ދެއިންތިހާބު އެއްކުރިޔަސް ދެން މުއިއްޒަށް އާނއެކޭ ނުބުނާނެ: ސޯލިހު
ރައީސް ސޯލިހު އެ ވިދާޅުވަނީ ތެދެކެވެ. ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް އިތުރަށް މިނިވަން ކުރުމަށް މުއިއްޒު ނޫޅޭށެވެ. އެތަންތަނާ އިތުރަށް ނުބެހި، މިހާރު ހުރި ވަރުގައި އެތަންތަން ބަހައްޓާށެވެ. މުއިއްޒު ތަންތަން މިނިވަން ކުރާގޮތް ރައްޔިތުންނަށް ނިކަން ރަނގަޅަށް އެބަފެނެއެވެ.
ރައްޔިތުންގެ މަޖިލިސް މިނިވަން ކުރިކުރީނުން ގާނޫނުއަސާސީއަށް ވެސް ބަދަލު ގެނައުން ބޮޑުގެރި ބޭރަށް ހިންގުމަށް ވެއްޖެއެވެ. މަޖިލީހުގެ މެންބަރުން އަމިއްލައަށް އަނގަތަޅުލާ އަތްފައިގާ ޗޭނުޖަހާ މުއިއްޒު އަތަށް ޗޭނުގަޑުގެ ކޮޚު އެތިބީ ދީގެންނެވެ. މުއިއްޒު ދަމާ ވައްޓާލަން ބޭނުން މީހަކު ބޭނުން އިރަކު އަނގަވަތަށް ވައްޓާލެވޭ ގޮތަށެވެ.
ފަނޑިޔާރުގެ މިނިވަން ކުރުންވެސް އޮތީ މާވަޑިޔާގެ ވަކަރުގަނޑުގެ އުސޫލަށް ފެތިނިމިފައެވެ. މުއިއްޒު ބޭނުން ނުވާ ގޮތަކަށް ހުކުމެއް ނުނެރެވޭ ވަރަށް ފަނޑިޔާރުން ތިބީ ބަނދެލާފައެވެ. ގާނޫނާއި ޝަރީއަތަކީ މުއިއްޒުގެ ވިދާޅު ބަސްފުޅަށް ވަނީވެފައެވެ. ޖޭއެސްސީ އަކީ މުއިއްޒު ބޭނުންވާ ފަނޑިޔާރުން ގޮނޑިން ހޫރާލުމަށް އޮންނަ ގޮނޑިކޮއްކޮ އެކެވެ.
އެންޓި ކޮރަޕްޝަން ކަމިޝަނަކީ މުއިއްޒު ސަރުކާރުގެ ޖަރީމާތައް ފަސްއަޅާ ފޮރުވާދޭ ތަނަކަށް ވަނީ ހަދާފައެވެ. މުއިއްޒު ބޭނުންވާ މީހެއްގެ އަބުރުކަތިލާ ވާދަވެރިން ފަލީހަތްކުރާ ހަތިޔާރަކަށް އެންޓިކޮރަޕްޝަން ކޮމިޝަނަން ވަނީވެފައެވެ.
އިލެކްޝަން ކަމިޝަނަކީ ވަގުފޯމުތަކުން ޕީއެންސީ ބޮޑުކޮށް ދައުލަތުގެ ފައިސާގެ ފުނިވަރު ޖަހާދީގެން ބާރާއި ނުފޫޒުން އިންތިހާބުތައް ކާމިޔާބު ކުރުން ހަލާލުކޮށްދޭން އޮތްތަނަކަށް ވެއްޖެއެވެ. މުއިއްޒުގެ ހުދުމުހުތާރު ވެރިކަމުގައި ޑިމޮކްރަސީގެ ކުލަ ޖައްސާ ހިންގާ ޖަރީމާތައް ގިރިޓީކޮށްދޭ ތިލޭރުގެއަކަށް އިލެކްޝަންސް ކޮމިޝަން އޮތީވެފައެވެ.
ރައީސް ސޯލިހު ވިދާޅުވާހެން 2028 ގައި ރައްޔިތުން ގޮތް ނިންމަންދެން ޝަރުއީ ނިޒާމާއި މިނިވަން މުއައްސަސާތަކާ މުއިއްޒު އިތުރަށް ނުކުޅެ އޮތް ވަރަށް ބާއްވާށެވެ. މުއިއްޒުގެ ވެރިކަމަށް 2028ގައި ރައްޔިތުން ނޫނެކޭ ބުނާއިރު އަނެއްކާ ރައްޔިތުންނަށް ޖެހޭނީ މުއިއްޒު ހާވާހާ ހަޑި އަނެއްކާވެސް ސާފުކުރާށެވެ. ރައީސް ސޯލިހު ވިދާޅުވާހެން ހުރިހާ އިންތިހާބު އެއްކުރިޔަސް ރައްޔިތުން ތިބިއްޔަކީ 2028ގައި މުއިއްޒަށް އާއެކޭ ބުނާ ގޮތަކަށް ނޫނެވެ.




