ރައްޔިތުން ދަވާލާނެ ވަރަށް މޮޅު ގޮތެއް!

ކަރަންޓު ބިލްތައް އިންތިހާއަށް ބޮޑުކޮށްލުން!

ރައްޔިތުން ދަވާލާނެ ވަރަށް މޮޅު ގޮތެއް!

ހޫނުމޫސުމަކީ އާންމު ގޮތެއްގައިވެސް ކަރަންޓު ބިލް ބޮޑުވާ ދުވަސްވަރެއްކަމީ އެންމެންވެސް އެއްބަސްވާނެ ކަމެކެވެ. ހާއްސަކޮށް ހޫނުމިން އިންތިހާއަށް އިތުރުވެފައިވާ މި ދުވަސްކޮޅުގައި ކަރަންޓު ބިލް ބޮޑުވެދާނެއެވެ. އެހެންނަމަވެސް، ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވާ މައްސަލަ މިވަނީ ފެންމަތިވެފައެވެ. 

ސޯޝަލް މީޑިއާގައި ގިނަ އާއްމު ރައްޔިތުން ކަންބޮޑުވުންފާޅު ކުރަމުންދާއިރު، 1000 ރުފިޔާ އަށް ވުރެ ދަށުން ކަރަންޓު ފީ އަބަދުވެސް އަރާ ގެތަކަށް 4000ށް ވުރެ މަތިން ކަރަންޓު ބިލް އައިސްފައިވުމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިއީ ކަރަންޓު ބޭނުންކުރި މިންވަރަށްވުރެ އިތުރަށް ކޮށްފައިވާ ބިލްތަކެއް ކަމަށް  ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

ކަންމިހެން އޮތްއިރު، ނިމި ދިޔަ ރޯދަމަހުގެ ކަރަންޓު ފީ ކުޑަކޮށްފައިވަނީ މަޖިލިސް އިންތިހާބަށް ރައްޔިތުން ހައްލާލުމުގެ ގޮތުންކަމަށް ބުނުމަކީ ދޮގެކޭ ބުނެވޭނޭ ޖާގައެއް ނެތެވެ. އިންތިހާބުން ސުޕަމެޖޯރިޓީ ލިބުމާ ކަރަންޓު ބިލްތަށް ބޮޑުވުން ދިޔައީ އެކުއެކީގައެވެ. 

ބިލްތައް އާދަޔާ ހިލާފަށް ބޮޑުވި ނަމަވެސް ބިލް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ބުނެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މި މައްސަލަ ދިފާއު ކުރިކަމުގައި ވިޔަސް ހަގީގަތް ވާނީ ހަގީގަތަށެވެ. 3000 އިން 4000 އިން ބިލްތައް ކުއްލިއަކަށް ކަރަންޓު ބޭނުން ނުކުރާ މިންވަރަށް އަރައިގެން ދާންވީ ސަބަބެއް ނެތެވެ. 

ފަހުމީ ވިދާޅުވެފައިވަނީ ރޯދަ މަހު ޑިސްކައުންޓްގެ ގޮތުގައި 20 މިލިއަން ރުފިޔާ ބިލްތަކުން ކަނޑާފައިވާނޭ ކަމަށެވެ. އެހެން ކަމަށް ވަނީ ނަމަ މިއީ ގެއްލުނު 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ސަރުކާރުން ޖަހާ ދަންތުރައަކަށް ވުން އެކަށީގެންވެއެވެ.

މުއިއްޒު ގެންނަން ވައުދުވި "ހެޔޮ" ވެރިކަމަކީ މިއީ ކަމަށް ވެދާނެއެވެ. ނިކަމެތި ރައްޔިތު މީހާގެ ޖީބު ދޮވެލައިގެން ދައުލަތަށް ލިބޭ ފައިސާ ފެންފޮދަކާނުލާ ދިރުވާމަކީ މި ސަރުކާރުގެ "ހަރުދަނާ ސިޔާސަތު" ކަމުގައިވެސް ވެދާނެއެވެ. އަބަދުވެސް އިވެނީ "ރައްޔިތުން ސަލާން ޖަހަން ނުޖެހޭ ނިޒާމަކަށް" ގެންދަން އައި ސަރުކާރަކީ މި ސަރުކާރު ކަމުގައިއެވެ. އަޑުއިވޭ ބަހާއި ކުރާ އަމަލާއި އުޑާ ބިމާ ހާވެސް ތަފާތެވެ. މި ސަރުކާރު އިންތިހާބު ކުރެވުނު ފަހުން ރައްޔިތުން ދަވާލަން ލިބުނު އެންމެ ފުރުސަތެއްވެސް ދޫކޮށްލާފައި އަދި ނެތެވެ. 

ކަރަންޓު ބިލްތަކުން ޖީބުތައް ދޮވެލި ސަރުކާރުން ދެން ދޮވެލާނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތިން ނޫންކަމެއްވެސް ނޭނގެއެވެ. މި އޮތީ ވާ ސަރުކާރެކެވެ.