯޓު ލާފައި އެވަނީ މުޅި މެންބަޝިޕްގެ 54 ޕަސެންޓެވެ.
ހަމައެހެން އެމްޑީޕީ އެންމެ ފަހުން ބޭއްވީ އިއްޔެ ބޭއްވި ޗެއަރޕާސަން ހޮވުމުގެ އިންތިހާބެވެ. އެ އިންތިހާބުގައި ވޯޓު ދިނުން ހައްގުވާ 48900 މެންބަރުންގެ ތެރެއިން ވޯޓު ދީފައިވަނީ 30300 ވޯޓެވެ. މެންބަރުންގެ ނިސްބަތުން އެއީ 62 ޕަސެންޓް މީހުންނެވެ. ޖުމްލަ މެންބަރުންގެ ގިނަ އަދަދެއްގެ މީހުން އެތެރޭގެ އާއްމު އިންތިހާބު ތަކުގައި ވޯޓުދޭން ނުނިކުތުމުން އެނގި ސާބިތުވަނީ އެބައެއްގެ ހިތުން ރުހުމުން ޕާޓިއަށް ވަދެފައި ނެތް ބަޔަކު ޕާޓީގެ ދަފުތަރުގައި އޮންނަކަމެވެ.
ބޮޑު ދެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް ބަލާލުމުން އެންމެ ބޮޑުވެގެންވެސް އެއްވެސް ޕާޓީއެއްގެ މެންބަރޝިޕް ބައިލައްކައަށް ވުރެ ބޮޑު ވެގެން ގޮސްފައިވާ ކަމަކަށް ގަބޫލެއް ނުކުރެއެވެ. ހީލަތްތެރި ގޮތްގޮތް ގޮތަށް ދަފުތަރު ބޮޑުކޮށްފައި އޮންނަނީ ދައުލަތުންދޭ ފައިސާ ހައްގު މިންވަރަށްވުރެ ގިނައިން ހޯދަން ޖަހާ މަކަރުވެރި ޗައްކަރެއްގެ ގޮތުގައެވެ. އެތެރޭގެ ވާދަވެރި އިންތިހާބު ތަކުން އެ ފެންނަނީ ހަގީގީ މެންބަރޝިޕްގެ މިންވަރެވެ.


