ހާރަކަސް ތަރާވީހަކަސް ހުރި މީހަކީ ޒަމީރު!
ހައްތަހާވެސް ޖަހަނީ ނުރައްކަލުގެ ރަނގަބީލު
ކަމަކުދާކަށް ނެތެވެ. މުއިއްޒު އޮޑީގެ ދިޔަތައްހަލައިފިއެވެ. ދިޔަވާން ފެށީ ކޮޅުމައްޔަލުންނެވެ. ގަދަ ކަނޑުގައި ދުއްވާލެވޭ ވަރަށްވުރެ ޅިހުބާރު މާދެރައީއެވެ. ޅިސްތައް ބިނދި މަޑޫތައް ވަކިނުވަނީސް ފަރުބޭރު އެރޭތޯ ކުރެވުނު ކަމެއް ނުކޮށެއް ނުވާނެތާއެވެ.
23 މިލިޔަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އަވަށްޓެރި ސްރީލަންކާގައި ވެސް ކެބިނެޓްގައި ތިއްބަވަނީ އެންމެ 25 ވަޒީރުންނެވެ. އަބާދީގައި ހަލައްކަ ހަމަ ނުވާ ދިވެހިރާއްޖޭގައި މުއިއްޒު ކެބިނެޓްގައި 22 ވަޒީރުން ތިބެއެވެ. މުއިއްޒުގެ ވެރިކަމަށް އަހަރުވެސް ނުވަނީސް އެންމެ މުހިންމު ދެ މިނިސްޓްރީގެ މިނިސްޓަރުން ބަދަލު ކުރުމަކީ އާދައިގެ ކަމަކަށް ނުވާނެއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯހުން ގޯހަށް ގޮސްފައިވަނިކޮށް މާލީ ވަޒީރު ވަކިކުރުމަކީ ލިބުނު ނުރައްކާތެރި ސިގްނަލެކެވެ. މާލީ ގޮތުން ހައްސާސް މި ދަނޑިވަޅުގައި ކަން ކަން ކުރަމުން އައި މާލީ ވަޒީރު ޝަފީގު އެއްފަރާތްކޮށް ހާރިޖީ ވަޒީރު ކަމުގައި ހުރި ޒަމީރަށް މާލީވަޒީރުކަން ދޭނީ ލައްކަ ގޮތް ހުސްވީމައެވެ. މުއިއްޒުގެ ބިޔަ ބޮޑު ކެބިނެޓްގައި ހާރަކަސް ތަރަވީހަކަސް ހުރި މީހަކީ ޒަމީރެވެ.
މުއިއްޒު ވެރިކަމުގައި ވޭތުވެދިޔަ ދިހަމަހު ހާރިޖީ ގުޅުންތައް ދަމަހައްޓާ ނަގަހައްޓަން ހުރީވެސް ޒަމީރެވެ. ދުނިޔޭގެ އެތަން މިތަނަށް ނާށިގަނޑު ހިފައިގެން ދުވީވެސް ޒަމީރެވެ. ގުޅުން ގޯސްވެފައިވާ އިންޑިއާގެ ވެރިންނާ ބަދަހި ގުޅުމެއް އުފެއްދޭތޯ ކުރިހާ މަސައްކަތެއް ކުރީ ޒަމީރެވެ. އިންޑިއާ އައުޓް މޭމަތީގައި ޖަހައިގެން ނުދުވާ މީހަކަށް ވެސް ހުރީ ޒަމީރެވެ. އިންޑިއާ- ރާއްޖެ ގުޅުމަށް ބުރޫ އެރިވަރާ ބަލާފައި އިންޑިއާ އާއި އެކު މަޝްވަރާ މޭޒަށް ދެވޭ ވަރަށް މަޝްރަހު ފިނި ކުރީ ވެސް ޒަމީރެވެ. އަންނަމަހު އިންޑިއާއަށް މުއިއްޒު ކުރުމަށް ރާވާފައިވާ ރަސްމީ ދަތުރުގެ މޭސްތިރިއަކީވެސް ޒަމީރެވެ. އިންޑިއާ ދަތުރު ބޯމަތިވެފައި ވަނިކޮށް ހާރިޖީވަޒީރު ކަމުން ވަކިކޮށް މާލީވަޒީރުކަމަށް ޒަމީރު ލާނީ އާދައިގެ ކަމަކާ ކަމަށް ބެލޭކަށް ނެތެވެ.
