ރަސްމާލެއަކީ ހުޅުމާލެއިން ބައެއް ވިއްކާލަން ހިންގި ސްކޭމެއް!
މުޅި ރަސްމާލެ ޕްރޮޖެކްޓްގެ ފަހަތުގައި އޮތީ ވައްކަން
ރަސްމާލެ ހިއްކަން ރާޖޫ އާއި އެކުގައިވީ އެއްބަސްވުން އުވާލުމަކީ އަޖައިބެއް ނޫނެވެ. ކަމަކީ ތަރުތީބު ވެގެން ރޭވިގެން ހިނގާ ދިޔަކަމެކެވެ. ރަސްމާލެ ހިއްކާ ތަރައްގީކުރަން އެހެން ގޮތެއް ހޯދާ ވާހަކަ މުއްތޮލިބެއް ކަމަކު ނުދައްކާށެވެ. ރަސްމާލެ ހިއްކާ ތަރައްގީ ކުރުމަކީ ކުރާކަށް އުޅުނު ކަމެއް ނޫނެވެ.
ރަސްމާލެ ހިއްކާށޭ ކިޔައިގެން މުއިއްޒު ކުރަން އުޅުނު ކަންތައް ވެއްޖެއެވެ. މުއިއްޒު ކުރަން އުޅުނު ކަމަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަޖިލިސް ގަންނަން ފައިސާ ހޯދުމެވެ. ރަސްމާލެ ހިއްކުމުގެ ނަމުގައި ރާޖޫ ކިޔާ މީހަކަށް މާލެ ސަރަހައްދުން ބިންތަކެއް ދޫކޮށް އޭނާ ލައްވާ އެބިންތައް ވިއްކައިގެން މުއިއްޒު ރާޖޫ އަތުން ނަގަން ބޭނުންވި ބޮޑު ކަޓު ނަގާ ނިމިއްޖެއެވެ. އެ ހިސާބުން ރަސްމާލެ އެ ނިމުނީއެވެ.
ރަސްމާލެއަކީ ހިޔާލީ ފޮލާއެކެވެ. އޮޅުވާލުމެކެވެ. ސްކޭމެކެވެ. ރަސްމާލެ ނަމުގައި ހިއްކިތަން ކޮޅެއް ހިއްކީ އެމްޓީސީސީގެ ޑްރެޖަރ ބޭނުން ކޮށްގެންނެވެ. ރާޖޫއަކު ކުރިކަމެއް އެތާކުނެތެވެ. އެއީ ހަމަ އެކަނި ދައްކާލުމެކެވެ. މުޅި ރަސްމާލެ ޕްރޮޖެކްޓްގެ ފަހަތުގައި އޮތީ ވައްކަމެވެ.
ރާޖޫއާއި އެކު އެގްރިމަންޓް ކުރީވެސް ވަކި ހިސާބަކުން އެގްރިމަންޓް ބާތިލުކުރަން އެއްބަސް ވެގެންނެވެ. އެގްރިމެންޓް ބާތިލު ކުރުމުގެ ކުރީން ބިންތަކެއްދީ އެ ބިންތައް ވިއްކާފައި ފައިސާގެ އެއްބައި މުއިއްޒަށް ދިނުމަށް އެއްބަސްވެގެންނެވެ.
އެކޯސިޓީ ވާހަކައާއި ޓަނަލްގެ ވާހަކަ ދައްކައިގެން ރައްޔިތުން ގުނބޯ ހެއްދީ މަޖިލީހުގެ އިންތިހާބު ނިމެންދެނެވެ. އިންތިހާބު ނިމިއްޖެއެވެ. 80 ގޮނޑި މުއިއްޒު ގަނެފިއެވެ. ކޯޓުތަކާ އޭސީސީއާއި އޮޑިޓަރ ޖެނެރަލް މަޖިލީސް މެދުވެރިކޮށް ތިބީ ޗޭނު ޖަހާފައެވެ.
ރާޖޫ ވިއްކާލި ބިންތައް ވިއްކި ބަޔަކަށް ވިއްކާ ވިޔަފާރި ނިމިއްޖެއެވެ. ގަތް މީހުންގެ އަތުން ބިންތައް އަނބުރާ އަތުލާދެވޭނެ ކޯޓެއް ފުލުހެއް ނުއޮންނާނެއެވެ. ބިންތައް ހޯދަން އުޅޭގޮތް ސަރުކާރުން ދައްކާލާނެއެވެ. ދައްކާލާއިރަށް ބިންގަތް މީހުން ބޮޑު ވަރަކަށް ރާޖޫއާ ދެކޮޅަށް ކުރާނީ ދައުވާއެވެ. ދައުވާ ކުރިއަށް ނުކަނޑާ އޮވެ ބިންތަކުގައި ބިނާތައް ހެދި ނިމޭނީއެވެ.
ކޯޓުން ރާޖޫއާ ދެކޮޅަށް މައްސަލަ ބަލާގޮތް ދައްކާލުމުން ލިބުނު މޮޅައިގެން ރާޖޫ ފިލާ ރައްކާވީމާ ނިމުނީއެވެ. އަމިއްލައަށް އެގްރީމަންޓް ބާތިލު ކުރުމުން ދައުލަތުން ގެއްލުމުގެ ބަދަލު ހޯދަން ދާނެ ތަނެއް ނުއޮންނާނެއެވެ. ދުނިޔޭގެ ކޯޓަކަށް ދިޔަސް އެންމެ ފަހުން ރާޖޫއަށް ބަދަލުދޭން ޖެހޭނީ ދިވެހި ސަރުކާރަށެވެ. މުއިއްޒުގެ ނުބައި ނުލަފާކަމުން ދައުލަތުން ބޮޑު ހޭދަކޮށްގެން ހިއްކާފާ އޮތް އެތައްހާސް އަކަފޫޓެއްގެ ބިން ގެއްލި އެ ބިން ހިއްކަން ނެގި ލޯނު ދައްކާލަ ދައްކާލާ ދައުލަތް އޮއްވާ މުއިއްޒުގެ ވެރިކަމުގެ ދައުރުނިމި އަތް ތަޅާލާފައި މުއިއްޒު ބަޗާނީއެވެ. ހުރިހާ ދެރައެއް ރައްޔިތުންނަށެވެ.