މައުމޫނިޒަމް ދޫކޮށްލި އައު ގާނޫނު އަސާސީން ލިބުނު މޮޅެއްނެތް
އެދުނު ބަދަލުން ލިބުނުހާވެސް ކަމަކީ، ވޯޓުލާ ތަނުގައި ވޯޓުގުނާ ނަތީޖާ ކަށަވަރުވުން
މައުމޫނިޒަމަށް ފަހު ރައްޔިތުންނަށް ގެނެވުނު ބަދަލުން ރައްޔިތުންނަށް ޖުމްލަކޮށް މޮޅެއް އޮތްތޯ ވިސްނާލަން ޖެހެއެވެ. ގެނެވުނު އެ ބޮޑު ބަދަލުން އެދޭ ބަދަލަށް ވާސިލުވެވުނުތޯ ސުވާލުކޮށްލުމަކީ ނެތްކަމެއް ނޫނެވެ.
މިހާރު މިއޮތް ޑިމޮކްރަސީއާއި މައުމޫނިޒަމާ އަޅާކިޔުމުގެ މާބޮޑު ބޭނުމެއް ނެތެވެ. ބަދަލުކުރީ ކަންކަން ރަނގަޅުކުރުމަށެވެ. މައުމޫނިޒަމްގެ ރަހަ ނުދެކޭ ޅަދޮޅުންނަށް ތަޖުރިބާތައް އަޅާކިޔާލަން ނޭގުނަސް އެހާރާއި މިހާރުގެ ތަފާތު މިނެލަން އެނގޭ މީހުން ރާއްޖޭގައި މަދެއް ނުވާނެއެވެ.
މައުމޫނިޒަމްގެ ވެއްޓުމުގެ ފެށުމަކީ ޖަލުގައި ކުރާ އަނިޔާއެވެ. ޓާރނިންގ ޕޮއިންޓަކީ އީވާނު ނަސީމުގެ މަރެވެ. އެންމެން ބަދަލަށް ތެދުވީ އަނިޔާއާއި ދެކޮޅަށެވެ. ހެޔޮވެރިކަމާއި އިގްތިސޯދީ ހަމަޖެހުމުގެ ވާހަކައަކީ ވެރިކަން ބަދަލުކުރުމުގައި އެހާ އިސްކަމެއް ދެވުނު ކަމެއްނޫނެވެ.
ކޮންމެހެނެއް ހަދައިގެންވެސް އޭރު ބޭނުންވީ މައުމޫނުގެ ވެރިކަން ނިންމާށެވެ. ބައިނަލް އަގުވާމީ ފިއްތުންތަކާއި ރާއްޔިތުންގެ ހަމަޖެހުމަށްޓަކާ މައުމޫނަށްވެސް ޖެހުނީ ގޮތްދޫކޮށް އެދޭ ބަދަލަށް ދީލާލާށެވެ.
ގާނޫނު އަސާސީ އިސްލާހުވެގެން ދިޔައީ ދައުލަތުގެ އާމްދަނީ އާއި ނުބައްދަލު މާލީ ބުރަތަކެއް އުފުމަށް ދައުލަތަށް ލާޒިމްވެގެންނެވެ. ނުބައްދަލު ޗެކް އެންޑް ބެލެންސް ނިޒާމަކާއި މިނެއްނެތި ބޮޑުވަމުންދާ ރައްޔިތުންގެ މަޖިލީހަކަށް ވެރިކަން ކުރުމުގެ ބާރާއި ފަނޑިޔާރުގެ ކޮންޓްރޯލް ކުރުމުގެ ބާރުތައް ތޮއްޖައްސާފައިވާ ޕާޓީ ވެރިކަމުގެ ނިޒާމެއް ފައްކާ ވެގެންނެވެ.
އާހިރުގައި އިސްލާހު ކުރެވުނު އައު ގާނޫނު އަސާސީ ލިބިދިން ހަގީގީ އެދޭ ބަދަލެއް ނެތެވެ. އެދުނު ބަދަލުން ކިރިޔާވެސް ލިބުނިއްޔާ ލިބުނުހާވެސް ހިތްހަމަ ޖެހުމަކީ، ވޯޓުލާ ތަނުގައި ވޯޓު ގުނާ ނަތީޖާ ކަށަވަރު ކުރެވޭކަމުގެ ހިތް ހަމަޖެހުމެވެ. ޝަރީއަތުގައި ދިފާއީ ވަކީލެއް ލިބުމުގެ ހައްގު އަލަށް ލިބުނަސް އިންސާފު ލިބުމުގެ ހިތް ހަމަޖެހުމެއް ރައްޔިތަކަށް ނެތެވެ. އެހެން ކަމުުން މައުމޫނިޒަމް ދޫކޮށްލި އައު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބުނު މޮޅެއް ނެތެވެ.


