ގޭގޭގެ ފުރާޅު ސްޓެލްކޯއަށް ކުއްޔަށް ހިފަނީ
ސޯލަރ ހަރުކުރުމައްޓަކައި ސްޓެލްކޯއަށް ގޭގޭގެ ފުރާޅުތަށް ކުއްޔައްދޫކުރުމުގެ ފުރުސަތު ހުޅުވާލައިފި.
ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގެ މަޝްރޫއުގެ ދަށުން މިހާރު މިވަނީ ތެޔޮ ބޭނުންކުރާ މިންވަރު ކުޑަކުރުމައްޓަކައި ސޯލާ ޕެނަލްތައް ބޭނުން ކޮށްގެން ކަރަންޓް އުފެއްދުމު މަސައްކަތް ފަށާފައެވެ. މިގޮތުން ސްޓެލްކޯ އިންވަނީ "އަވިކަތަ" ސްކީމް މެދުވެރިކޮއް އާއްމު ފަރުދުންނަށް ސޯލާ ޕެނަލް ހަރުކުރުމަށް ފުރާޅުތައް ކުއްޔަށް ދޫކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހުގެ އެ ކުންފުނިން ތައާރަފްކުރި "އަވިކަތަ" ސްކީމަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުގެ ސިޔާސަތު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތައާރަފުކުރި ސްކީމެކެވެ. ހަރުކުރެވޭ ކޮންމެ 1 ކިލޯވޮޓްގެ ސޯލަރއަށް 180/60 ރުފިޔާގެ ކުލި ލިބޭނެއެވެ. ސޯލަރ ހަރުކުރުމަށްޓަކައި ހުރިހާ ހަރަދެއް ކުރާނީ ސްޓެލްކޯއިންނެވެ.
މިސްކީމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުމާއި ފުރާޅުގައި މަދުވެގެން 100 އަކަފޫޓު ހުރުމާއި ފުރާޅަށް ފަސޭހައިން އަވި ލިބުމާއި ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލޭނެ ވަރު ހުރުން ހިމެނެއެވެ.
ސްޓެލްކޯގެ "އަވިކަތަ" ސްކީމުން ދައްކުވައިދެނީ ސަރުކާރުގެ އިއާދަކުރަނިވި ހަކަތައިގެ ތަސައްވަރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތެވެ. މި ފުރުސަތަކީ ސްޓެލްކޯއިން އިސްވެ ރައްޔިތުންނަށް ފެހި މުޖުތަމައެއް ބިނާކުރުމަށް އެ ކުންފުނިން އާއްމު ފަރުދުންނަށް ހުޅުވާލައިފައިވާ ދޮރެކެވެ.