ރައްޔިތުން ބިކަކުރާ ދިވެހީންގެރާއްޖެ
ބަދަލު ކޮށް ކަނޑާލާނީ ރައްޔިތުންގެ ލުއިފަސޭހައަށް ދެވޭ ސަބްސިޑީތައް
ހަރަދު ކުޑަކުރުމުގެ ނަމުގައި އާއްމު ރައްޔިތުންނަށްދޭ ސަބްސިޑީތައް ކަނޑާލަން ސަރުކާރުން ދަނީ ރާވަމުންނެވެ. ސަރުކާރަށް ބޮޑުވެގެން އުޅެނީ އާއްމު ރައްޔިތުންނަށް ދޭލުއިތައް ދިނުމެވެ. ސަރުކާރަށް ހަރަދު ބޮޑުވަނީ އާއްމު ރައްޔިތުންނަށްދޭ ހިދުމަތަށް ސަބްސިޑީ ދޭންޖެހޭތީ ކަމަށް ސަރުކާރުން ދަނީ ހުއްޓާނުލާ ދައްކަމުންނެވެ.
ފަސްހަހާސް ސިޔާސީ މަގާމު އުފައްދައިގެން އެ މަގާމުތަކުގައި ތިބޭ މީހުންނަށް އަތްގުޅި ނުކާވަރުގެ މުސާރައާއި އިނާޔަތް ދޭކަށް ސަރުކާރަކަށް ހަރަދު ބޮޑެއް ނޫނެވެ. އީދު ފާހަގަ ކުރަން ކުލަބޮކި ދިއްލަން އެތަން މިލިޔަން ރުފިޔާ ތަޅާ ބުރުސާލާކަށް ބޮޑުކަމަކަށް ނުވެއެވެ. ރައީސްގެ ޝާހީ ދިރިއުޅުއްވުމަށް ކޮންމެ މަހަކު އެތައް މިލިޔަން ރުފިޔާ ހަރަދު ކުރާކަށް ބޮޑެއް ނޫނެވެ. ބޮޑުފާލަން ރޫޅާލާ އަލުން ހެދުމަށް އެތައް މިލިޔަން ހަރަދު ކޮށްލުން ބޮޑެއް ނޫނެވެ.
22 މިނިސްޓްރީ އުފައްދާ އެ ތަންތަން ހިންގަން އަމިއްލަ މީހުންގެ އިމާރާތްތައް ހިފައިގެން ބިލިޔަނުން ކުލި ދައްކާކަށް ބޮޑެއް ނޫނެވެ. ބިލިޔަނުން ހަރަދުކޮށްގެން ވަޒީރުންނަށް ކާރު އައު ކޮށްދޭކަށް ބޮޑެއް ނޫނެވެ. ކަމެއްވާއިރަށް ހަވާއަރުވަން މިލިޔަނުން ހޭދަކުރާކަށް ބޮޑެއްނޫނެވެ. ކަންދައްކަން ޑްރޯންގަންނަން އެތައް މިލިޔަން ހޭދަކުރަން ބޮޑެއްނޫނެވެ. ބައިހަދާފައި ފަސްޓްކްލާހުގައި ދަތުރުކުރާކަށް ބޮޑެއް ނޫނެވެ. ވެރިކަމުގެ ފާޓުފުޅާ ކުރުމަށް ހުއްޓާނުލާ ކުރާ ހޭދައިގެ ވާހަކަ ދައްކާ ކޮޅުން ލާކަށް ނެތެވެ.
