ކިތަންމެ ބިރުދެއްކިޔަސް ހަނިމާދޫ އޮތީ އެމްޑީޕީއާއި އެކު: ޝާހިދު

ބިރު ދެއްކިޔަސް، އިންޒާރު ދިނަސް ހަނިމާދޫގެ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީ ކަމަށް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދު އެހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުގައި ހދ. ހަނިމަދޫއަށް ވަޑައިގަތުމަށް ފަހުގައެވެ. 

"އަޅުގަނޑު މިހިރީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި. މިއީ އަޅުގަނޑުމެން ބިނާކުރި ފަޚުރުވެރި އެއާޕޯޓު. އަޅުގަނޑާއެކު މި ތިއްބެވީ ހަނިމާދޫގެ ކައުންސިލާއި ޑަބްލިޔުޑީސީއަށް ކުރިމަތިލައްވާ ހިތްވަރުގަދަ އެމްޑީޕީގެ ފަހުލަވާނުން." ކަމުގައި ވިދާޅުވެ ކެންޑިޑެތުންނަށް ޝާހިދު ހިތްވަރު ދެއްވިއެވެ.   

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ބިރު ދެއްކުމަށްޓަކައި ހަނިމާދޫ އެއާޕޯޓުގައި ވަޒީފާ އަދާކުރާ އެތައް ބަޔަކު ވަޒީފާގެ އަޅުންކަމުގައި ހަދައިފިކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވަނީ ކިތަންމެ ބިރު ދެއްކިޔަސް، ކިތަންމެ އިންޒާރު ދިނަސް މިފަހަރު މި ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކުރާނީ ހަމަ އެމްޑީޕީ ކަމަށެވެ. 

"ބިރު ފަހަނައަޅާ ނުކުންނަވާ - ވަޒީފާގެ އަޅުންނަށް ވެވަޑައި ނުގަންނަވާ. މި ރާއްޖެ ސަލާމަތްކޮށްދެއްވާ!" ޝާހިދު ވިދާޅުވިއެވެ.