26ގައި ފަށްފަށްކުރި މުއިއްޒުގެ ރޯމަރުދޮގު: ކަނޑު ވިއްކާލުން

ޗާގޯސް ކަނޑު ބައިކުރިއްޔަކީ ރާއްޖޭން އެދިގެނެއް ނޫން އަދި ބޭނުންވެގެނެއްވެސް ނޫން

26ގައި ފަށްފަށްކުރި މުއިއްޒުގެ ރޯމަރުދޮގު: ކަނޑު ވިއްކާލުން

ރައީސް މުއއިްޒު ހުއްޓާނުލާ އެމްޑީޕީގެ ބޮލުގައި ދޮގު ތުހުމަތުތަކެއް ދަނީ އަޅުވަމުންނެވެ. ހާއްސަކޮށް ރާއްޖޭގެ ސިޔާދަތާ ގުޅުވައިގެން ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ދައްކާ ދަނީ ފަތުރަމުންނެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ރައީސް މުއިއްޒު އެކަންވަނީ ތަކުރާރުކޮށްފައެވެ.

އެމް.ޑީ.ޕީ ސަރުކާރުން ގައިރު ގާނޫނީގޮތުގައި، ވަރަށް ފިނޑި ގޮތެއްގައި، ވަރަށް ނޭއްގާނި ގޮތެއްގައި، ރާއްޖޭގެ ކަނޑުން ބޮޑުބައެއް ސިއްރުސިއްރުން ދޫކޮށްލިކަމަށް ވަނީ ބުނެފައެވެ. އެއްވެސް ހަގީގަތެއް ނެތް ރޯމަރު ދޮގެއް ކިތަންމެ ވަރަކަށް ތަކުރާރު ކުރިޔަސް ހަގީގަތް ބަދަލެއް ނުވާނެއެވެ. 

ތަކުރާރުކޮށް އެ ދައްކަނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު މޮރިޝަސްއާއި ފުށު އަރައިގެން އިޓްލޮސް އިން ހާއްސަ އިގުތިސާދީ ސަރަހައްދު ބައިކުރި ބައިކުރުމުގެ ވާހަކައެވެ. ޗާގޯސް ކަނޑު ބައިކުރިއްޔަކީ އެއްވެސް އިރަކު ރާއްޖޭން އެދިގެނެއް ނޫނެވެ. ބޭނުންވެގެނެއްވެސް ނޫނެވެ. އިޓްލޮސްއަށް މައްސަލަ އުފުލީ މޮރިޝަސް އިންނެވެ. މޮރިޝަސްގެ ދައުވާއަށް ރާއްޖޭން ތަކުރާރުކޮށް ދެކޮޅުހެދިއެވެ. މޮރިޝަސްގެ ހައްގެއް ޗާގޯސް ކަނޑަށް ނެތްކަމަށް ރައީސް ސޯލިހު ސަރުކާރުން އަޑުހަރުކޮށް ވަކާލާތުކުރުމުން އިޓްލޮސްއިން އެ މައްސަލަ ޕާކްކުރިއެވެ. އެއީ މިހާރުވެސް ފެންނަން އޮތް ހަގީގަތެކެވެ. 

އިޓްލޮސް އިން އެ މައްސަލަ އަލުން ބަލަން ފެށީވެސް ރާއްޖޭން ކުރި ކަމަކުން ނޫނެވެ. އިޓްލޮސްއިން އެ މައްސަލައިގެ ޝަރީއަތް ހިންގަން ނިންމީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަމުގެ އިސްތިޝާރީ ލަފައެއް ލިބި އދ ގެ އާއްމު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށް ނިންމުމުން މޮރިޝަސް އިން އެކަމަށް އެދުމުންނެވެ. އެހެން އެކަން އޮތުމުން ރާއްޖޭން ޖަވާބުދާރީ ވިޔަސް ނުވިޔަސް ފުށުއެރުމުގެ މައްސަލަ ބަލާ ޗާގޯސް ކަނޑު ހަމަޔަށް ދެބައި ކުރާނެކަމީ ޝައްކެއް ނެތްކަމެކެވެ.

އެ ހާލަތުގައި ރާއްޖެއަށް އެންމެ ފައިދާ ބޮޑީ ޖަވާބު ދާރީވެ ކަނޑުން ލިބެން އޮތް އެންމެ ބޮޑު މިންވަރެއް ހޯދުމެވެ. ރައީސް ސޯލިހު ސަރުކާރުން ކުރީ އެ މަސައްކަތެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޗާގޯސް ކަނޑުބައިކޮށްގެން ލިބުނު ބައި ބޮޑެވެ.

މިހާ ސާފުކޮށް އޮތްކަމެއްގައި ކަނޑުން ބައެއް ދޫކޮށްލީއޭ، ކަނޑުން ބައެއް ވިއްކާލީއޭ ކިޔައިގެން ދައްކަނީ ފިތުނަވެރި ވާހަކައެވެ. ސިއްރު ސިޓީއަކުން ކަނޑުން ބައެއް ދޫކޮށްލީއޭ ބުނެ ބުހުތާން ދޮގު މުއިއްޒު ހަދާއިރު އެބުނާ ސިޓީއެއްގައި ކަނޑާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނެތްކަން އެންމެނަށް ވެސް އެނގެއެވެ. ކިތަންމެ ބޮޑު އޮފީހެއް ހަދައިގެން ކޮންމެ ބަޔަކުލައިގެން ކަމިޝަން ހަދާ ތަހުގީގު ކުރިޔަސް އިޓްލޮސްގެ ނިންމުން އަނބުރާލާ އެމްޑީޕީ ސަރުކާރުގެ އަދުލުވެރި މަސައްކަތް ފޮރޮޅާލެވޭ ވަރުގެ ނަތީޖާއެއް ނުނެރެވޭނެއެވެ. ދައުލަތުގެ ވަގުތާއި ފައިސާ ބޭކާރުކޮށްލުން ނޫން ކަމެއް ނުވާވަރަށް ރައީސް ސޯލިހު ސަރުކާރުގެ އިހުލާސްތެރި " މޯލްޑިވްސް ފަސްޓް" ސިޔާސަތާއި، ގައުމީ މަސައްކަތާއި، އިޓްލޮސްގެ ނިންމުމުގައި ކަންކަން ހިނގާފައިވާ ގޮތް އިންސާފުވެރިއެވެ.