މާވަޑި އާދަނަށް މަޑުއްވަރި ފެނުނީ ފޮނުވަތު ހޮނދު ވަޅަކުން
ކަންނާޑީގެ ނަންބަރު ލޮލާ ދިމާވާ ނަމަ އެހެން މީހުނަށް ފެންނަ ތަންތަން އާދަނަށްވެސް ފެންނާނެ
ހަތް އަހަރު ދުވަހު ވެރިކަމުގެ އާރާ ބާރުގައި ފައިނު މާވަޑި އާދަން މަނިކުމެން ތިބި އިރު ފެލިވަރު އޮތް ކަމެއް އާދަން މަނިކަކަށް ނޭނގެއެވެ. ފެލިވަރުގައި މަސްގަންނަ ފެކްޓަރީއެއް ހުންނަ ކަމެއްވެސް ދެނެއެއް ނެތެވެ. މަސް އައިސް ކުރަން ފެން އުފައްދާނެ އައިސް ޕްލާންޓެއް ހުއްޓެއް ނެތެއް ނޭނގެއެވެ. އަމްދުން މަޑުއްވަރީގައި މަސްވެރިން ތިބޭކަމެއް ވެސް މަޑުއްވަރީ މީހުން މަހަށް ދާކަމެއް ވެސް ނޭނގެއެވެ.
އާދަން މަނިކާއެވެ. ވަޒީރުކަމުގެ މަސަންދުގައި އޮވެގެން މަޑުއްވަރީ މަސްވެރިން ނުފެނުނީ އައްޕަގެ ފޮނުވަތުން ތޮރުފި އިލި ވަޅަކުން ބެލީމާތާއެވެ. ހަށި ފާރަވެރިން ވަށާލާފައި އޮތް ވަރުން ފައިގެ ބޮޑުވައި އިނގިލި ކުރިވެސް ނުފެނުނީމާ އެހެން ވެދާނެއެވެ. ދެރައީ މިހާރުވެސް ދިމާލަށް ފެންނަން ހުންނަ ކަންތައްތައް ނުފެންނަ ވަރަށް ރޭކަނު ވެފައި ހުންނާތީއެވެ.
ރާއްޖޭގެ ކޮންމެ މަސްވެރި ސަރަހައްދަކުން ދަތިކަމެއް ނެތި އައިސް ލިބެން ހުންނަކަން އާދަނަށް ނޭނގި ދާނެއެވެ. ދެކެން ބޭނުން ނުވާ ތަނެއް ތަން މިނަށް ލޯ ހުޅުވިޔަސް ނުފެންނާނެއެވެ. އެޅިހާ ބަތަކަށް ރިހަވެފައި ތިބޭ ހުސްބުޅީގައި ގަންނަ ރާގޮޑި ގަނޑެއްގެ ތެރެއަށް ވެއްޓިގަނެގެން ފޮޓޯ ނަގާފައި ޓްވީޓްކޮށް އަންމަގެ ހުނި ގުރާބޭ ކިޔަސް ތިޔަ ހަދާ ފިތުނައެއްގައި މަޑުއްވަރީ މަސްވެރިން ވެސް ނުޖެހޭނެއެވެ.
މަނިއްގަޑާއެވެ. އަޅައިގެން ތިޔަ އުޅޭ ކަންނާޑީގެ ނަންބަރު ލޮލާ ދިމާވާ ނަމަ އެހެން މީހުނަށް ފެންނަ ތަންތަން އާދަނަށް ނުފެންނާންވީ ކަމެއް ނެތް ތާއެވެ. ހަތް އަހަރު ކަންކަން ކުރަން ލިބި ފެލިވަރު، ފެލިވަރަކަށް ހަދާލި ނަމަ ތިޔަހެން އުކުނޑި ކޮއްޓާކަށް މިހާރަކު ނުޖެހުނީހެވެ.
ހަޔާތުގެ ކަންފުޅެއް ވެސް ނެތެވެ. އާބާތުރަ ފިލުވުމަށް ހަތް އަހަރު ވަންދެން އެއްވެސް ކަމެއް ނުކޮށް ފެލިވަރު ވީރާނާކޮށްލާ މަސްވެރިން އިނދަޖައްސާލި ބައިގަނޑު ނިކުމެ މަސްވެރިންނޭ އައިސްޕްލާންޓޭ ކީމާ ނިކަން ހުތުރެވެ. އާރާބާރު ލިބުނު ދުވަހު އުޅުނީ ބޮޑު މާލޫދު ހަރުގޭ ފުޅަށް މަތިން މީހުން އުކާ ދަތްދޮޅި ދުއްވުމުގައެވެ. މަޑުއްވަރިއާއި މީދޫ ކުދިން ކޮޅެއްގެ ރަނގަޅު ކަމުން ބޮޑު މަލޫދު ހަރުގެއިން ކެއިންކާން ފޮނުވާ ދިނީތީ ޅިސް ގޮވަންދެން ކައިފުރައިގެން އިނދެ އެ މީހުނަށް ނަނާ ހުވަފެން ތިޔަ ދައްކަނީ ޓްވިޓަރުގައެވެ. އައްޕަ އުއި ތެންމަން ގެންގުޅުނު ދެލި އުނބު ބޮލަށް އޮއްސާލައިގެން ނުވަރު ކަންނާޑިއެއްގެ ފަހަތަށް ދެލޯ ލައިގެން ހުރެ އެހެން މީހުން ކަނު ބަންނަން މާވަޑި އާދަނެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ.