ގަންނަން އަތުވެއްޖެއްޔާ ހުކުރުމިސްކިތާއި މުންނާރުވެސް ވިއްކާލާނެ!

ރަސްމާލެ ވިއްކަނީ ކާޑާ ތެލާ ބޭހާ ގަނެވޭނެ ވަރަށްވެސް ފައިސާ ނެތިގެން

ގަންނަން އަތުވެއްޖެއްޔާ ހުކުރުމިސްކިތާއި މުންނާރުވެސް ވިއްކާލާނެ!

ބޯހިޔާވަހިކަމަށް ހައްލު ހޯދާދިނުމުގެ ނަމުގައި މުއިއްޒު ހިއްކަންފެށި ފުށިދިއްގަރުފަޅުން ހިއްކަން ނިންމާފައިވާ ސަރަހައްދުން 1/2 އަބޫދާބީ ކުންފުންޏަކަށް ދިނުމަކީ ރަސްމާލެއަކީ އެއްވެސް ޕްލޭނެއް އުސޫލެއްނެތި ހިއްކަންފެށިތަނެއްކަން ކަށަވަރުވެގެން ދިޔަކަމެކެވެ. މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ ބަޖެޓްވެސް ނެތި ފުށިދިއްގަރުފަޅު ހިއްކަން ދިމާކުރީ ގޯތި ގެދޮރުނެތް މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭންނޫންކަން ކަށަވަރުވީއެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި މާލެ ސަރަހައްދުން ދީފައިވާ ގޯތިތައް ނުދީ އެ ގޯތިތައް ރަސްމާލެއަށް ބަދަލުކޮށް ނުދީ ދަންމާލަން ޖެހި ޗައްކަރަކަށް ނޫނީ ރަސްމާލެ ހިއްކުންނުވެއެވެ. ބިއްލޫރި ޓަނަލް އަޅާދޭނެކަމުގެ ހުވަފެން ދައްކައިގެންވެސް މުއިއްޒު އުޅުނީ މާލެ ސަރަހައްދުން ދީފައިވާ ގޯތިތައް ނުދީ ހިފެހެއްޓުމަށެވެ. ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ނުދީ އެގޯތިތައް ރަސްމާލެއަށް ބަދަލުކޮށް މާލެ ސަރަހައްދުގެ އެބިންތަކަކީ ވެރިން ކިރުފެލާ ގެރިއެއްގެ ގޮތުގައި ބޭއްވުމަށް ރޭވި ހީލަތްތެރި ރޭވުން ކާމިޔާބު ނުވުމުން މިހާރު ރަސްމާލެ ވިއްކާލުމަށްވުރެ މޮޅު އެހެން ގޮތެއް މުއިއްޒަކަށް ނެތެވެ. 

ނަރަކައަށް ދަރުކޮށިއަސް ޔަހޫދީންނަށް ފަންޑްކުރިޔަސް މުއިއްޒަށް ރަސްމާލެ ވިއްކާލުންނޫން ގޮތެއް ނެތެވެ. އެތެރެޢައި ބޭރުގެ ދަރަނި ބޮޑުވެގެން ގޮސް ބޯހިކޭކަށް ނެތެވެ. ކާޑާއި ބޭހާއި ތެލާ ގަންނާނެ ފަދަވެސް ސަރުކާރުގައިނެތެވެ. ސަރުކާރު މުއައްޒަފުންނަށް މުސާރަދެވޭނެ ގޮތެއްނެތެވެ. ސަރުކާރު ކުންފުނިތަކާއި ޕެންޝަން ފަންޑް ހުސްވެއްޖެއެވެ. ޓީ ބިލެއް ބޮންޑެއް ގަންނާނެ ބަޔަކު ނުވިއެވެ. ލޯނެއް ހިލޭ އެހީއެއް ހޯދަން ދާނެ ތަނެއް ނެތެވެ. 

ކިތަންމެ ވަރުގަދަ އެއްބަސްވުމެއް ހަދައިގެން ވިޔަފާރިކުރިޔަސް ރާއްޖޭގައި ބޭރު ކުންފުނިތަކުންނާއި އަމިއްލަ ވިޔަފާރިވެރިން ހިންގާ ރިސޯޓުތަކަކީ ސަރުކާރުގެ މިލްކުކަމަށް ބުނެ އެތަންތަނުން ލިބޭ އާމްދަނީއަކީ ސަރުކާރަށް ބޭނުންވުމުން ބޭނުންހާ ގޮތެއް ހެދޭނެ އެއްޗެއް ކަމަށް ބުނެ ތޫރިޒަމް އިންޑަސްޓްރީ ފުނދާލަން މަސައްކަތްފެށީ މިދާކަށް ދުވަހުއެވެ. ބައިނަލްއަގުވާމީ ޓްރެވެލް އެޖެންޓުންނާއި ޓުއަރއޮޕަރޭޓަރުންނަށް ޓެކް ދައްކަން މަޖުބޫރު ކުރުވީ އިހައްދުވަހުއެވެ. އެގޮތަށް ސަރުކާރަށް އަތްދަރާ ނުލެވޭގޮތަށް އޮތް ދެ ކުންފުނިކަމަށްވާ ދިރާގާއި އެމްޑަބްލިޔުއެސްސީ ގެ ބޭރު ހިއްސާތައް އަތުލަން އުޅެގަތީ މިމަހުއެވެ. ދިރާގާއި އެމްޑަބްލިޔުއެސްސީ އަތް ބާރު ފޯރުވާ އެ ދެ ކުންފުނި ނޮޅާލަން ވެސް ދެއްކީ ގައުމުގެ މިލްކިއްޔާތު ބޭރުބައެއްގެ އަތްމަތީގައި ނުބޭއްވުމުގެ ބަހަނާއެވެ. މި ހުރިހާކަމެއްގެ ފަސްމަންޒަރަކީ އެންމެ ކަމެކެވެ. ދައުލަތް ހިންގޭ ވަރަށް ފައިސާ ނެތުމެވެ. 

ރަސްމާލެ ވިއްކާލާތީ ހައިރާނެއް ނުވެއެވެ. މުއިއްޒުގެ ބޫތުކެއުން ހުރި މިންވަރާއި ގައުމަށް މުއިއްޒު ޖައްސާފައި އޮތް ހާލުން ކޮންމެ ތަމެއްވެސް މުއިއްޒު ވިއްކާލަފާނެއެވެ. ބަނޑޭރިކޮއްޓާއި މުލިއާގެއާއި ހުކުރުމިސްކިތާއި އިސްލާމީމަރުކަޒު ގަންނަން ބަޔަކުއަޔަސް ކުޑައަގަކަށް އެތަންތަން މުއިއްޒު މިހާރު ވިއްކާލާނެއެވެ،