ޑިމޮކްރަސީއަކީ އެހިނދަކަށް ނަޝީދު ގަބޫލުކުރާ ގޮތް!
ދުނިޔޭގެ ބެސްޓްޕްރެކްޓިސްއާއި ޑިމޮކްރަސީ އޮންނަނީ ނަޝީދު ނޫން އެހެން މީހުންނަށް!
މުގާބޭ ވެރިކަމަށް އައީވެސް ޑިމޮކްރޭޓިކް ލީޑަރެއްގެ ގޮތުގައެވެ. މައުމޫނުގެ ދިމިގްރާތީގައި މުޅި ގައުމަކީ މައުމޫނެވެ. ނަޝީދުގެ ޑިމޮކްރަސީގައި އެމްޑީޕީއަކީ ނަޝީދެވެ. މައުމޫނާއި ނަޝީދުގެ ޑިމޮކްރަސީއަކީ މަވެތިކަމެވެ. އެހެނެއް ކަމަކު ދުނިޔޭގައި ޑިމޮކްރަސީއަކީ ވަކި މީހަކު ބޭނުންހާ ގޮތަކަށް މޮޑޭ ފުއްގަނޑެއް ނޫނެވެ. ވަކި މީހަކަށް ހެޔޮވަރަށް ފަހާ ކޯޓެއް ނޫނެވެ.
އެމްޑީޕީ ވުޖޫދުވެގެން އައީ ރާއްޖޭން މައުމޫނިޒަމް ފުހެލާ ދުނިޔެ ގަބޫލުކުރާ ފުރިހަމަ ޑިމޮކްރަސީއެއް ގާއިމު ކުރާށެވެ. ރައީސް މައުމޫނު ތިރީސް އަހަރު ވެރިކަން ކުރުމުން ދުނިޔެ އުމުރަށް އެކަކަށް ވެރިކަން އޮންނަ އޮތުން ބަދަލު ކުރުމަށެވެ. ދެ ދައުރަށް ވުރެ ގިނަ ދުވަހު އެކަކުވެސް ވެރިކަން ނުކުރާނެ ނިޒާމެއް ގާއިމު ކުރާށެވެ. މެޖޯރިޓީއަށް ބޯލަބާ މުޖުތަމައެއް ބިނާ ކުރާށެވެ.
ވަކި މީހަކީ މުޅި ގައުމު ކަމުގައި އޮތް އޮތުން ބަދަލު ކުރުމަކީ އެމްޑީޕީގެ އަމާޒެވެ. ރައްޔިތުންގެ ގިނަ ބަޔަކު ރުހޭ ގޮތަށް ގިނަ ބަޔަކު ގޮވައިގެން ވެރިކަން ކުރުމަކީ އެމްޑީޕީ ތައާރަފް ކުރި ޑިމޮކްރަސީއެވެ. ވަކި މީހެއްގެ ވަށައިގެން އެނބުރޭ ވަކި މީހަކު ބޭނުންވާހާ ގޮތަކަށް ކަންކަން އެނބުރާ އެނބުރުން ބަދަލު ކުރުމަކީ އެމްޑީޕީ ގަބޫލުކުރާ ޑިމޮކްރަސީއެވެ.
ރިޔާސީ އިންތިހާބަކުން ފޭލިވުމުން އެމީހަކަށް ތިންވަނަ ފަހަރަށާއި ހަތަރުވަނަ ފަހަރަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޖާގަ ނުދިނުމަކީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއެވެ. ސިޓިންގ ޕްރެސިޑެންޓަށް ދެވަނަ ދައުރަށް ޖާގަ ދިނުމަކީ ދުނިޔޭގައި ގެންގުޅޭ ޑިމޮކްރެޓިކް ރީތި އުސޫލެކެވެ. އެކަމަކު ރައީސް ނަޝީދާ ޖެހުމުން އެމްޑީޕީ ގަބޫލު ކުރި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްގެ ހުރިހާ އުސޫލުތައް އެފުށް މިފުށަށް ޖަހަން ޖެހެއެވެ. ވާދަވެރި އިންތިހާބަކާ ނުލާ ރިޔާސީ ޓިކެޓް ވެސް ރައީސް ނަޝީދަށް ވިއްޔާ ލިބެން ޖެހެއެވެ.
އަނެއްކޮޅުން ޕާޓީގެ ޕްރައިމަރީއެއްގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް އަރާ ޕާޓީއަށް އިންތިހާބު ކާމިޔާބު ކޮށްދޭން މަސައްކަތް ކުރުމަކީ ދުނިޔެ ގަބޫލުކުރާ ރީތި ހަމައެވެ. ފެށުނީއްސުރެ ރައީސް ނަޝީދު ވަކާލާތުކޮށް ބާރު އަޅުއްވާ ހެއްދެވީ އެމްޑީޕީގެ ތެރޭގައި އެ ހަމަ ހިފެހެއްޓެވުމަށެވެ.
ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓް ކާމިޔާބު ކުރާ ކެންޑިޑޭޓަށް ގޮނޑި ކާމިޔާބު ކޮށްދޭން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެތައް ފަހަރަކު އެތައް ތަނެއްގައި ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވިއެވެ. ކިތަންމެ ބާރަށް ރައީސް ނަޝީދު އެހެން ވިދާޅުވަމުން ދިޔަޔަސް އެމަނިކުފަނާ ޖެހުމުން އެރީތި ހަމަ އަކީ އެމަނިކުފާނަކަށް ޑިމޮކްރަސީއަކަށް ނުވެއެވެ. އެމަނިކުފަނާ ޖެހުމުން މެންބަރުންނަށް ދައްކަވަނީ އެހެން މިސާލެކެވެ.
ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއްގައި ގިނަ މީހުންނަށް ފެންނަ ގޮތަކީ ގޮތަކަށް ނުވެއެވެ. މަޖިލީހުގައި ވެސް ޕާޓީ ވިޕްލައިނަށް ތަބާ ވާން ޖެހެނީ ރައީސް ނަޝީދު ނޫން އެހެން މީހުނެވެ. ރައީސް ނަޝީދު އެދިވަޑައި ނުގަންނަވާ ގޮތަކަށް ވިޕްލައިނާ ހިލާފުވުމުން ފިޔަވަޅު އަޅާ ޕާޓީން ވަކިވެސް ކުރެއެވެ. ރީކޯ މޫސައަކީ އޭގެ މިސާލެކެވެ. ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއްގައި ވިޕްލައިނާ ހިލާފުވާން މެންބަރުންގެ ސޮއި ހޯދާ ވިޕްލައިނާ ހިލާފުވުމަކީ މައްސަލައަކަށް ނުވެއެވެ. ރައީސް ނަޝީދަށް މެޖޯރިޓީއަށް ތަބާވެ ވަޑައިގަތުމަކީ އޮންނަ ކަމެއް ނޫނެވެ.
ރައީސް ނަޝީދާ ޖެހުމުން ޑިމޮކްރަސީއަކީ އެހިނދަކަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތެވެ. އެމަނިކުފާނު ވިދާޅު ބަސްފުޅެވެ. ދުނިޔޭގެ ބެސްޓްޕްރެކްޓިސްއާއި ޑިމޮކްރަސީ އޮންނަނީ ނަޝީދު ނޫން އެހެން މީހުންނަށެވެ.