ބޮޑު ހަރަދަކީ ކަރަންޓާ ފެނަށް ސަބްސިޑީ ދިނުމެވެ. ކާޑާއި ތެލަށް ސަބްސިޑީ ދިނުމެވެ. އުމުރުން ދުވަސްވީ މީހުންށާއި ހާއްސައެހީއަށް ބޭނުންވާ މީހުނަށް އިނާޔަތް ދިނުމާ ބެލެހެއްޓުމެވެ. އެކަނިވެރި މައިންބަފައިންނަށް އިނާޔަތް ދިނުމެވެ. އާރުޓީއެލް ފެރީއާއި ބަހުގެ ހިދުމަތަށް ސަބްސިޑީ ދިނުމެވެ. ސިވިލްސާވިސް މުއައްޒަފުންނަށް އިނާޔަތް ދިނުމާއި އޯޓީ ދިނުމެވެ. ވަޒީފާ އަދާކޮށްގެން ޖަމާކުރާ އަމިއްލަ ޕެންޝަން ފައިސާކޮޅު ދިނުމެވެ. މިނޫންވެސް ސަބްސިޑީތަކާއި އިނާޔަތް އާއްމު ރައްޔިތުންނަށް ދައުލަތުން ދިނުމަކީ އޮންނަނީ އިސްރާފަށް ވެފައެވެ. ހަރަދު ބޮޑުވެފައެވެ.
ލަހެއްނުވެ ދެމުންދިޔަ އެތައް ސަބްސިޑީއަކާއި އިނާޔަތްތައް ކެނޑިގެން ދާނެއެވެ. އެތެރެކުރާ ކާޑުގެ ބޮޑުބައި ކަނީ ބޭރު މީހުންނޭ ބުނެ ކާޑުގެ ސަބްސިޑީ ކަނޑާލާނީއެވެ. އާރުޓީއެލް ފެރީގެ ހިދުމަތަށް ސަބްސިޑީ ދިނުންވެސް އިސްރާފަކަށްވެ ހީލަތްތެރި ގޮތަކަށް އެކަންވެސް ނިމުމަކަށް ގެންނަން ރޭވެނީއެވެ. އުމުރުން ދުވަސްވާ މީހުނަށްދޭ ޕެންޝަން މުރާޖިއާކޮށް އިސްލާހުކުރާ ނަމުގައި ބަދަލުތަކެއް ގެނަސް އޭގައި އޮބި އަޅުވަނީއެވެ. މުއައްޒަފުންގެ ޕެންޝަން ފަންޑްގައި ހުރި ފައިސާއަކީ ވެސް މަރުފުށު ކަމަކަށްވެސް އަތްނުލެވޭ ގޮތަށް ހުންނަ އަދަދުތަކަކަށް ހަދަނީއެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ދޭ އެހީއާއި އެކަނިވެރި މައިންބަފައިންނަށްދޭ އިނާޔަތް ދިނުންވެސް ނިމުމަކަށް ގެންނަނީއެވެ. ސިވިލް ސާރވިސް މުއައްޒަފުން މަދުކޮށް އިނާޔަތްތައް އުނިކޮށް އޯވަޓައިމް އެއްގޮތަކަށްވެސް ނުދޭނެއެވެ.
އާއްމު ރައްޔިތުންނަށްދޭ އިނާޔަތާއި ސަބްސިޑީ އާއި ސިވިލްސާރވިސް މުއައްޒަފުންނަށް ކުރެވޭ ހޭދަ ދެކެނީ ކުރެވޭ އިސްރާފެއްގެ ގޮތުގައެވެ. ބޭކާރު ހަރަދެއްގެ ގޮތުގައެވެ. ދުނިޔޭގެ މާލީ އިދާރާއަކުން ހަރަދު ކުޑަކުރަން މަޝްވަރާ ދޭއިރަށް ކުޅެގަންނާނީ ސިވިލްސާރވިސްގެ މުއައްޒަފުންގެ އާމްދަނީއާއެވެ. ކަނޑާލާނީ އިތުރު ގަޑިއާއި އިނާޔަތްތަކެވެ. ބަދަލު ކޮށް ކަނޑާލާނީ ރައްޔިތުންގެ ލުއިފަސޭހައަށް ދެވޭ ސަބްސިޑީތަކެވެ. އިތުރު ކުރަނީ ނަގާ ޓެކްސްއެވެ. ބޮޑުކުރަނީ ހިދުމަތުގެ އަގެވެ. އުފައްދާ ބޮޑުކޮށް އިތުރު ކުރަނީ ސިޔާސީ ހަރަދެވެ.