ކިތަންމެ އެއަރޕޯޓެއް އޮތަސް ނަތީޖާ ސުމެއް!

އެތެރޭގެ އުދުހުމުގެ އަގު ތިރިނުކޮށް ޓޫރިޒަމް ފުޅާކުރާ ވާހަކަ ނުދައްކާ!

ކިތަންމެ  އެއަރޕޯޓެއް އޮތަސް ނަތީޖާ ސުމެއް!

ރާއްޖެތެރެއަށް ފަތުރުވެރިކަން ފުޅާކުރުމުގެ ވާހަކައަކީ ފަހަކަށް އައިސް އެންމެ ބާރަށް ދެކެވޭ އެއްވާހަކައެވެ. ކޮންމެ އިންތިހާބަކާ ގުޅިގެން އެވަހަކައިެ އަޑު ގަދަވެއެވެ. ކޮންމެ ސަރުކާރެއް ވެރިކަމަށް އަންނަން އުޅޭއިރު ރަށްރަށުގެ ރައްޔިތުންގެ ޖީބުތައް ޑޮލަރުން ފުރާލަދޭނީ މުޅިރާއްޖެއަށް ފަތުރުވެރިކަން ފުޅާކޮށްގެން ކަމަށް ބުނެއެވެ. ފަތުރުވެރިކަން މުޅި ރާއްޖެއަށް ފަތުރާލުމަށް ކޮންމެ ދެގެ ދޭތެރެއެއްގައި އެއަރޕޯޓެއް އަޅާދޭން ވައުދުވެއެވެ. ވެރިކަން ލިބުމުން ބައެއް ތަންތާ އެއަރޕޯޓްގެ ބިންގާއަޅައެވެ. ބައެއް އެއަރޕޯޓް އަޅާ ރެބަންކަނޑާ ހުޅުވައެވެ. އެއަރޕޯޓް އެޅިގެން މީހުންގަނޑު ލަވަކިޔާ އަތްޖަހައެވެ. 

ދެނަކާ ދެނެއްނުހުރެއެވެ. ދަރަނިވެރި ވެގެން ވެސް އެއަރޕޯޓާ ކައިރި ކައިރީގައި ވިޔާފާރިވެރިން ރިސޯޓްތައް ހުޅުވައެވެ. ބޭރުން އިންވެސްޓަރުން ހޯދައިގެންވެސް ރިސޯޓެއް ހުޅުވޭތޯބަލައެވެ. ދަރަންޏަށް ފައިސާ ހޯދައިގެން ގެސްޓް ހައުސްތައް އަޅައެވެ. އެއަރޕޯޓުން ލުއިފަށެހަ ކަމާއެކު ގެސްޓުން ގެނެވޭނެ ކަމުގެ އުންމީދުގައެވެ. ޔަގީން ކަމުގައެވެ. އިންވެސްޓް ކަވަރުކޮށް ދަރަނިތައް އަދާކޮށް ބޮޑު ނަފާ ލިބޭނެތީއެވެ. 

ސަހަރޯއެވެ. ކިތަންމެ ކައިރީގައި އެއަރޕޯޓެއް އޮތަކަސް އުންމީދުކުރި ވަރުގެ ނަފާވެރި ކަމަކަށްނުވެ ދަރާވިކި ބަނގުރޫޓްވުން ނޫންކަމެއް އެއަރޕޯޓާ ގުޅުވައިގެން ކުރި އުންމީދާއި ކުރި ބޮޑުހޭދައަކުން ނުވެއެވެ. އެއަރޕޯޓެއް އޮތަކަސް އެތެރޭގެ އުދުހުމުގެ އަގު އަތްގުޅިނުކާވަރު ވީމާ އެއަރޕޯޓެއް އޮތުމުގެ އުފަލެއްނެތެވެ. ގެސްޓުން ލޯންޗްގައި ގެންދެވޭވަރު ތާކަށްފިޔަވާ ގެސްޓަކު ގެންދަން އުޅުމަކީ އޮބި އޮންނަވަރުގެ ކަމަކަށް ނުވެއެވެ.

