ނުފޫޒު ފޯރުވުމަކީ މިހާތަނަށް ވެސް ކުރި ކަމެއް ނޫން. ދެންވެސް ނުކުރާނަން: ރައިސް ސާލިހު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރެއްވުމަށް ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތަށް ފަހު ދެއްވި ބަސްތީގަތުމުގައި އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނު ހުންނަވަނީ ގާނޫނު އަސާސީގެ އިމުގެ ތެރޭގައި ކަމަށެވެ.
"އަޅުގަނޑު ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި، ގާނޫނުން ބޭރަކަށް ނުދާނަން، އެއީ ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިއަސް އެއީ އެބޭފުޅެއްގެ ކަމެއް. އަޅުގަނޑެއް ހަމަގައިމު ވެސް ގާނޫނު އަސާސީން ބޭރަކަށް ނުދާނަން،"
ރައިސް ސާލިހު މިހެން ވިދާޅުވެފައި މިވަނީ ވިލާ ގްރޫޕަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާތީ އެޕާޓީގެ ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ނުރުހުންފާޅު ކުރައްވައި އެފަޅު ވިއްކުން ހުއްޓުވާފައި ވަނީ ސީދާ ސަރުކާރުގެ ނުފޫޒުގެ ތެރެއިން ކަމައްވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅުއްވާ ކަމަށާއި އަދި އެއީ މި ސަރުކާރުން ކުރާނެ ކަމެއް ނޫކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިހާތަނަށް ވެސް ކުރި ކަމެއް ނޫން. އަދި ވެސް ނުކުރާނަން. އަޅުގަނޑު ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި." ރައީސް ވިދާޅުވިއެވެ.
ދުސްތޫރީ މިންގަނޑަށް ވުރެ އިތުރަށް ކަންކަން ކުރައްވާ ކަމަށް ކުރެވޭ ތުހުމަތުތަކާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމަށް ކުރާ ހުރިހާ ތުހުމަތެއް ރައިސް ވަނީ ހަރުކަށި އިބާރާތުން ދޮގުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ޕާޓީގެ މީހެއް ކަމަށް ވިޔަސް އަދި އާއިލާގެ މީހެއް ކަމަށް ވިޔަސް ގާނޫނު އަސާސީން ބޭރަށް އެ މަނިކުފާނަށް ވަޑައިނުގެންނެވޭނެ ކަމަށެވެ.