ރައްޔިތުންނިކުމެ އިންގިލާބު ކޮށްލުމަކީ ބަގާވާތެއްނޫން!
ގާނޫނުއަސާސީގެ ހަމަތައް މުގުރާލުމުން ވެރިކަމުން ދުރުކުރަން ލާޒިމް
ގާނޫނަކުން މަނާނުކުރާ ކޮންމެ ކަމަކީ ހުއްދަ ކަމެކެވެ. ރާއްޖޭގެ ގާނޫނުއަސާސީ ބުނަނީ އެހެންނެވެ. ދުނިޔޭގެ ސުންނަތަކީވެސް އެއީއެވެ. އިންގިލާބު ކޮށްލުމަށް ރައްޔިތުން ނިކުތުމަކަށް ގާނޫނު މަނާއެއް ނުކުރެއެވެ.
ހަގީގަތުގައި ވެރިކަމުގެ ބާރުފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ވެރިކަމުގެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ އަަތްމަތީގައެވެ. ވެރިކަން ހިންގުން މީހަކާ ހަވާލު ކުރަނީ ރައްޔިތުންނެވެ. ބޭނުންވުމުން ވެރިކަމުން އެމީހަކު ދުރުކުރުމަކީވެސް ރައްޔިތުންނަށް އޮންނަ ހައްގެކެވެ.
ގާނޫނު އަސާސީއެއް ހަދައިގެން ތަރުތީބަކުން ކަންކަން ކުރަނީވެސް ރައްޔިތުން ބޭނުންވެގެންނެވެ. ގާނޫނުއަސާސީގައި ވާގޮތަށް ވެރިކަން ކުރަން ހަވާލުކުރާ މީހާ ހިތުހުރި ގޮތަކަށް ވެރިކަން ކުރަން ފެށީމާ ވެރިކަމުން ދުރުކުރުމަކީ ގާނޫނުއަސާސީ އުވާލައިގެން ވިޔަސް ރައްޔިތުންނަށް އޮންނަ ބާރެކެވެ.
ގާނޫނު އަސާސީގައި މުއްދަތެއް ކަނޑައަލާފައި އޮތަތީ ކުރާނެހާ ކަމެއްކުރަން ދައުރު ހަމަވަންދެން ވެރިކަން ހަވާލުކުރި މީހާ ބަހައްޓާކަށް ރައްޔިތުންނަށް ލާޒިމެއް ނޫނެވެ. ގާނޫނުއަސާސީއެއް އޮވެ އޭގެ ހަމަތައް ވެރިކަން ކުރާމީހާ މުގުރާލުމުން އެ މީހާ ވެރިކަމުން ދުރުކުރަން ރައްޔިތުންނަށް ހުރަހެއްނެތެވެ. ރައްޔިތުން ބޭނުން ވެއްޖެނަމަ ވެރިމީހާ ވެރިކަމުން ބޭލުމާއި ގާނޫނު އަސާސީ ހިމާޔަތް ކުރުން ނުވަތަ ބަދަލުކުރުމަކީ ރައްޔިތުންނަށް ލާޒިމުކަމެކެވެ.
ގާނޫނު އަސާސީ ނިވާފަތް ގަޑަކަށް ހަދައިގެން ވަކި މީހަކު ނުވަތަ ވަކިބަޔަކު ހިތުހުރި ގޮތަކަށް ރައްޔިތުންގެ ބާރުކަނޑުވާލާނަމަ އެ މީހެއްގެ ނުވަތަ އެ ބައެއްގެ ބާރު ކަނޑުވާލުމަކީ ރައްޔިތުންނަށް އޮތް ހައްގެކެވެ. ގާނޫނު އަސާސީން ލިބިދިން ބާރެއް ނުހަމަ ގޮތުގައި ބޭނުންކޮށްގެން ގާނޫނު އަސާސީއަކީ ވެރިމީހާގެ ގަޔަށް ހެޔޮވަރަށް ފާހާފައިއޮތް ކޯޓަކަށް ހެދުމުން ގާނޫނު އަސާސީ އުވާލައިގެންވެސް ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތްމަތީގައި ދަމަހައްޓަން ޖެހެއެވެ.
ވެރިކަންތައް އިންގިލާބު ކުރުމަކީ ދުނިޔެއާއި ރާއްޖޭގައި އައުކަމެއް ނޫނެވެ. ގާނޫނު އަސާސީ ވީދާލުމަކީވެސް ދިވެހިން ނުދަންނަ އައުކަމެއް ނޫނެވެ. ވެރިކަމުގައި ތިބޭ ބަޔަކު ރައްޔިތުންގެ ބާރު ކަނޑުވާލުމުން ރައްޔިތުން ނިކުމެ އެވެރިކަމެއް އިންގިލާބު ކޮށްލައެވެ. ރައްޔިތުން ނިކުމެ ވެރިކަން އިންގިލާބު ކޮށްލުމަށްފަހު ވެރިކަން ހިންގާނެ ގޮތް އަލުން އެކަށައަޅައިގެން ވެރިކަން ހިންގުން ތަރުތީބު ކުރަނީ އެއްތާކު ދެތާކު އެއްފަހަރަކު ދެފަހަރަކު ނޫނެވެ. ރައްޔިތުންގެ ބާރު ދަމަހައްޓާ ނެގެހެއްޓުމަށް މަޖުބޫރުވުމުން ރައްޔިތުންނިކުމެ އިންގިލާބު ކޮށްލުމަކީ ލާޒިމް ކަމެކެވެ.