ޑޮމެސްޓިކް ފްލައޓްޓިކެޓެއްގައި މާލޭން ފުރައގެން އަތޮޅުތެރޭ ރަށަކަށް ދިޔުމެކޭ މާލޭން ޑުބާއީއަށް ދިޔުމެކޭ އަގުގައި މާބޮޑު ތަފާތެއް ނުހުރެއެވެ. ބޯޑު އަގުގައި ޓިކެޓް ނެގުމަކުންވެސް ދާންބޭނުންވާ މަންޒިލަށް ވަގުތަށް ދެވޭނެ ކަމުގެ ކުޑަވެސް ޔަގީން ކަމެއް ނޯވެއެވެ. ފްލައިޓް ކެންސަލް ވުމުގައިވެސް ހައްދެއް ނޯވެއެވެ. ޔޫރަޕުން 22 ގަޑިއިރު ދަތުރުކޮށްފައި އަންނަ ފަރުވެރިޔާ ޑޮމެސްޓިކް ފްލައިޓް ނުލިބިގެން އެތައް ގަޑިއެއް ހޭދަކުރަން ޖެހެނީ މާގިނައިންނެވެ. އެތައް އިރަކު މާލޭ އެއަރޕޯޓުގައި އިނދެފައި މާލެއާއި ދުރު އަތޮޅުތަކައް 7 ދުވަހުގެ ޗުއްޓީއަށްދާ ފަތުރުވެރިޔާ 5 ދުވަސް ވާއިރަށް ފުރައގެން މާލެއައިސް ޔޫރަޕް ފްލައޓްގެ ރިޓާން ހޯދަން ހުޅުމާލޭ ގެސްޓް ހައުސްއެއްގައި ހުންނަންޖެހޭ ހިސާބަށް ޑޮމެސްޓިކް ފްލައިޓް އޮޕަރޭޝަން ފެއިލްވެފާ އޮތް ތަނެއްގައި ކިއްކުރަން އަޅާ އެއަރޕޯޓް ތަކެއް ހެއްޔެވެ.

ހަމަތެދެކެވެ. އެއަރލައިން ޓިކެޓްގެ އަގު ދުވަހަކުވެސް ހެޔޮ ކުރެވޭ ތަނެއް ރާއްޖޭގައި އަންނަ ކަމަކަށް ނުވެއެވެ. ވާނީ އެހެންތާއެވެ. މިސަރަޙައްދުގަ ޖެޓްފިއުލް އެއްމެ އަގުބޮޑު ގައުމަކީ ރާއްޖެއެވެ. ލަންކާ އެ އޮތް ހާލުގައި އޮތްއިރުވެސް މި ރާއްޖެއަށްވުރެ ޖެޓްފިއުލް ލިޓަރަކުން ފަސް ރުފިޔާ އަގުހެވެވެ. ރާއްޖޭގައި ވިއްކާ ތެލުގެއަގަށް ބޮޑު ފައިދާއާއި ކަޓުލައިގެން ތެޔޮ ވިއްކާހާ އިރަކު ޓިކެޓަކަށް އަގެއް ހެވެއް ނުވެވޭނެއެވެ. ބައިނަލްއަގުވާމީ މާކެޓްގައި ފެންނަން ހުންނަ އަގުތަކުން މިކަން މިވަނީ ކިހިނެއްކަން އެނގޭނެއެވެ. 

ރާއްޖޭގައި އެއަރލައން ހިންގަން ފެށުނީއްސުރެ ގްރައުނޑްހެންޑްލިން އަކީ ރާއްޖޭގެ ގައުމީ އެއަރލައނުން ދެމުންއައި ހިދުމަތެކެވެ. އެ ހިދުމަތުން ލިބޭ އެއްޗަކުން އެއަރލައންގެ ގެއްލުން ފޫބައްދާ ޓިކެޓް އަގުހެޔޮކޮށް ވިއްކައިގެން ޑޮމެސްޓިކް ދެ އެއަރޕޯޓް ހިންގާ ޑޯނިޔާ ދުއްވިއިރުވެސް ދެކޮޅު ޖެހުނެވެ. މިހާރު އެތައް އެއަރ ކްރާފްޓަކާއި 15އަށް ވުރެ ގިނަ އެއަރޕޯޓް އޮންނައިރު ގައުމީ އެއަރލައިނަށް ދެކޮޅުޖެހޭ ކަމަކަށް ނުވެއެވެ. އަނެއްކޮޅުން އެތައް ބައިވަރު ގެސްޓް ހައުސްއާއި ރިސޯޓާއި ދަތުރުކުރާނެ ފަސިންޖަރުންނާ ގިނަވެފައި ދުނިޔޭގެ މާކެޓްގައި  ތެޔޮ އަގުހެޔޮވީމަވެސް ނިސްބަތުން އެތެރޭގެ އުދުހުމުގެ އަގު އެންމެ ބޮޑީ މި ރައްޖޭގައެވެ. ރީކޯ މޫސާ މަނިކު ބުނަނީ ދޮގު ވާހަކައެއް ނޫނެވެ. އެތެރޭގެ އުދުހުމުގެ އަގު ތިރިނުކޮށް ރާއްޖެތެރެއަށް ފަތުރުވެރިކަން ގެންދާ ވާހަކަ ހުއްޓާލުމަށްވުރެ މޮޅު ގޮތެއް ނެތެވެ.