އާއްމުން ހިތްހަމަޖައްސަން އަސްލެއްނެތް ވާހަކަނުދައްކާ: އަމްރު

އާއްމުން ހިތްހަމަޖައްސަން އަސްލެއްނެތް ވާހަކަނުދައްކާ: އަމްރު

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ސަރުކާރަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ. އަމްރު ވިދާޅުވަނީ އާއްމުން ހިތްހަމަ ޖައްސަން އަސްލެއްނެތް ވާހަކަ ނުދެއްކުމަށެވެ.  އުނދަގޫ ނަމަވެސް ހަގީގީ މައްސަލައަށް ވާހަކަދެއްކުމަށާއި ވަގުތުން މައުލޫމާތު ދިނުން އިސްކޮށް ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ޖެހޭ ކަމަށް އަމްރު ވިދާޅުވެއެވެ.

އަމްރު ވިދާޅުވާ ގޮތުގައި ރާއްޖޭގެ އިގްތިސާދު މިއަދު ވެސް މި ހިފަހައްޓަމުންދަނީ ހިމަ ވާފަށަކުންނެވެ. ތަކެތީގެ އަގު ބޮޑުވުމުން ރައްޔިތުން ތަހައްމަލުކުރާނެ އަސަރުތަކުގެ ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރާނެ މާގިނަ ގޮތްތަކެއް ނެތްކަމަށްވެސް އަމުރު ވިދާޅުވެއެވެ. 

ދުނިޔެގޭ ތެލުގެ ސަޕްލައިގެ ބޮޑުބައެއް ހިއްސާކުރަނީ މެދުއިރުމައްޗެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ތެލުގެ އަގު އިތުރަށް ބޮޑުވާނަމަ ދިވެހިންގެ ވޮލެޓު ހުލިވާނެ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއެވެ. ތެލުގެ އަގު އުފުލުން ވެގެންދާނީ ދަތުރުފަތުރާއި ކަރަންޓު ބިލާއި އެހެނިހެން ކާބޯތަކެއްޗަށް ކުރަންޖެހޭ ހޭދަވެސް އިތުރުވެގެންދާނެ ކަމަށް އަމުރު ދެކިވަޑައި ގަންނަވައެވެ. 

ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 ޕަސަންޓާއި ގާތްކުރާ އަދަދެއްގެ ތެޔޮ ހިފައިގެން ދަތުރުކުރަނީ ހޮރުމޫޒު ކަނޑު އޮޅިންނެވެ.  ހޮރުމޫޒު ކަނޑު އޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު މިހާރުވެސް އިރާނުން އެވަނީ ދިފައެވެ. ހޮރުމޫޒު ކަނޑު އޮޅި ބަންދު ކުރުމަކީ ރާއްޖެފަދަ ގައުމުތަކަށް އަސާސީ ކަންކަމަށް ބޭނުންވާ ތެލަށް ފައިސާ ހޭދަކުރަން ކުރިމަތިވާނެ އިތުރު ގޮންޖެހުމެއް ކަމަށް އަމްރު ދެކިވަޑައިގަންނަވައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ދިގުލައިގެންދާނަމަ، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އުފުލޭނެ ކަމަށެވެ. އެހެން އެކަން ވެއްޖެނަމަ ރާއްޖެއަށް ކުރިމަތިވާނީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަމުރު ވިދާޅުވާ ގޮތުގައި ހުސްވި އަހަރު އަހަރު ދައުލަތަށް ލިބުނު އާމްދަނީއަކީ އެންމެ 1.1 ބިލިއަން ޑޮލަރެވެ. އޭގެތެރެއިން 700 މިލިޔަން ޑޮލަރ ހަރަދުވީ މަތިންދާބޯޓާއި, ފެރީތަކާއި, އިންޖީނުތައް ހިންގުމަށް ޑީސެލާއި ޕްޓްރޯލާއި ކަރާސީނު އެތެރެ ކުރުމަށެވެ. އެ ނިސްބަތް އެތައް ތަނަކުން ބޮޑުވުމަކީ ރާއްޖެއަށް ފޫބެއްދޭ ވަރުގެ ކަމަކަށް ނުވާނެއެވެ. 

ކޮވިޑް-19 އިން ރާއްޖެއަށް ކުރިމަތިވި މުސީބާތާއި ގޮންޖެހުންތަކުން އަރައިގަނެވުނީ ދުރާލައި އެޅި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އަމްރު ވިދާޅުވެއެވެ. އެހެން ކަމުން ސަރުކާރުން ޒިންމާދާރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މިހާރުވެސް ލަސްވެއްޖެއެވެ.