ރަށުބަންދުން ވީއްލޭތީ ހެޔޮވެރިކަމުގެ އިހުސާސް ކުރެވޭ
އާރުޓީއެލް ހުރިހާ ދައިރާ އަކަށް ކުރިއެރުމާ މަންފާ ލިއްބައި ދޭނެ
އާރުޓީއެލް ދަތުރު ފަތުރުގެ ނިޒާމަކީ ބޮޑުގެއްލުމެއް ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަގުހެޔޮ އަރާމު އަވަސް ދަތުރު ފަތުރުގެ ނިޒާމަކަށް ވުރެ ފައިދާ ބޮޑު ހިދުމަތެއް ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ނުއޮންނާނެއެވެ. ރަށު ބަންދުން ވީއްލި އެއްބަޔަކު އަނެއް ބަޔަކަށް ފެނިދެނި ވުމަށް ވުރެ ބޮޑު ފައިދާއެއް ނުއޮންނާނެއެވެ.
އެއްބަހެވެ. ރާއްޖޭގެ ރައްތައް ފެތުރިފައިވާ ގޮތުން މުޅި ރާއްޖެ ގުޅުވާދޭ ފެރީ ނިޒާމަކަށް ހިގާނެ ހަރަދު ވަރަށް ބޮޑުވާނެއެވެ. ހައިސްޕީޑް ލޯންޗް ފަހަރު ހޯދުމާއި ބެލެހެއްޓުމަށް ފިސާރި ފައިސާ ހޭދަވާނެއެވެ. މުއައްޒަފުންނަށް ހިނގާ ހަރަދު ލައްކަ ބޮޑުވާނެއެވެ. ތެލާއި މަރާމާތާއި ހިދުމަތް ރާވާ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މިލިއަން މިލިއަނުން ހަރަދު ވާނެއެވެ. ފަސިންޖަރުން އަތުން މަސް ދުވަހު ނަގާ ކުޑަކުޑަ އަގަކުން އެންމެ ދުވަހަކު ހިނގާ ހިންގުމުގެ ހަރަދު ވެސް ފޫ ނުބެއްދޭނެއެވެ.
ސަރުކާރުން ސަބްސިޑީ ދީގެން މިހާ އަގުބޮޑު ދަމަހައްޓަން އުނދަގޫ ހިދުމަތެއް ދޭން ފެށުމުން މާއްދީ ހަނި ވިސްނުމަކުން ވިސްނާ މީހަކަށް ކަމަކީ ކުރަން ހެޔޮނުވާ ވަރުގެ ކަމެއް ކަމަށް ދުށުމަކީ އެ މީހެއްގެ ވެސް އުނިކަމެއް ނޫނެވެ. ރައްޔިތެއްގެ މައްޗަށް ދައުލަތެއް ބިނާވެފައި އޮތުމުގެ އިހުސާސް ކުރާ އެއްވެސް މީހަކު އެޒާތުގެ ކަންކަމާ މެދު ނޭއްގާނި ވިސްނުމަކުން ނުވިސްނާނެއެވެ.
އާރުޓީއެލް ދަތުރު ފަތުރުގެ ނިޒާމުގެ ފައިދާ ހުރިހާ ދައިރާ އަކަށް ކުރިއެރުމާ މަންފާ ލިއްބައި ދޭނެކަން ހުޅުވިފައިވާ ސިކުނޑި އަކުން ވިސްނާލުމުން އެނގިގެން ދާނެއެވެ. ހިދުމަތް ލިބެން ހުރި ތަކާކަށް އަގު ހެޔޮކޮށް އަވަހަށް ގޮސް އެ ހިދުމަތެއް ލިބިގަތުމަށް އެ ނިޒާމު މަގު ފަހިކުރެއެވެ. އެއް ރަށެއްގައި އުފައްދާ އެތި ބޭނުންވާ އެހެން ރަށް ރަށުގައި ތިބޭ މީހުނަށް ފޯރުކޮށް ދެވެއެވެ. ކަމެއް ދިމާވުމުން ނުވަތަ އާއްމުކޮށް ކުރަންޖެހޭ ކަމެއް ކުރުމަށް އެހެން ރަށްރަށަށް ބޮޑުއަގު ދީގެން ކުރަން ޖެހުނު ދަތުރުތައް ކުރުމަށް ހޭދަކުރި ފައިސާ ފައިދާ ހުރި ކޮންމެވެސް އެހެން ކަމަކަށް ހަރަދު ކުރުމަށް މިހާރު ބެހެއްޓެއެވެ.
ސަރުކާރުން އޭރުޓީއެލަށް ސަބްސިޑީ ދީގެން ދަތުރު ފަތުރުގެ ނިޒާމު ހިންގާ ދެމެހެއްޓުމަކީ އެތައް ގޮތަކުން ރައްޔިތުންނަށާއި ސަރުކާރަށް އެންމެ ފައިދާ ހުރި އެއްކަމެވެ. ކޮންމެ އަތޮޅެއްގައި ޓަރޝަރީ ހޮސްޕިޓަލް ނާޅާ ދަތުރު ފަތުރުން ގުޅުމުން ރައްޔިތުންނަށް ޓަރޝަރީ ފެންވަރުގައި ސިއްހީ ހިދުމަތް ފޯރުކޮށް ދެވެއެވެ. ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ރަށުގައި ތިބެ މަތީ ތައުލީމަށް ކިޔަވަން ދެވޭނެއެވެ. އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ މީހާއަށް ރަށަށް ނިދަން އާދެވޭނެއެވެ. އިގުތިސާދީ ހަރަކާތްތައް ހުރިހާ ދިމާލެއްގައި ފެށި ގުޅުންތައް ބަދަހިވެ އެންމެން ރަށު ބަންދުން ވީއްލޭނެ ނިޒާމަކީ އާރޓީއެލްއެވެ. އާރުޓީއެލުން މުޅިރާއްޖެ ގުޅާލާ ސަބްސިޑީ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ދަތުރު ފަތުރުގެ ހިދުމަތް މި ސަރުކާރުން ދިނުމަކީ ރައްޔިތުން އުފަލުން ފޮޅުނު ކަމެކެވެ. ހެޔޮވެރިކަމެއް ކުރެވޭ ކަމުގެ އިހުސާސް ރައްޔިތުން ކުރަނީ ރަށު ބަންދުން ވީއްލިގެންނެވެ.