އެއްގޮތަކީ ރާއްޖޭގެ މާލީކަންކަން ބޮއްސުންލާ ނުހިފެހެއްޓިގެން މާލީ ވަޒީރު މަގާމުން ވަކިވުމެވެ. އަނެއްގޮތަކީ ރައީސް ބޭނުންވާހާ ގޮތަކަށް މާލީކަންކަން ނުކޮށްގެން މާލީ ވަޒީރު މަގާމުން ވަކިކުރުމެވެ. ދެ ގޮތުންކުރެ ކޮންމެ ގޮތެއް ދިމާވެގެން މާލީވަޒީރު މަގާމުން ދުރުކުރިޔަސް އެއްޔަކީ ފެހި ސިގްނަލެއް ނޫނެވެ. ދުނިޔެއަށް ވެސް އެ މަންޒަރު ފެންނާނީ މާކަ ތާހިރުކޮށެއް ނޫނެވެ.
ވިސްނާ ބަޔަކަށް މިހުރިއްޔަކީ ނުވީސްނޭ ވަރުގެ ކަންކަމެއް ނޫނެވެ. ސަރުކާރަށް ބޭނުންވީ ވަރަށް ބޮންޑަކަށް ފައިސާ ނުލިބުމުން ކުރީ ފަހަރު އުސޫލާއި ހިލާފަށް ބީއެމްއެލްގެ ބޯޑަށް ގެނައި ކުއްލި ބަދަލުގެ ހަނދާން ހުންނާނެއެވެ. ދައުރު ހަމަނުވަނީސް ކުއްލިއަކަށް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ބަދަލުކޮށް މާލީ ވަޒީރުގެ އެޑްވައިޒަރަށް ހުރި މުނައްވަރަށް ގަވަރުނަރުކަން ދިންތަންވެސް ފެންނާނެއެވެ.
ޑޮލަރު ތާށިވެ ގޮތް ހުސްވުމުން ބީއެމްއެލްގެ މުގޫކަމަށް ޒަމާނުއްސުރެ ގަބޫލު ކުރެވުނު އެތާނގެ ޑެޕިއުޓީ ސީއީއޯ ކުއްލިއަކަށް މަގާމުން ވަކިކޮށްލުމާއިއެކު ވެދާނެ ގޮތަކަށް ބެލުމެއް ނެތި ބީއެމްއެލް މާލީ ބަގަވާތެއް ކުރިކަމަށް ތުހުމަތުކުރީ ރޯމާދުވާލު އެންމެންގެ ކުރިމަތީގައެވެ. އިސާހިތަކު ބީއެމްއެލްގެ ސީއީއޯ ފުރައިގެން ގޮސް މަގާމުން އިސްތުއުފާ ދިންދިނުމާއި ބީއެމްއެލްގެ ބޯޑް ބަދަލު ކޮށްލުމަކީ ކުދިކުދި ކަންކަމެއް ނޫނެވެ. އެންމެ ފަހުން މިއަދު މާލީ ވަޒީރު މަގާމުން ވަކިކުރި ކުރުމަކީ އެއް ރޮއްޖަކަށް އަމުނާލެވިފައިވާ ގިލަ ފައްޗެއްކަން ދުނިޔޭގެ މާލީ އިދާރާތަކާއި ގައުމުތަކުގެ ވެރިންނަށް ވެސް ސާފުވާނެއެވެ. ހައްތަހާވެސް ޖަހަމުންދާ ނުރައްކަލުގެ ރަނގަބީލެވެ.